އިރާނުގައި ހުރި ހަމައެކަނި ނިއުކުލިއަރ ޕަވަރ ޕްލާންޓުގެ ހިންހުން އެމަރޖެންސީކޮށް، ވަގުތީގޮތުން ހުއްޓުމަކަށް ގެނެސްފައިވާކަން އެގައުމުގެ ގައުމީ ޓިވީން ރިޕޯޓު ކޮށްފިއެވެ.
އިރާނުގެ ސްޓޭޓް އިލެކްޓްރިކް އެނަރޖީ ކޮމްޕެނީގެ އޮފިޝަލެއްކަމުގައިވާ ގޯލަމަލި ރަކްޝަމިނެހުރު، އިރާނުގެ ގައުމީ ޓީވީގެ ޓޯކް ޝޯވްއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، މި ޕްލާންޓްގެ އޮފަރޭޝަން ވަގުތީގޮތުން ހުއްޓުމަކަށް ގެނައުމުގެ މަސައްކަތް ފެށިފައިވަނީ މި ހަފްތާގެ ހޮނިހިރު ދުވަހު ކަމަށެވެ.
އަދި އެނާ ވިދާޅުވި ގޮތުގައި، މި ޕްލާންޓްގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ގެނެސްފައި "3 ދުވަސް ނުވަތަ 4 ދުވަސް ވަންދެން" ބެހެއްޓޭނެއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ޕްލާންޓް ހިންގުން ވަގުތީގޮތުން ހުއްޓުމަކަށް ގެނައުމާ ގުޅިގެން، އިރާންގެ ބައެއް ހިސާބުތަކަށް ކަރަންޓު ނުލިބުމުގެ މައްސަލަ ކުރިމަތި ވެގެން ދާނެއެވެ.
މި ޕްލާނޓް ހިންގުން ވަގުތީގޮތުން ހުއްޓުމަކަށް ގެނެވުނު މިއީ ފުރަތަމަ ފަހަރެވެ. އަދި އޮޕަރޭޓްކުރުން މެދުކަނޑާލަން ޖެހުނު ސަބަބެއް އޭނާ ހަމަކޮށްފައެއް ނުވެއެވެ.
2011 ވަނަ އަހަރު، ރަޝިއާގެ އެހީތެރިކަމާއެކު، ޚިދުމަތަށް ގެނެވުނު މި ޕްލާންޓް ހުންނަނީ، އިރާނުގެ ދެކުނުގެ ޕޯރޓު ސިޓީއެއް ކަމުގައިވާ ބުޝާރުގައެވެ.
މިއަހަރުގެ މާރޗަމަހު، އިރާނުގެ ނިއުކުލިއަރ އޮފިޝަލެއް ކަމުގައިވާ މުހައްމަދު ޖަފާރީ ވިދާޅުވެފައިވަނީ، މި ޕްލާންޓް ހިންގުން ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. ސަބަބެއް ކަމުގައި ވިދާޅުވެފައިވަނީ، އެމެރިކާއިން 2018ވަނަ އަހަރުންފެށިގެން އިރާނުގެ ބޭންކުގެ ނިޒާމަށް އަމާޒުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، މި ޕްލާންޓަށް ބޭނުންވާ ސާމާނާއި އަދި ޕާޓުތައް ރަޝިއާއިން ގަތުމުގައި ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުންނެވެ.
ކޮމެންޓު ފޮނުވާ