95.1%ގެ ބޮޑު އައުލަބިއްޔަތަކުން ސީރިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ސީރިއާގެ މިހާރުގެވެސް ރައީސް ބައްޝާރުލް އަސަދު 4 ވަނަ ދައުރަކަށް ސީރިއާގެ ރައީސްކަމަށް އިންތިޙާބު ވެވަޑައިގެން ފިއެވެ.
އަހުލީ ހަގުރާމާގައި މުޅިން ވިރާނާ ވެފައިވާ ސީރިއާގެ ރިޔާސީ އިންތިޚާބު ބޮޑު އަޢުލަބިއްޔަތަކުން ކާމިޔާބުކޮށް، ޖެހިޖެހިގެން 4 ވަނަ ދައުރަކަށް ބައްޝާރުލް އަސަދު އެގައުމުގެ ވެރިކަމަށް އިންތިޚާބު ވެވަޑައިގަތްއިރު، އެގައުުގެ އިދިކޮޅު ފަރާތްތަކުންވަނީ، މިއިންތިޚާބު އޭނާ ކާމިޔާބު ކުރައްވާފައިވަނީ، މަކަރާ ހީލަތުން ވޯޓު އޮޅުވާލައިގެން ކަމަށް ތުހުމަތު ކޮށްފައެވެ.
11 އަހަރަށް ދިގުލައިގެން ގޮސްފައިވާ ސީރިއާގެ އަހުލީ ހަގުރާމައިގައި، އެތައް ސަތޭކަ ބަޔަކު މަރުވެ، އަދި 11 މިލިއަނަށް ވުރެ ގިނަ މީހުން (ސިޔާގެ އާބާދީގެ %50)ގެ ގެދޮރު ގެއްލިފައިވާ ހަގުރާމަ އަދިވެސް ކުރިޔަށް ދިޔަނަމަވެސް، ސީރިއާގެ ސަރުކާރުން ބުނެފައިވަނީ، މިއިންތިޚާބުގެ ނަތީޖާއިން ދޭހަ ކޮށްދެނީ، އެގައުމުގެ ހާލަތު މިހާރު އާދައިގެ ހާލަތަކަށް އައިސްފައިވާ ކަންކަމަށެވެ.
މި އިންތިޚާބުގެ ނަތީޖާ އިއުލާން ކޮށްފައިވަނީ، ސީޔިއާގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސް ހަމުދަ ސައްބާބު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ. އޭނާ އިއުލާން ކުރައްވާފައިވާ ގޮތުގައި މި އިންތިޚާބުގައި ސީރިއާގެ އާބާދީގެ %78 މީހުން ވޯޓު ލާފައި ވެއެވެ.
އަސަދުއާއި މި އިންތުޚާބުގައި ވާދަކޮށްފައިވަނީ، ދެ ކެނޑިޑޭޓެކެވެ. އެއީ ކުރީ މިނިސްޓަރެއްގެ ނައިބެއް ކަމުގައިވާ އަބުﷲ ސަލޫމް އަބުދުﷲއާއި، ސީރިއާގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކުޑަ ޕާޓީއެއްގެ ލީޑަރު އަހުމަދު މާރީއެވެ. މާރީ އަށް %3.3 ލިބުނު އިރު، ސަލޫމް އަށް ލިބިގެން ދިޔައީ ވޯޓު ލީމިހުންގެ %1.5 އެވެ.
މި ދައުރު ފުރިހަމަ ވެގެންދާއިރު، ބައްޝާރުލް އަސަދުގެ ވެރިކަން ސީރިއާގައި 20 އަހަަރަށްވުރެ ދިގުލައިގެން ދާނެއެވެ.
ބައްޝާރުލް އަސަދު ސީރިއާގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ 2000 ވަނަ އަހަރުން ފެށިގެންނެވެ. ވެރިކަމަށް އިސްވެވަޑައިގަތީ، 1970 ވަނަ އަހަރު ގެނެވުނު ބަޢާވާތެއްގައި ސީރިއާގެ ވެރިކަމަށް އިސްވެވަޑައިތް އޭނާގެ ބައްޕާފުޅު ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަ ވުމާއި ގުޅިގެންނެވެ.
2011 ވަނަ އަހަރު ސީރިއާގަ ފެށިގެން ކުރިޔަށްދާ އަހުލީ ހަގުރާމައިގެ ފުރަތަމަ ދުވަސްކޮޅު، އޭނާގެ ވެރިަކަން ވައްޓާލަން ހަގުރާމަކުރި އިދިކޮޅު ފަރާތްތަކުން ސީރިއާގެ ބޮޑުބައެއް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަނަމަވެސް، މިހާރު ސަރުކާރު ސިފައިންވަނީ ސީރިއާގެ ބޮޑު ބައެއް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ.
ސީރިއާގައި އެންމެ ފަހުން ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. އެއީ، އޭރުގެ ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ކުރެވެން ފެށި މުޒާހިރާތައް މައިތިރިކުރުމަށް ބާރުގެ ބޭނުން ކުރެވުނުތާ 3 އަހަރު ވީތަނާ ކަހަލަ ގޮތަކަށް ބޭއްވުނު ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބުވެސް %90 އަށްވުރެ މަތީ އަޢުލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވަނީ ބައްޝާރުލް އަސަދެވެ.
އެއަށްފަހު، ސިރިޔާގައި ހިގަމުންދާ އަހުލީ ހަގުރާމައިގެ ތެރެއަށް ރަޝިއާއިން ވަދެ، ބައްޝާރުގެ އަސްކަރިއްޔާއަށް ފޯރުކޮށްދިން އެހީތެރިކަމާއެކު، އޭރު އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވި ގިނަ ސަރަހައްދުތައް ބައްޝާރުގެ ސިފައިން އަލުން ވަނީ ހިފާފައެވެ.
ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި މިހާރުވަނީ، އެގައުމުގެ ހުޅަގު އުތުރުގެ މަދު ސަރަހައްދު ތަކެކެވެ.
ސީރިއާގެ ގާނޫނު އަސާސީގައިވާ ގޮތުން، އެގައުމުގައި ރައީސްކަމުގައި އެއްބޭފުޅަކަށް ދެމިހުރެވޭނީ، ގިނަވެގެން 7 އަހަރުގެ ދެ ދައުރުގައެވެ. އެހެންނަމެވެސް، މީގެތެރޭގައި 2014 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހިމަނާފައެއް ނުވެއެވެ.
އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ހުންނަންޖެހޭ ޝަރުތެއްގެ ގޮތުގައި، އިންތިޚާބުގެ ކުރިން ފާއިތުވެދިޔަ 10 އަހަރު މެދުނުކެޑި ސީރިއާގައި ދިރިއުޅެފައިވުން ކަޑައަޅާފައި ވުމާއެކު، 51 އަހަރުވަންދެން ސީރިއާގާއި ހިގަމުންދާ އަސަދު އާއިލާގެ ވެރިކަން ނިމުމަކަށް ގެނައުމަށް، ގައުމުން ބޭރުގައި ތިބެގެން މަސައްކަތް ކުރަމުންދާ އިދިކޮޅު ގިނަ ފަރާތްތަކަށް މިއިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިގެން ގޮސްފައެވެ.
އަދި މީގެ އިތުރުން، އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓެއްނަމަ، އިންތިޚާބަށް އެޕްލިކޭޝަން ހުށަހެޅުއްވޭ ގޮތަށް ހަމަޖެހިފައި އޮތީ، ސީރިއާގެ ގާނޫނު ހަދާ މަޖިލިހިގެ މަދުވެގެން 35 މެމްބަރުންގެ ތާޢީދާ އެކުއެވެ.
ސީރިއާގެ ގާނޫނު ހަދާ މަޖިލީހުގައި އޮންނަނީ ބައްޝާރުލް އަސަދުގެ ބާތު ޕާޓީގެ މެޖޯރިޓީއެވެ.
ސީރިއާގައި އެތައް އަހަރެއްވަންދެން ހިގަމުންދާ އަހުލީ ހަގުރާމައިގެ ސަބަބުން، ގެދޮރުން ބޭރުވެފައިވާ އެތައް މިލިއަން މީހުންނަށް މި އިންތިޚާބުގައި ވޯޓު ލުމުގެ ފުރުސަތު ލިބިގެނެއް ނުދާނެއެވެ.
ޔޫއެންއިން ބުނެފައިވަނީ، ސީރިއާގެ މިރިޔާސީ އިންތިޚާބު ބޭއްވިގެންދިޔައީ، ޔޫއެންއިން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ނޫންކަމުގައެވެ. އެގަރާރުގައި ބުނެފައިވަނީ، ސީރިއާގެ އަހުލީ ހަގުރާމަ ހުއްޓާލާ، ހުރިހާ ފަރާތްތަކުން މަޝްވަރާގެ މޭޒަށް އައިސް، އާގާނޫނު އަސާސީއެއް އެކުލަވާލާ، އަދި ޔޫއެންގެ ބެލުމުގެ ދަށުން، ދެފުށްފެންނަ ރިޔާސީ އިންތިޚާބެއް އެގައުމުގައި ބޭއްވުމަށެވެ.
ކޮމެންޓު ފޮނުވާ