އިންކުއަރީއަށް މިނިސްޓަރ އިމްރާން ހާޒިރުކޮށް ސުވާލުކޮށްފި

އިންކުއަރީއަށް މިނިސްޓަރ އިމްރާން ހާޒިރުކޮށް ސުވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2021 12:00
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް، ހޯމް މިނިސްޓަރ އިމްރާން ހާޒިރުކޮށް ސުވާލު ކުރައްވައިފިއެވެ.

މިނިސްޓަރ އިމްރާން މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރު ކުރައްވާފައިވަނީ މިއަދުއެވެ. ހޯމް މިނިސްޓަރ އިމްރާނަކީ މިމައްސަލާގައި އެންމެ ގިނަ މައުލޫމާތު ހުންނަވާނެ އެއްބޭފުޅާކަމަށްވުމުން ގިނަ ސުވާލުތަކެއް މިނިސްޓަރ އިމްރާނާއި ވަނީ ކުރެވިފައެވެ. އަދި ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި، ސަލާމަތީ ކަންކަމުގައި އޮތް ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް ވަނީ ސުވާލު ކުރެވިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބަލިކަށިވި ގޮތް ހޯދުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގެ ތެރެއިން އިއްޔެ ވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަލީ ހާޝިމްއާއި ޑެޕިއުޓީ ގަވަރުނަރާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑާ ސުވާލުކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިންކުއަރީ ހަދަމުންދާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓިއަށް ދައުލަތުގެ ވަޒިރުންނާއި ވަކިވަކި ފުލުހުންނާއި ސިފައިންވެސް ދަނީ ޙާޒިރުކުރަމުންނެވެ.

އެގޮތުން ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފުގެ އެސްޕީޖީގެ ސިފައިންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރަ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ މުއައްސަސާގެ އިސްވެރިންވެސް މިހާރު ވަނީ ކޮމިޓީއަށް ޙާޒިރުކޮށްފައެވެ. މީގެ އިތުރުން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމާއި މާލެސިޓީގެ ކުރީގެމޭޔަރު ސިފާ މުޙައްމަދުވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ. 241 ކޮމިޓީންވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމަށާ، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކުރަމުން ގެންދާނެކަން ހާމަކުރައްވާފައެވެ. އަދި 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ 6ވަނަ ދުވަހު ދިން ޓެރެރިސްޓް ޙަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބަލިކަށިވިގޮތް ދެނެގަތުމަށް މަޖިލީހުން ގެންދަނީ ތަހުޤީގެއް ނޫންކަމަށް، 241 ކޮމިޓީގެ މުގައްރިރުވަނީ ވިދާޅުވެފައެެވެ.

އެކޮމިޓީގެ މުގައްރިރު ވިދާޅުވީ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާކަމަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށްދިން ޙަމަލާއާ ގުޅިގެން ސެކިއުރިޓީ ބަލިކަށިވި ގޮތް ދެނެގަތުމަށް ކުރިއަށްގެންދާ އިންކުއަރީއަށްފަހު މިފަދަ ޙަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަމަށް ބާރުއެޅުމާއި އެފަދައިން މަސައްކަތް ކުރެވޭނެ ގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް އަރުވާނެކަމަށް 241 ކޮމިޓީން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.