އިސްރާއީލުން ގާޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 84 މީހަކު ޝަހީދު ވެއްޖެ

އިސްރާއީލުން ގާޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 84 މީހަކު ޝަހީދު ވެއްޖެ

Author
ހުސެއިން
13 މެއި 2021 07:01
0

ފަލަސްތީނުގެ ރައްޔިތުން ބަރަކާތްތެރި ފިތުރު އީދުދުވަސް ފާހަގަ ކުރަމުންދާއިރު، އިސްރާއީލު ސިފައިން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަލާތައް ވަރުގަދަކޮށް، ގަޒާގެ އުސް އިމަރާތްތަކަށާއި އަދި އެހެނިހެން އަމާޒުތަކަށް ދެމުންދާ ވަރަގަދަ ހަމަލާތަކުގައި ފަލަސްތީނުގެ 84 މީހަކު ޝަހީދު ވެއްޖެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަފްތާގެ ހޯމަ ދުވަހު އިސްރާއީލުގެ އުދުވާން ފެށުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 84 މީހަކު އިސްރާއީލު ލާއިންސާނީ ހަމަލާތަކުގައި ޝަހީދު ވެފައިވާއިރު، މީގެތެރޭގައި 17 ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށެވެ. އަދި މިހާތަނަށް މި ހަމަލާތަކުގައި 480 މީހުންނަށް އަނިޔާ ވެފައިވާ ކަމަށްވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

އިސްރާއީލުގެ މީޑިއާތަކުން މައުލޫމާތު ދޭގޮތުގައި ގާޒާއިން އިސްރާއީލުގެ ސިޓީތަކަށް ފޮނުވާފައިވާ ރޮކެޓް ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގެ 6 މީހަކާއި އިންޑިއާ މީހަކު ވަނީ މަރުވެފައެވެ.

ދެފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ހަލާތައް ވަރުގަދަ ކޮށްފައިވާއިރު، އިސްރާއީލުގެ ސިޓީތަކުގައި ހިގަމުންދާ ހަމަނުޖެހުންތައްވެސް ދަނީ އިތުރު ވަމުންނެވެ. މިގޮތުން ހަމަނުޖެހުންތައް ހިގަމުންދަނީ، އިސްރާއީލުގެ ސިޓީތަކުގައި ދިރި އުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ރައްޔިތުންނާ ދެމެދުއެވެ.

އިސްރާއީލާއި ފަލަސްތީނުގެ ދެމެދުގައި ހަމަލާ ބަދަލުކުރުންތައް ވަރުގަދަ ވަމުންދާއިރު، މި ހަމަލާ ބަދަލުކުރުންތައް ހުއްޓުވުމަށްޓަކާ، މިސްރުގެ ޑެލިގޭޝަނެއް މިހާރު އިސްރާއީލުގެ ޓެލްއަވީވަށް ދަތުރު ކޮށްފައިވާކަމަށް، މިސްރުގެ އިންޓެލިޖެންސް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުންވަނީ ރިޕޯޓު ކޮށްފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި، މި ޓީމު އެންމެ ފުރަތަމަ ޒިޔާރަތް ކޮށްފައިވަނީ ގާޒާގައި ތިބި ހަމާސްގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރުމަށެވެ. އަދި މި މަޝްވަރާތަކަށްފަހު، އިސްރާއީލަށް ދަތުރު ކޮށްފައިވަނީ އެއްގަމު މަގުންނެވެ.

މިސްރުންވަނީ މީގެ ކުރިންވެސް، އިސްރާއީލާއި ފަލަސްތީން ސުލްހަ ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ހަމާސްގެ އަލް ގައްސާމް ބްރިގޭޑްގެ ތަރުޖަމާން ވިދާޅުވެފައިވާ ގޮތުގައި، މި ބްރިގޭޑުން ވަނީ ފުރަތަމަ ފަހަރަށް، އިސްރާއީލުގެ އުތުރުގައި އޮންނަ ރޯމަން އެއަރޕޯޓަށް އަމާޒުކޮށް ރޮކެޓް ހަމަލާ ދީފައެވެ.

"ގާޒާއާއި 220 ކިލޯމީޓަރު ދުރުގައި އޮންނަ ރޯމަން އެއަރޕޯޓަށް ވަނީ 250 ކިލޯ މީޓަރު ދުރަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ އައްޔާޝް ރޮކެޓުން ހަމަލާ ދީފައި،" އަބޫ އުބައިދާ ވިދާޅުވެފައި ވެއެވެ.

މި ރޮކެޓަކީ އިސްރާއިލުން 1996 ވަނަ އަހަރު އަވަހާރަ ކޮށްލާފައިވާ ހަމާސްގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ ޔަހުޔާ އައްޔާޝްގެ ނަމުން ނަން ދެވިފައިވާ ރޮކެޓެކެވެ.

އަބޫ އުބައިދާ ވިދާޅުވެފައި ވަނީ، މި ރޮކެޓްއިން ދީފައިވާ ހަމަލާއަކީ، މި ފަހަރުގެ އުދުވާނުގައި އަލް-ގައްސާމް ބްރިގޭޑްގެ އިސް ބައެއް އޮފިޝަލުން ޝަހީދު ކޮށްލާފައިވާތީ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.