މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް، މިސްކިތުގައި ކޮށްގެން ނުވާނެ އެތައް ކަމެއް ކުރަމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުންދާކަމަށާއި، އެފަދަ ކަންކަން ކުރާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ކޯވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް ޖަމާއަތުގައި ނޫންގޮތަށް މިސްކިތުގައި ނަމާދުކުރުމުގެ ފުރުޞަތު 37 މިސްކިތެއްގައި އިސްލާމިކް މިނިސްޓްރީން ހުޅުވާލަފައިވަނީ، މާލޭގައި ދަތި ހާލަތުގައި ދިރިއުޅޭ މީހުންނަށް ނަމާދުކުރުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
ފުލުހުން ބުނީ، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ނިދާ އެއްޗެހި ދޮވެ، މިސްކިތްތައް ބޭނުންކުރުން އެކަށީގެންނުވާ އެހެނިހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުންކުރާކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބެމުންދާކަމަށެވެ. އެގޮތުން ފުލުހުން ކޮންމެ ރެޔަކު މިސްކިތްތައް ބަލައި މިސްކިތްތައް އެގޮތަށް ބޭނުންކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހާލަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަތަ ތަހުގީގްކުރަމުންދާކަމަށެވެ.

މީގެ އިތުރުން މިކަމުގެ މަޢުލޫމާތު ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާވެސް ހިއްސާކޮށްގެން ހައްލެއް ހޯދުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުން ގެންދާކަމަށްވެސް ފުލުހުންބުންޏެވެ.
ފުލުހުން މިހެން ބުނެފައިވާއިރު، މާލޭގެ ބައެއް މިސްކިތުގައި ނިވާކަން ކުޑަގޮތަށް ނިދާފައި، އަދި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތަކާއެކުޒުވާނުންތަކެއް ތިބި ފޮޓީތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެތައް ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ