އުންމީދު ކުރަނީ ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަންނަމަހު ނިންމާލެވޭނެކަމަށް: ޕީޖީ

އުންމީދު ކުރަނީ ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަންނަމަހު ނިންމާލެވޭނެކަމަށް: ޕީޖީ

Author
މުޙައްމަދު ޝަޒައިމް
20 ޖޫން 2021 11:54
0

ދިޔަ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލެއްވުމަށް ދިން ހަމަލާގެ ތަހްޤީގު އަންނަ މަހު ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ވިދާޅުވީ މިހަމަލާއަކީ ރާއްޖޭގައި މިހާތަނަށް ދެވުނު ހަމަލާތަކަށް ބަލާއިރު، އެންމެ ނުރައްކާތެރި އެއްހަމަލާކަމަށެވެ. މިހަމަލާގައި ރައީސް ނަޝީދުގެ ފުރާނައަށް އަމާޒުކޮށް ހަމަލާރޭވިފައި ވީނަމަވެސް ހަމަލާއިން އެމަނިކުފާނު ސަލާމްވީ އެމަނިކުފާނުގެ ނަސީބުންކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލައިގެ ތަޙްޤީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހި ވަޑައިގަންނަވާކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލެއްވުމަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަޙްޤީގު ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ. އަދި އެ ހަދިސާ ތަހްޤީގުކުރުމަށްޓަކައި ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހާއި ބޭރުގެ ތަޖުރިބާކާރުން ގުޅިގެން މަސައްކަތް ކުރައްވަމުން އަންނަކަމަށާއި ތަޙްޤީގު ކުރިއަށް ދާ ގޮތާއި މެދު ހިތްހަމަޖެހި ވަޑައިގަންނަވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މިބާވަތުގެ މައްސަލަތަކަކީ ތަޙްޤީގުކުރަން އުނދަގޫ މައްސަލަތަކެއްކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ މައްސަލައިގެ ތަޙްޤީގު އަވަސްކުރުމުންވެސް ނުވަތަ މާ ލަސްކުރުމުންވެސް ގެއްލުންތަކެއް ކުރިމަތިވާނެކަމަށެވެ. މިގޮތުން އަވަސް އަރުވާލައިފިނަމަ ހާދިސާ ހިންގުމުގައި ބައިވެރިވާ ފަރާތްތައް ނުހޯދިދާނެކަމަށާއި ލަސްކޮށްފިނަމަ ހެކި ނައްތާލުމަށްވެސް މަސައްކަތް ކޮށްފާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގެ ތަހްޤީގު އަންނަމަ މަހު ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި އޯގަސްޓްމަހުގެ 5 ވަނަ ދުވަހުގެ ކުރިން މައްސަލަ ކޯޓަށް ހުށައެޅޭނެކަމަށާއި އަދި އެއަށްވުރެ އަވަހަށްވެސް މައްސަލަ ކޯޓަށް ހުށައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.