"ޓޭންކް މޭން"ގެ ފޮޓޯ، ސާޗް އިންޖީންއިން ގެއްލުނީ އެރި އޮޅުމަކުން: މައިކްރޯ ސޮފްޓް

"ޓޭންކް މޭން"ގެ ފޮޓޯ، ސާޗް އިންޖީންއިން ގެއްލުނީ އެރި އޮޅުމަކުން: މައިކްރޯ ސޮފްޓް

Author
ހުސެއިން
06 ޖޫން 2021 08:16
0

ޗައިނާގެ ޓައިނަމެން މައިދާނުގައި، 1989 ވަނަ އަހަރުގެ ޖޫންމަހުގެ 5 ވަނަ ދުވަހު، ޑިމޮކްރަސީއަށް އެދި މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކާ ދެކޮޅަށް ޗައިނާއިން ދިން ލާއިންސާނީ އަނިޔާވެރި ހަމަލާތަކުގެ އަހަރީ ދުވަސްކަމަށްވާ ޖޫން މަހުގެ 5 ވަނަ ދުވަހާ ދިމާކޮށް، "ޓޭންކް މޭން"ގެ ފޮޓޯ މައިކްރޯ ސޮފްޓުގެ ސާރޗް އިންޖީން ކަމުގައި ބިންގގެ އިން ސަރޗްކުރުމުން ނުފެނި ދިޔައީ، އެރި އޮޅުމަކުން ކަމުގައި މައިކްރޯ ސޮފްޓުން ބުނެފިއެވެ.

އެމެރިކާވެސް ހިމެނޭގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހުކުރު ދުވަހު، "ޓޭންކް މޭން" ސާރޗް ކޮށްގެން މި ފޮޓޯ ފެންނަން ނެތްކަމުގެ ޝަކުވާ އެތައްބަޔަކު ވަނީ ކޮށްފައެވެ.

"ޓޭންކް މޭން" ނިސްބަތްވަނީ، ޗައިނާގެ ޓައިނަމެން މައިދާނުގައި، 1989 ވަނަ އަހަރުގެ ޖޫންމަހުގެ 5 ވަނަ ދުވަހު، މުޒާހިރާ ކުރި ފަރާތްތަކާއި ދެކޮޅަށް އަނިޔާވެރި ހަމަލާތަކެއް ދިނުމަށްފަހު އެމައިދާނު ދޫކޮށް ދިޔަ އަސްކަރީ ޓޭންކްތަކަށް ހުރަސް އެޅުމުގެ ގޮތުން ޓޭންކުތަކުގެ ގާފިލާތަކުގެ ކުރިމައްޗަށް ނުކުމެހުރި އާންމު މީހެއްގެ ފޮޓޯއަށެވެ. މި ފޮޓޯގައި ފެންނަން ހުންނަ މީހަކީ ކާކުކަމެއް އެގިފައެއް ނުވެއެވެ.

އަދި މިހަމަލާތަކަށްފަހު، މި ފޮޓޯ ބޭނުން ކުރެވެމުން އައިސްފައިވަނީ، ލާއިންސާނީ އަނިޔާތަކާ ދެކޮޅު ހެދުމަށް ހިވްރުދޭ ފޮޓޯއެއްގެ ގޮތުގައެެވެ.

ސާރޗް އިންޖީނުން "ޓޭންކް މޭން"ގެ ފޮޓޯ ނުފެންނަ މައްސަލަ ރިޕޯޓު ކުރުމާއެކު، މައިކްރޯ ސޮފްޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ކުރިމަތި ވެގެންދިޔައީ އެރި އޮޅުމަކުން ކަމަށާއި އަދި މިމައްސަލަ މިހާރު ހައްލު ކޮށްފައިވާ ކަމަށެވެ. އަދި މައިކްރޯސޮފްޓްގެ ބަޔާނަށްފަހު މަދު ގަޑިއިރުތަކެއް ފަހުން "ޓޭންކް މޭން"ގެ ފޮޓޯ ވަނީ ސާރޗް އިންޖީނުން ފެންނަން ފަށާފައެވެ.

އެހެންނަމަވެސް، މި ފޮޓޯ ސާރޗް އިންޖީނުން ގެއްލެން މެދުވެރިވީ އެރި ކޮންކަހަލަ އަޅުމަކުން ކަމެއް މައިކްރޯސޮފްޓުން ހާމަކޮށްފައެއް ނުވެއެވެ. އަދި، ޗައިނާގައި ތިބެގެން މަސައްކަތް ކުރަމުންދަނީ، އެކުންފުނީގެ ސާރޗް އިންޖިން "ބިންގ"ގެ ޑިވެލޮޕްމަންޓް ޓީމުގެ ކިތައް މުވައްޒިފުންކަމެއްވެސް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާ ފިޔަވާ، މައިކްރޯސޮފްޓު ކުންފުނީގެ އެންމެ ބޮޑު ރިސާރޗް އެންޑް ޑިވެލޮޕްމަންޓް ސެންޓަރ ހުންނަނީ ޗައިނާގައެވެ. އަދި މައިކްރޯ ސޮފްޓުންވަނީ، މިއަހަރުގެ ޖެނުއަރީމަހު، ޗައިނާގައި މަސައްކަތް ކުރާނެ ސީނިއަރ ސޮފްޓްވެއަރ އިންޖިއަނަރެއް، އެކުންފުނީގެ ބިންގ އިމޭޖް ސާރޗު ކުރުމަށް ބޭނުންވާ އިތުރު ޓެކްނޮލޮޖީތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ އިސްފަރާތެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

ޗައިނާގެ މުވައްސަސާތަކުން އޮންނަނީ، އެގައުމުގައި ބޭނުންކުރެވޭ ސަރޗް އިންޖީންތަކާއި، ވެބްސައިޓް ތަކާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކައި، ޗައިނާގެ ސަރުކާރަށް ފާޑު ކިއުމަށް ބޭނުން ކުރެވޭ ބަސްތަކާއި އަދި ސިޔާސީގޮތުން ސެންސިޓިވްކަމަށް ބެލެވޭ ބަސްތައް ސެންސަރުކަންޖެހޭ ގޮތަށް ނިންމާފައެވެ.

1989ގައި ޓައިނަމަން މައިދާނުގައި މުޒާހިރާ ކުރި ފަރާތްތަކާ ދެކޮޅަށް އޭރުގެ ސަރުކާރުން ދިން ހަމަކާތަކުގެ ފޮޓޯތަކާއި، އަދި އެހަމަލާތަކާ ހަވާލާދޭ ހުރިހާ މައުލޫމާތެއްވެސް ޗައިނާގައި ހުންނަނީ ބްލޮކް ކޮށްފައެވެ. މީގެތެރޭގައި "ޓޭންކް މޭން" އަށް ނިސްބަތް ކުރެވޭ ފޮޓޯވެސް ޗައިނާގައި ސާރޗް ނުކުރެވޭގޮތަށް ހުންނަނީ ބްލޮކް ކޮށްފައެވެ.

މައިކްރޯސޮފްޓްގެ ބިންގއަކީ، ޗައިނާގައި އޮޕްރޭޓްކުރާ މަދު ބައިނަލްއަގުވާމީ ސާރޗް އިންޖީންތަކުގެ ތެރޭގައި ހިމެނޭ އެއް ސާރޗް އިންޖީނެވެ. އަދި މި ސާރޗު އިންޖީނުން ވަނީ، ޗައިނާގެ ގާނޫނުތަކަށް ބޯލަބާނެކަމަށް އެއްބަސްވެފައެވެ. އަދި މިއީ ޗައިނާގެ އެންމެ ބޮޑެތި ސާރޗް އިންޖީންތައް ކަމުގައިވާ ބައިޑު އަދި ސޯގޯއާއި ޗައިނާގައި ވާދަކުރަމުންދާ އެއް ސާރޗް އިންޖީނުވެސް މެއެވެ.

ޑާޓާ ސައިޓެއް ކަމުގައިވާ ސްޓެޓްކައުންޓަރއިން ހާމަ ކޮށްފައިވާ ގޮތުގައި، ޗައިނާ މާރކެޓްގައި ބިންގ ސާރޗް އިންޖީންގެ %2.5 ހިއްސާ އޮވެއެވެ.

ވާދަވެރި ގޫގުލްއިން ވަނީ، 4 އަހަރުވަންދެން ޗައިނާގައި އޮޕަރޭޓް ކުރުމަށްފަހު، ޗައިނާ މާރކެޓުން ބޭރުވެފައެވެ. މައިގަޑު ސަބަބެއް ކަމުގައި ގޫގުލްއިން ބުނެފައިވަނީ، ސެންސަރުކުރުމުގައި އުފެދުނު ޚިޔާލުތަފާތު ވުންތަކާއި، އަދި ޗައިނާއިން ދޭކަމަށް ގޫގުލްއިން ތުހުމަތުކުރާ ސައިބަރ އެޓޭކްތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.