ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރުގަދަކުރަންޖެހޭ

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރުގަދަކުރަންޖެހޭ

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2021 11:14
0

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ވަރުގަދަކުރަންޖެހޭ ކަމުގައި ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށްވުރެ ބަދަހިވެ ވަރުގަދަވާން ޖެހޭކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ލޯތްބާއި، އަޅާލުމާއެކު ރައްކާތެރިކަމުގައި ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ޤައުމު ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެއްކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ކުއްޖާގެ ޢާއިލާއަށް ތައުޒިޔާ ކިޔައި، ކުއްޖާގެ ފުރާނައަށް ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމަށް އެދޭ ޙާލު، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި މިނިސްޓަރ ވަނީ ދުޢާ ދަންނަވާފައެވެ.

މި މައްސަލައާއި ގުޅިގެން ކުއްޖާ ހޯދަމުން ދަނިކޮށް އެ ކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 އެހާކަންހާއިރުއެވެ. އަދި ކުއްޖާ ފެނުނީ މަރާލާފައި އެއްލާލާފައި އޮއްވާ ހުޅުމާލޭ ފޭސް2 ގެ ތެރެއިންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި ކުއްޖާ ފެނުނީ މަރާލުމަށްފަހު ފޮއްޓަކަށް ލާ މޫދަށް އެއްލާލާފައި އޮއްވާއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ދެމީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ އުމުރުން 17 އަހަރުގެ ފިިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ.

މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ. އެނގިފައިވާ ގޮތުގައި މި ކުއްޖާއަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް އެކުއްޖާގެ ހަށިގަނޑު ފެންނަން އެބަހުރިއެވެ.ފުލުހުން ވިދާޅުވީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.