ރަޝިއާގެ އިދިކޮޅު ލީޑަރު އަދި، އެގައުމުގެ ރައީސް ވާލްޑަމިރު ޕުޓީންގެ ސިޔާސީ ވާދަވެރިޔާ، އެލެކްސީ ނަވާލްނީ އުފައްދާފައިވާ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ފައުންޑޭޝަންއަކީ "ހައްދު ފަހަނަ އަޅާފއަިވާ" ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާ، އެއީ ރަޝިއާގައި ހިންގުން މަނާ ޖަމާއަތެއްގެ ގޮތުގައި، އެގައުމު ކޯޓަކުން ނިންމައިފިއެވެ.
މިހާރު ޖަލަށް ލެވިފައިވާ އެލެކްސީ ނަވާލްނީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ، ރަޝިއާގެ ކޯޓުގެ މިނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި ތުހުމަތު ކޮށްފައިވަނީ، މިއީ، ކުރިޔަށް އޮތް ގާނޫނު ހަދާ މަޖިލިހުގެ އިންތިޚާބުގެ ކުރިން، އެގައުމުގެ އިދިކޮޅުފަރާތްތަކުގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ލާޑިމިރް ޕުޓިން އަޑީގައި ހުންނަވައިގެން ހިންގަމުންދާ ކެމްޕޭނުގެ ބައެއް ކަމުގައެވެ.
ރަޝިއާގެ މޮސްކޯ ސިޓީ ކޯޓުން ބުދަ ދުވަހު ނެރުނު އަމުރުގައި ވާގޮތުން، އެއަމުރު ނެރޭވަގުތުން ފެށިގެން، އަމުރަށް އަމަލުކުރަން ޖެހެއެވެ. މި ކޯޓު އަމުރުގައި ވާގޮތުން ނަވާލްނީ އުފައްދާފައިވާ "ފައުންޑޭޝަން ފޯރ ފައިޓިން ކޮރަޕްޝަން" (FBK) އާއި އަދި އެ ފައުންޑޭޝަންއިން އުފައްދާފައިވާ ރީޖަނަލް އޮފީސްތަކަށް ނިސްބަތްވާ އަދި އެ އޮފީސްތަކުގައި މަސައްކަތްކުރާ އެއްވެސް މީހަކަށް ރަޝިއާގެ އެއްވެސް އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެނެއް ނުދާނެއެވެ.
ރަޝިއާގެ ކޯޓުގެ މިނިންމުމުގައި ވާގޮތުން ނަވާލްނީގެ ފައުންޑޭޝަންގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކާއި، ފައުންޑޭޝަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އިތުރުން، މި ފައުންޑޭޝަންގެ އެއްވެސް މެޓީރިއަލްއެއް އެއްވެސް ފަރާތަކަށް ފޯރުކޮށްދީފައިވާ ފަރާތެއް ނަމަވެސް، އެބައެއްގެ ނުވަތަ އެ މީހެއްގެ މައްޗަށް ދައުވާކޮށް، ދިގުމުއްތަދުގެ ޖަލުހުކުމެއް ރަޝިއާގައި އައުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ދެއެވެ.
"ހޯދިފައިވާ ހޯދުންތަކުނެ ދައްކާ ގޮތުގައި، މި ފައުންޑޭޝަންއިން ވަނީ ހަމަ އެކަނި ސަރުކާރުގެ އޮފިޝަލުންނާ ދެކޮޅަށް ނަފްރަތު އުފައްދާފައެއް ނޫން، މި ފައުންޑޭޝަނުންވަނީ ހައްދުފަހަނަ އަޅާފައިވާ އެތަކެއް ހަރަކާތްތަކެއް ވެސް ހިންގާފަ،" ނަވާލްނީގެ ފައުންޑޭޝަނާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވި ފްރޮސެކިއިޓަރުގެ ތަރުޖަމާން ވިދާޅުފެވައި ވެއެވެ.
މިހާތަނަށް ރަޝިއާއިން މަނާކޮށްފައިވާ ހައްދު ފަހަނައަޅާފައިވާ ޖަމާއަތްތަކުގެ އަދަދު 30 އަށް އަރައެވެ. މީގެތެރޭގައި ހަގުރާމަވެރި ޖަމާއަތްތައް ކަމުގައިވާ އައިސްއާއި އަލްގައިދާ އަދި ޖެހީވާސް ވިޓްނެސް ޖަމާއަތްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ