އިނގިރޭސިން އައްޑޫގައި ތިބިއިރު އައްޑޫގެ އިޤްތިސާދަށް ލިބުނު ފަދަ އެއްވެސް އިޤްތިޞާދީ ފައިދާއެއް، އިންޑިއާގެ ކޮންސިއުލޭޓްގެ ސަބަބުން ނުކުރާނެ ކަމަށް ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ބުނެފި އެވެ.
ޑީއެންއޭ ހަރަކާތުގެ އިސްމޭސްތިރިޔާ އުމަރު ނަސީރު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމަށް އެގައުމުގެ މައި ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާގެ މިލިޓަރީ ބޭސްތައް ހެދުމަށް ހިންގާ ދުރުރާސްތާ ޕްރޮގްރާމެއްގެ ބައެއް ކަމަށެވެ.
އެގޮތުން އައްޑޫއަށް ފުރަތަ ގެނައީ ހެލްކޮޕްޓަރަކާއި ސިފައިން ކަމަށާއި ދެން ޤާއިމްކުރީ ރާޑަރ ސިސްޓަމެއް ކަމަށާއި އޭގެފަހުގައި މިލިޓަރީ ބޭހަކަށް ބޭނުންކުރެވޭނެ ވަރުގަދަ އިމާރާތެއް ހަދާފައި ވާކަމަށް އުމަރު ވިދާޅުވިއެވެ. އަދި މި ކަމަށް ޑިޕްލޮމެޓިކް ކަވަރ ދިނުމަށް ކޮންސިއުލޭޓް އޮފީހެއް ގެންނަނީ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުރުން އުމަރު ވިދާޅުވީ މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުންވާނެ ފަދަ ކަމެއް ކަމަށާއި އައްޑޫގެ އިޤްތިޞާދަށް ލިބޭ ގެއްލުމެއް ކަަމަށެވެ.
"ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބޭފުޅުންނަށް ހީފުޅުވަނީ އިންޑިއާގެ ކޮންސިއުލޭޓަކީ ޝޮޕިންގ މޯލެއް ކަމަށް. ވިޔަފާރިއެއް ކަމަށް"
– އުމަރު ނަސީރު
އައްޑޫގެ ރިސޯޓުތައް ބަންދުވެ، ރައްޔިތުންގެ ވަޒީފާތަށް ގެއްލިފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން ވަޢުދުވެފައިވާ 8000 ޓޫރިސްޓް އެނދު ތަރައްޤީ ނުކޮށް އިންޑިއާގެ މިލިޓަރީ ބޭހެއް އައްޑޫގައި ހެދުމުން އިންވެސްޓަރުން އައްޑޫއަށް އައުމަށް ޖެހިލުން ވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ދަޢުލަތުގެ ވެރިންގެ ތިލަ ވިސްނުމުގެ ސަބަބުން ހިނގާ މިފަދަ ކަންކަމުގެ ސަބަބުން އޭގެ އަސަރު ދިވެހިންގެ މިނިވަންކަމަށް ފޯރާނެ ކަމަސްވެސް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ހުރިހާ މެމްބަރުންނާއި، އެސިޓީގެ މޭޔަރު އަލީ ނިޒާރުވެސް ވަނީ ވިދާޅުވެފައެވެ. މިކަމަކީ ކުރެވޭނެ ކަމެއްތޯވެސް އަދި މިކަމުގައި އޮތް ސިޔާސަތަކީ ކޮބައިކަމެއްވެސް ދިވެހި ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައިނުވެއެވެ.
ކޮމެންޓު ފޮނުވާ