ހުސްވެފައިވާ އިލެކްޝަން ކޮމިޝަންގެ ރައީސްގެ މަޤާމަށް ޝައުގުވެރިކަން ހުރިކަމަށް އެކޮޮމިޝަންގެ މެމްބަރު ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމު ހުސްވެފައިވަނީ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި އަހުމަދު ޝަރީފް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޝަރީފް މަޤާމުން އިސްތޮއުފާ ދެއްވީ ސިޔާސީ މަސައްކަތްތަކެއް ކުރެއްވުމަށް ސިޔާސީ މަޤާމަކަށް ވަޑައިގެންނެވުމަށެވެ.
ޤާނޫނުގައިވާ ގޮތުން އިލެކްޝަން ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް މެންބަރުކަމުން އިސްތިޢުފާ ދެއްވައިފިނަމަ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މެންބަރަކު އައްޔަންކުރަންޖެހެއެވެ. އެހެން ނަމަވެސް 60 ދުވަހުގެ ތެރޭގައި މެންބަރަކު އައްޔަން ނުވާނަމަ ކޮމިޝަންގައި ތިބި 4 މެންބަރުންގެ މެދުގައި ނަގާވޯޓަކުންވެސް ކޮމިޝަނުގެ ރައީސް ކަނޑައެޅިދާނެއެވެ.
އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ ރައީސްކަމަށް ފުއާދު ޝައުގުވެރިކަން ފާޅު ކުރައްވާފައިވާއިރު، ރައީސްކަމުގެ މަޤާމަށް ފުއާދު އައްޔަން ކުރެއްވުމަށް މިހާރު ކޮމިޝަންގައި ތިއްބެވި މެމްބަރުންގެ ތާއީދުވެސް އެބައޮތެވެ. ޚަބަރު އޮންލައިންނާއި ވާހަކަ ދައްކަވަމުން ކޮމިޝަންގެ މެމްބަރަކު ވިދާޅުވީ މިވަގުތު ކޮމިޝަންގައި ތިއްބެވި މެމްބަރުންނަށް ބަލާއިރު، ރައީސްކަމުގެ މަޤާމަށް އެންމެ ރަނގަޅު ބޭފުޅަކީ ފުއާދުކަމަށް ހުރިހާ މެމްބަރުންވެސް އިއްތިފާގުވާކަމަށެވެ. އަދި މިހާރު ކުރިން ކޮމިޝަން ހިންގި ގޮތާއި ބަލާއިރު މާބޮޑަށްވެސް ހަރުދަނާކޮށް ރަނގަޅަށް ހިންގެމުންދާކަމަށެވެ.
އިންތިޤާލީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައިވާ ފުއާދު ތަޢުފީޤްވަނީ 2009 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ މާޗްމަހާއި ހަމައަށް ކޮމިޝަނުގެ ރައީސްކަން ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ