ހުސްވެފައިވާ ހެލްތު މިނިސްޓަރުގެ މަޤާމަށް ޖުމްހޫރީ ޕާޓީން ކަނޑައަޅާ ބޭފުޅެއްގެ ނަން މިއަދު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ ޕާޓީއަށް ދަންނަވައިފިއެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއަށް މިއަދުގެ ވަގުތެއްގައި ނަމެއް ފޮނުވުމަށް ދަންނަވާފައެވެ. ރައީސްގެ މި ދެންނެވުމާއި އެއްގޮތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ އެ ޕާޓީގެ ބައެއް އިސްބޭފުޅުންނާއިވެސް މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް މިހާތަނަށް ޖުމްހޫރީ ޕާޓީން ހުށަހަޅާ ނަމެއް ފައިނަލް ވެފައިވާކަމެއް އަދި ކަށަވަރުނުވެއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ހެލްތު މިނިސްޓަރުގެ މަޤާމު ފުރުއްވަމުންދިޔަ އަބްދުﷲ އަމީން މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ރޭގެ ވަގުތެއްގައެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކާއި ގުޅިގެން ނާޖައިޒް މަންފާ ހޯދިމަކަށްބުނެ އޭސީސީން ވަނީ އަމީންއާއި އެ މިނިސްޓްރީގެ 11 މީހެއްގެ މައްޗަށް ދައުވާކުރުމަށްވެސް ފޮނުވާފައެވެ. ނަމަވެސް ޕީޖީންވަނީ މިމައްސަލާގައި ދައުވާކުރެވޭ ވަރަށް ހެކި ނެތްކަމަށްބުނެ މިމައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައެވެ.
އަމީން މަޤާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައިވެސް ވަނީ އަމީންގެ އިތުބާތު ނެތްކަމަށް މަޖިލީހަށް ވެއްދުމާއިމެދު ޕާލިމަންޓްރީ ގްރޫޕުގައި ވޯޓެއްވެސް ނަގާފައެވެ. މިވޯޓުގައި އަމީންއަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އިތުބާރު އޮތްކަމަށް ވަނީ ފާސްކޮށްފައެވެ. ނަމަވެސް އޭގެ މަދު ވަގުތަތަކެއްގެ ތެރޭގައި މަޖިލިސް ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އަމީން މަޤާމުން ވަކިކުރުމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދާފައެވެ.
ވެންޓިލޭޓަރު މައްސަލާގައި މިނިސްޓަރ އަމީން މަސައްކަތުން އެކަހިރިވެވަޑައިގެންނެވި ހިސާބުން އެމަނިސްޓްރީ ހިންގަވަމުންދަނީ ޕްލޭނިސްޓަރ މުހައްމަދު އަސްލަމްއެވެ.
ކޮމެންޓު ފޮނުވާ