ދުނިޔޭގެ ބޮޑެތި ބައެއް ނޫސްތަކުގެ ވެބްސައިޓްތައް ޑައުންވެ، އިންޓަރނެޓަށް ބުރޫ އަރައިފި

ދުނިޔޭގެ ބޮޑެތި ބައެއް ނޫސްތަކުގެ ވެބްސައިޓްތައް ޑައުންވެ، އިންޓަރނެޓަށް ބުރޫ އަރައިފި

Author
ހުސެއިން
08 ޖޫން 2021 05:31
0

ދުނިޔެގެ މަޝްހޫރު ބައެއް ބޮޑެތި ނޫސްތަކުގެ ވެބްސައިޓްތައް ޑައުންވެ، އިންޓަރނެޓަށް ބުރޫ އަރައިފިއެވެ.

މީގެތެރޭގައި ދުނިޔޭގައި މަޝްހޫރު ވެބްސައިޓްތައް ކަމަށްވާ، ފައިނޭޝަލް ޓައިމްސް، ސީއެންއެން، އަދި ބްލޫންބާގް އޮންލައިން ނޫސްވެސް ހިމެނެއެވެ.

މީގެ އިތުރުން ގަތަރުގައި ހެޑްކުއާރޓަރ ގާއިމް ކޮށްފައިވާ އަލްޖަޒީރާ ނެޓްވާކްގެ ވެބްސައިޓްވެސް ވަނީ މިއަދު ޑައުން ވެފައެވެ. ފްރާންސްގެ މަޝްހޫރު ނިއުސް ޗެނަލެއް ކަމުގައިވާ، ފްރާންސެސް ލީ މޮންޑެ ނިއުސްގެ ވެބްސައިޓްއިންވެސް ދައްކާފައިވަނީ އެރަރ މެސެޖެކެވެ.

މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ޕްލެޓްފޯމު ކަމުގައިވާ Amazon.com ގެ ރީޓެއިކް ވިޔަފާރި ޕްލެޓްފޯމްގެ ޚިދުމަތްތައް މިއަދު ވަނީ އިންޓަރނެޓްގެ މައްސަލަ ކުރިމަތިވެ މެދުކެޑުމަކަށް އައިސްފައެވެ.

އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުގެ ފަރާތުން ބުނެފައިވަނީ އެ ނޫހުގެ ވެބްސައިޓާއި އަދި އެޕްލިކޭޝަނަށްވެސް އިންޓަރނެޓްގެ މައްސަލަތައް މިއަދު ކުރިމަތި ވެފައިވާ ކަމުގައެވެ. އަދި އިނގިރޭސިވިލާތުގެ އިތުރު އެހެން ނޫސް މީޑީއާތަކުންވެސް ވަނީ އެ މީޑިއާތަކުގެ ވެބްސައިޓްތަކަށް މައްސލަތައް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ.

ހަމަ އެއާއެކު، އިނގިރޭސިވިލާތުގެ ސަރުކާރުގެ ރަސްމީ ވެބްސައިޓަށް ވަދެވޭ ގޮތް ނުވެފައިވާއިރު، ވައިޓް ހައުސްގެ ވެބްސައިޓަށްވެސް މައްސަލަތަކެއް ކުރިމަތިވިއެވެ. އެހެންނަމަވެސް، ވައިޓް ހައުސްގެ ވެބްސައިޓުންވަނީ، ކުރިމަތިވި މައްސަލަތަށް ހައްލުކޮށްފައެވެ.

ބީބީސީއާއި އަދި ނިއުޔޯކު ޓައިމްސްގެ ވެބްސައިޓު ޑައުންވި ނަމަވެސް، ފަހުން އާންމު ހާލަތަކަށް ވަނީ ގެނެސްފައެވެ.

މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑައުންވި ގިނަ ވެބްސައިޓަތަކުން ފެންނަން ހުރި މެސެޖްތަކަކީ، “Error 503 Service Unavailable”އަދި “connection failure”މި މެސެޖްތަކެވެ.

ކުއްލިއަކަށް، ދުނިޔޭގެ ބޮޑެތި ނޫސް މީޑިއާތަކުގެ ވެބްސައިޓްތަކަށް އިންޓަރނެޓްގެ މައްސަލަ ކުރިމަތިވި ސަބަބެއް އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.

މިއަދު ޑައުންވި ގިނަ ވެބްސައިޓްތަކަށް އިންޓަރނެޓްގެ މައްސަލަތައް ކުރިމަތިވެ، އެހެންނަމަވެސް ޖީއެމްޓީގެ ގަޑިން 11:00 ހާއިރު ވަނީ އަބުރާ އާދައިގެ ހާލަތަކަށް އަންނަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.