ޗައިނާގެ ސިނޮވެކްއިން އުފައްދާފައިވާ ކޯވިޑް19 ވެކްސިން އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ދީފިއެވެ.
ސިނޮވެކް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ދިނުމާއެކު، މިވެކްސިްން ވެގެންދާނީ، ދުނިޔޭގެ އެހެން ގައުމުތަކަށް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ޗައިނާގެ ދެވަނަ ވެކްސިން ކަމުގައެވެ.
ދެ ޑޯޒް ފުރިހަމަ ކުރަންޖެހޭ މިވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނެރުނު ސްޓޭމަންޓުގައި ބުނެފައިވަނީ، "ރައްކާތެރިކަމާ އަދި ސަލާމަތާބެހޭ ބައިނަލް އަގުވާމީ މިންގަޑުތަކަށް" މިވެކްސިން ފެތޭ ކަމަށެވެ.
ސިނޮވެކް ވެކްސިން ރައްކާކޮށްފައި ބެހެއްޓުމަކީ ފަސޭހަ ކަމަކަށް ވާތީވެ، މިވެކްސިނަކީ، ދުނިޔޭގެ ފަގީރު ގައުމުތަކަށް ވަރަށް ބޭނުންތެރި ވެކްސިނަކަށް ވެގެންދާނެ ކަމުގައި ވިދާޅުވެ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔޭސު ވަނީ، މިވެކްސިން ބޭނުންކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ދިނުމާއި ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ.
"މިހާރު އެންމެ މުހިންމީ، ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ މި މުހިންމު ވަސީލަތް ވީހާވެސް އަވަސްކޮށް، މިވަސީލަތްތަކަށް ބޭނުން ޖެހިފައިވާ މީހުންނާ ހަމައަށް ފޯރުކޮށް ދިނުން،" ނިއުސް ބްރީފިންއެއްގައި ވާހަކަ ދައްކަވަމުން ޓެޑްރޯސް ވިދާޅުވެފައި ވެއެވެ.
ޑަބްލިއުއެޗްއޯއިން ސިނޮވެކް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދޫކުރުމާއެކު، ބައިނަލް އަގުވާމީގޮތުން ގަބޫލުރެވޭ ފެންވަރުގެ، ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދޫކުރުމުގެ ރެގިއުލޭޓޮރީ އޮތޯރިޓީތައް ނެތް ގައުމުތަކަށް، އިތުރު ހުއްދައެއް ހޯދުމަކާނުލާ، މިޙާރު މިވެކްސިން އެތެރެކޮށް، ބޭނުންކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
ޑަބްލިއުއެޗްއޯއިން މިހާތަނަށްވަނީ، އިންޑިއާ، ސައުތު ކޮރެއާ އަދި ޔޫރަޕިއަން ޔޫނިއަންއިން އުފައްދަމުންދާ ފައިޒަރ-ބައޯއެންޓެކް ވެކްސިނާއި، މޮޑާނާ ވެކްސިނާއި، ޖޯންސަން އެންޑް ޖޯންސަން ވެކްސިންގެ އިތުރުން އެސްޓްރާ ޒެނެކާ ވެކްސިނަށްވެސް އެމަރޖެންސީ ހުއްދަ ދޫކޮށްފައެވެ. މިއިން ކޮންމެ ގައުމެއްގައި އުފައްދާ ކޮންމެ ވެކްސިނަކަށްވެސް ޑަބްލިއުއެޗްއޯއިން ދޫކޮށްފައިވަނީ، ވަކި ހުއްދައެކެވެ.
ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުންގެ މިނިވަން ޕެނަލަކުން ބުނެފައިވަނީ، އެ ޕެންލުން ދެކޭގޮތުގައި ސިނޮވެކް ވެކްސިން ދިނުން އެންމެ ރަގަޅީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމަށާއި އަދި ވެކްސިން ދޭން އެންމެ ރަގަޅީ ދެ ޑޯޒް 2 ހަފްތާއާއި 4 ހަފްތާއާއި ދެމެދުގެ މުއްދަތެއްގައި ކަމަށެވެ.
މިވެކްސިން ދޭންޖެހޭ އެންމެ މަތީ އުމުރުރެއް ނެތެވެ. އެހެންކަމުން މިވެކްސިންކީ އުމުރުން ދުވަސްވީ މީހުންވެސް ބަލިން ރައްކާތެރި ކޮށްދޭނެ ވެކްސިނެކެވެ.
ފާއިތުވެދިޔަ މޭމަހުގެ 7 ވަަނ ދުވަހު ޑަބްލިއުއެޗްއޯއިން ވަނީ ޗައިނާގެ ސިނޮފާމް ވެކްސިނަށްވެސް އެމަޖެންސީ ހުއްދަ ދޫކޮށްފައެވެ. މިވެކްސިނަކީ، ޑަބްލިއުއެޗްއޯއިން ހުއްދަ ދިން ޗައިނާގެ ފުރަތަމަ ކޯވިޑް19 ވެކްސިނެވެ.
ޑަބްލިއުއެޗްއޯގެ އެމަޖެންސީ ހުއްދަ ދޫކޮށްފައިވާ ކޯވިޑް19 ވެކްސިންގެ ލިސްޓުގައި ވެކްސިން ހިމެނިގެން ދިއުމާއެކު، ޔޫއެންއިން ކުރިޔަށް ގެންދާ COVAX ޕްރޮގްރާމްގައި ވެކްސިން ހިމެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ކޯވެކްސް ޕްރޮގްރާމަކީ، ދުނިޔޭގެ ފަގީރު ގައުމުތައްވެސް ހިމެނޭގޮތުން ތަފާތުކުރުމެއްނެތި ހުރިހާ އެންމެންނަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމުގެ ގޮތުން ޔޫއެންއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މިވަގުތު މި ސްކީމުގެ ދަށުން ފޯރުކޮށްދެވެމުންދަނީ އެސްޓްޓާ ޒެނެކާ އަދި ފައިޒާ ވެކްސިން އެކަންޏެވެ.
އޭއެފްޕީ ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސިނޮވެކް ވެކްސިން މިހާރުވެސް ދުނިޔޭގެ 22 ގައުމެއްގައި ބޭނުން ކުރެވެމުން ދެއެވެ. މީގެތެރޭގައި ޗިލީ، ބްރެޒިލް، އިންޑޮނޭޝިއާ، މެކްސިކޯ، ތައިލޭންޑް އަދި ތުރުކީ ހިމެނެއެވެ.
ކޮމެންޓު ފޮނުވާ