ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ދިރިއުޅުއްވާ ގެކޮޅު، ކައިރީގައި ވެހިކަލް ޕާކްކުރުން މަނާކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ޤައުމުގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ގެކޮޅު ކައިރީގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި، ރައީސްކަން ކުރެއްވި އެއްވެސް ރައީސެއްގެ ގެކޮޅު ކައިރީގައި ޕާކް ނުކުރެވޭ ގޮތަށް ހެދުމަށް އެމްއެންޑީއެފްއިން ވަނީ މާލެ ސިޓީ ކައުންސިލްގައި އެދިފައެވެ. ސިޓީ ކައުންސިލް މެމްބަރަކު ވިދާޅުވީ ސިފައިންގެ މި ދެންނެވުމާއި އެއްގޮތަށް މާލެ ސިޓީ ކައުންސިލް ގެންދަވަނީ ރައީސްކަން ކުރެއްވި ބޭފުޅުން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ޕާކް ނުކުރެވޭގޮތަށް ހަދަމުންނެވެ.
އެގޮތުން މިހާރުވަނީ ކުރީގެ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ޕާކްކުރުން މަނާކޮށްފައެވެ. އަދި މިހާރު ސިޓީ ކައުންސިލް ގެންދަވަނީ ކުރީގެ ރައީސް ވަހީދުއާއި، ރައީސް މައުމޫން ދިރިއުޅުއްވާ ދެކޮޅު ކައިރީގައި ހުރި ޕާކިންޒޯންތައްވެސް ހުސްކޮށް، ޕާކް ނުކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރައްވަމުންނެވެ.
ރައީސްކަން ކުރެއްވި ބޭފުޅުން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ޕާކްކުރުން މަނާކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ނުރައްކާތެރި ހަމަލާއާއި ގުޅިގެން ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނެވެ. ކުރީގެ ރައީސުން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުރި ޕާކިން ޒޯންތައް ނެގުމުގެ މަސައްކަތް ފަށާފައިވާއިރު، ސިޓީ ކައުންސިލުން ގެންދަނީ މިގޮތަށް ހުސްކުރެވޭ ޒޯންތަކުގެ ބަދަލުގައި ޕާކު ކުރެވޭނެ އިތުރު ގޮތްތަކެއްވެސް ތަނަވަސް ކޮށްދެއްވަމުންނެވެ.
މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ނުރައްކާތެރި އެއްޗެއް ގޮއްވާލާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ ސާޖަރީތަކެއް ވަނީ ހަދާފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހްމަތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް މިވަގުތު އެމަނިކުފާނު ހުންނެވީ ޖަރުމަނުގައެވެ.
ކޮމެންޓު ފޮނުވާ