ހާމަތަނެއްގައި ޢީދު ނަމާދު ކުރުން

ހާމަތަނެއްގައި ޢީދު ނަމާދު ކުރުން

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢީދު ނަމާދު ކުރައްވަނީ ހާމަތަނެއްގައެވެ. އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ޢީދު ނަމާދު ކުރެއްވި ކަމެއް ޘާބިތުވާކަށް ނެތެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْرُجُ يَوْمَ الْفِطْرِ وَالأَضْحَى إِلَى الْمُصَلَّى فَأَوَّلُ شَيْءٍ يَبْدَأُ بِهِ الصَّلاةُ ثُمَّ يَنْصَرِفُ ، فَيَقُومُ مُقَابِلَ النَّاسِ وَالنَّاسُ جُلُوسٌ عَلَى صُفُوفِهِم ،ْ فَيَعِظُهُمْ وَيُوصِيهِمْ وَيَأْمُرُهُمْ ، فَإِنْ كَانَ يُرِيدُ أَنْ يَقْطَعَ بَعْثًا قَطَعَهُ أَوْ يَأْمُرَ بِشَيْءٍ أَمَرَ بِه ،ِ ثُمَّ يَنْصَرِفُ . قَالَ أَبُو سَعِيدٍ فَلَمْ يَزَلْ النَّاسُ عَلَى ذَلِكَ حَتَّى خَرَجْتُ مَعَ مَرْوَانَ وَهُوَ أَمِيرُ الْمَدِينَةِ فِي أَضْحًى أَوْ فِطْرٍ فَلَمَّا أَتَيْنَا الْمُصَلَّى إِذَا مِنْبَرٌ بَنَاهُ كَثِيرُ بْنُ الصَّلْتِ فَإِذَا مَرْوَانُ يُرِيدُ أَنْ يَرْتَقِيَهُ قَبْلَ أَنْ يُصَلِّيَ فَجَبَذْتُ بِثَوْبِهِ فَجَبَذَنِي فَارْتَفَعَ فَخَطَبَ قَبْلَ الصَّلاةِ فَقُلْتُ لَهُ غَيَّرْتُمْ وَاللَّهِ فَقَالَ أَبَا سَعِيدٍ قَدْ ذَهَبَ مَا تَعْلَمُ فَقُلْتُ مَا أَعْلَمُ وَاللَّهِ خَيْرٌ مِمَّا لا أَعْلَمُ فَقَالَ إِنَّ النَّاسَ لَمْ يَكُونُوا يَجْلِسُونَ لَنَا بَعْدَ الصَّلَاةِ فَجَعَلْتُهَا قَبْلَ الصَّلاةِ)– رواه البخاري 956 ومسلم 88، މާނައަކީ: "ފިޠުރު ޢީދު ދުވަހުގައްޔާއި އަޟްޙާ ޢީދު ދުވަހުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޞައްލާ އަށް ނިކުމެ ވަޑައިގަންނަވައެވެ. އެންމެ ފުރަތަމަ ކުރައްވާ ކަމަކީ ނަމާދެވެ. އެއަށްފަހު ތެދުވެ ވަޑައިގެން މީސްތަކުންނާއި ކުރިމަތި ލައްވައެވެ. މީސްތަކުން އެބައިމީހުންގެ ޞަފުތަކުގައި އިށީނދެ ތިބެއެވެ. ދެން އެކަލޭގެފާނު ވަޢްޡު ނަޞޭޙަތް ދެއްވާ، ވަޞިއްޔަތް ކުރައްވާ، ހެޔޮކަންތަކަށް އަމުރު ކުރައްވައެވެ. އަދި އެކަލޭގެފާނު ލަޝްކަރެއް ތަނަކަށް ފޮނުއްވަން ގަޞްދު ކުރައްވާނަމަ އެކަން ކުރައްވައެވެ. ނުވަތަ މީސްތަކުންނަށް ކަމަކަށް އަމުރު ކުރައްވަން ގަޞްދު ކުރައްވާނަމަ އެކަމެއް ކުރައްވައެވެ. އެއަށްފަހު މުޞައްލާ އިން ނިކުމެ ވަޑައިގަންނަވައެވެ." އަބޫ ސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "އެއްފަހަރެއްގެ ފިޠުރު ޢީދުގައި ނުވަތަ އަޟްޙާ ޢީދުގައި މަދީނާގެ އަމީރު މަރުވާނާއި އެކުގައި ތިމަންކަލޭގެފާނު ނިކުތުމަށް ދާންދެން މީސްތަކުން މިގޮތުގައި ދެމިތިއްބެވެ. އަހަރުމެން މުޞައްލާ އަށް ނިކުތް އިރު ކަޘީރު ބިން އައްޞަލްތު ބިނާ ކުރައްވާފައި ހުރި މެމްބަރެއް ހުއްޓެވެ. ނަމާދުގެ ކުރިން މެމްބަރަށް އަރައިވަޑައިގަތުމަށް އަބޫސަޢީދު މަސައްކަތް ކުރެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ ހެދުންކޮޅުގައި ހިފާ ތިމަންކަލޭގެފާނު ދަމައިގަތީމެވެ. އެކަލޭގެފާނު ތިމަންނާ ކޮއްޕާލުމަށްހު މެމްބަރަށް އަރައިވަޑައިގަތެވެ. އަދި ނަމާދުގެ ކުރިން ޚުޠުބާ ދެއްވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. "އޭ އަބޫސަޢީދެވެ. މާތް ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނު ބަދަލު ކުރައްވައިފިއެވެ." އަބޫސަޢީދު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ކަލޭގެފާނު ތިޔަ ވިދާޅުވާ ދުވަސްތައް ފާއިތުވެ ހިނގައްޖެއެވެ." އެހިނދު ތިމަންކަލޭގެފާނު ވިދާޅުވީމެވެ. "މާތް ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަށް އެނގިވަޑައިގަންފައިވާ ގޮތަށް ވުރެ މޮޅު ގޮތެއް ތިމަންކަލޭގެފާނަށް އެނގިފައެއް ނެތެވެ." އަބޫސަޢީދު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ނަމާދުގެ ފަހުން ޚުޠުބާ އަޑުއެހުމަށް މީސްތަކުން މަޑެއް ނުކުރާނެއެވެ. އެހެންވެ، ނަމާދުގެ ކުރިޔަށް ޚުޠުބާ ދިނީއެވެ."

މި ޙަދީޘްގެ ޝަރަޙާގައި އިމާމް ޢައިނީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "މި ޙަދީޘް އިން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި ޢީދު ނަމާދު ކުރުމަށް މައިދާނަކަށް ނިކުތުން ހިމެނެއެވެ. ޟަރޫރީ ޙާލަތެއްގައިމެނުވީ މިސްކިތުގައި ޢީދު ނަމާދު ނުކުރުން ހުއްޓެވެ." އިމާމް މާލިކުގެ ކިބައިން އިބްނު ޒިޔާދު ރިވާ ކުރެއްވިއެވެ. "މައްކާގެ އަހްލުވެރިން ފިޔަވާ އެހެން މީހުން ޢީދު ނަމާދު ކުރުން ސުންނަތް ވެގެންވަނީ މައިދާނެއްގައެވެ. މައްކާގެ އަހްލުވެރިންނަށް ސުންނަތް ވެގެންވާ ގޮތަކީ މިސްކިތުގައި ކުރުމެވެ."

ފަތާވާ އަލްހިންދިއްޔާގެ އެއްވަނަ ބައިގެ 118 ވަނަ ޞަފްޙާ ގައި އައިސްފައިވެއެވެ. "ޢީދު ނަމާދު ކުރުމަށް ސުންނަތް ވެގެންވަނީ މައިދާނަކަށް ނިކުތުމެވެ. އެކަމަށް މިސްކިތް ތަނަވަސްވެގެން ވިޔަސްއެވެ. މިއީ ގިނަ ޝައިޚުންގެ ރައުޔެވެ. އަދި ރަގަޅު ގޮތަކީވެސް މިއީ އެވެ."

އިބްނު ގުދާމާ އަލްޙަންބަލީ އެކަލޭގެފާނުގެ "މުޣްނީ"ގެ (2/229-230) ގައި ލިޔުއްވާފައިވެއެވެ. "ސުންނަތް ގޮތަކީ ޢީދު ނަމާދު މުޞައްލާ(މައިދާނެއް) ގައި ކުރުމެވެ. އެކަމަށް ޢަލީ ރަޟިޔަﷲ ޢަންހު އަމުރު ކުރައްވާފައިވެއެވެ. އަދި އެއީ އެދެވިގެންވާ ގޮތްކަމުގައި އަލްއައުޒާޢީ އާއި އަޞްޙާބުއްރައުޔު ވިދާޅުވެފައިވެއެވެ. މިއީ އިބްނުލް މުންޛިރުގެ ވެސް ރައުޔެވެ.

އަދިވެސް އިބްނު ގުދާމާ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "އަހަރުމެންގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތް ދޫކުރެއްވުމަށް ފަހުގައި ޢީދު ނަމާދަށް މައިދާނަށް ނިކުމެވަޑައިގަތުމެވެ. އަދި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިން ވެސް ކަންތައް ކުރެއްވީ ހަމަ އެގޮތަށެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ މަތިވެރި ގޮތް ދޫކޮށެއް ނުލައްވާނެއެވެ. އަދި އެންމެ މަތިވެރި ގޮތް އުއްމަތަށް ތަޝްރީޢު ނުކުރައްވާ ދުލެއްވެސް ނުކުރައްވާނެއެވެ. ސަބަބަކީ އަހަރުމެންނަށް އަމުރުވެވިގެން ވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމޫނާ އެއް ކަމުގައި ބަލައިގަތުމަށެވެ. އަހަރުމެންނަށް އަމުރުވެވިގެންވާ ގޮތަކީ އުނިގޮތް ކަމުގައިވެފައި، މަނާ ކުރެވިގެންވާ ގޮތަކީ ފުރިހަމަ ގޮތް ކަމުގައި ވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ޢުޛުރެއް މެދުވެރިވެގެން މެނުވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ޢީދު ނަމާދު ކުރެއްވި ކަމެއް ޘާބިތުވާކަށް ނެތެވެ. މިކަމަށް މުޅި އުއްމަތް އިޖްމާޢުވެއެވެ. މިސްކިތުގައި ޖާގަ ހުއްޓަސްވެސް އަދި ނެތަސް ވެސް ހުރިހާ ޒަމާނެއްގައިވެސް މުސްލިމުން ޢީދު ނަމާދު ކުރުމަށް މައިދާނަކަށް ނިކުމެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތް ކޮޅުގެ ޝަރަފާއި އެކުގައިވެސް އެކަލޭގެފާނު ޢީދު ނަމާދު ކުރެއްވުމަށް ނިކުމެވަޑައިގަންނަވަނީ މައިދާނަށެވެ."

އިމާމް ޝާފިޢީ ރަޙިމަހުﷲ އެކަލޭގެފާނުގެ "އަލްއުއްމު" އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢީދު ނަމާދު ކުރައްވަން ވެއްޖެނަމަ މަދިނާގެ ހާމަކަން ބޮޑު ސަރަޙައްދަކަށް ނިކުމެވަޑައިގެން ނަމާދު ކުރައްވާ ކަމަށް އައިސްފައިވެއެވެ. އެކަލޭގެފާނުގެ ފަހުން ޞަޙާބީންވެސް ކަންތައް ކުރެއްވީ ހަމައެފަދައިންނެވެ. ވާރޭ ވެހޭތީ ނުވަތަ އެނޫންވެސް ޢުޛުރެއް މެދުވެރިވެގެން ނޫނީ މިސްކިތުގައި އެބޭފުޅުން ޢީދު ނަމާދު ނުކުރައްވައެވެ. މިއީ މައްކާ ފިޔަވާ އެހެން ހުރިހާ ރަށެއްގައިވެސް ސަލަފުން ކަންތައް ކުރެއްވި ގޮތެވެ. ސަލަފުންގެ ތެރެއިން އެއްވެސް ބޭފުޅަކު މައްކާގައި މިސްކިތުގައި ފިޔަވާ އެހެން ތަނެއްގައި ޢީދު ނަމާދު ކުރެއްވި ކަމެއް އެނގޭކަށް ނެތެވެ. އެގޮތަކީ މަސްޖިދުލް ޙަރާމަކީ ދުނިޔޭގައިވާ އެންމެ މާތް ބިންކޮޅުކަމުގައި ވުން ވެސް އެކަށީގެންވެއެވެ. އެހެންކަމުން، މަސްޖިދުލް ޙަރާމް ފިޔަވާ އެހެން ތަނެއްގައި ނަމާދު ނުކުރެއްވުމަށް އެބޭފުޅުން ގަޞްދު ކުރެއްވީއެވެ."

އަދިވެސް އިމާމް ޝާފިޢީގެ ކިބައިން ރިވާވެގެން ވެއެވެ. "ޖާގައިގެ ގޮތުން މިސްކިތް ތަނަވަސް ވެގެންވާ ނަމަ މިސްކިތުގައި ޢީދު ނަމާދު ކުރުން ބޮޑަށް ރަގަޅެވެ. ސަބަބަކީ އެއީ އެންމެ ޞާފުޠާހިރު ބިމެވެ. އެހެންކަމުން މައްކާގެ އަހްލުވެރިން ނަމާދު ކުރުން ބޮޑަށް އެދެވިގެން ވަނީ މިސްކިތުގައެވެ.

އަލްޢައްލާމާ އިބްނުލް ޙާއްޖި އެކަލޭގެފާނުގެ "އަލްމަދްޚަލު" ގެ (2/283) ގައި ލިޔުއްވާފައިވެއެވެ. "ޢީދު ނަމާދުގައި ސުންނަތްވެގެންވާ ގޮތަކީ މައިދާނުގައި ކުރުމެވެ. ސަބަބަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (صلاة في مسجدي هذا أفضل من ألف صلاة فيما سواه إلا المسجد الحرام)البخاري 1190 ومسلم 1394، މާނައަކީ: "ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ކުރެވޭ އެންމެ ނަމާދަކީ މަސްޖިދުލް ޙަރާމް ފިޔަވާ އެހެން މިސްކިތެއްގައި ކުރެވޭ އެއްހާސް ނަމާދަށް ވުރެ ހެޔޮކަން ބޮޑު ނަމާދެކެވެ." މިމަތިވެރި މާތް ކަމާއި އެކުގައިވެސް ޢީދު ނަމާދު ކުރެއްވުމަށް ޓަކައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތް ދޫކުރައްވާ މައިދާނަށް ނިކުމެވަޑައިގަތީއެވެ. މިއިން ދޭހަކޮށްދެނީ ޢީދު ނަމާދަށް މައިދާނަށް ނިކުތުމުގެ މަތިވެރި ކަމެވެ. ސުންނަތް ގޮތަކީވެސް އެއީ އެވެ. އިމާމް މާލިކް- ރަޙިމަހުﷲ- ގެ މަޛްހަބުގައި ޟަރޫރަތެއް މެދުވެރި ވެގެން މެނުވީ މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ ބިދުޢަ އެކެވެ. ސަބަބަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިން ކުރެ އެއްވެސް ބޭކަލަކު ޟަރޫރީ ޙާލަތެއް މެދުވެރިވެގެން މެނުވީ މިސްކިތުގައި ޢީދު ނަމާދު ނުކުރައްވައެވެ. ޙައިޟުވެރި އަންހެނުންނަށްވެސް ޢީދު ނަމާދު ކުރެވޭ މައިދާނަށް ނިކުތުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަމުރު ކުރައްވާފައެވެ. އެއީ އިސްލާމީ ޝިޢާރު ފާޅު ކުރުމަށް ޓަކައެވެ. އަދި ޢީދުގެ އުފާ ހުރިހާ މުސްލިމުންނަށް ހޯއްދަވައި ދެއްވުމަށް ޓަކައެވެ."

ޞައްޙަ ޙަދީޘް ތަކުގެ އަލީގައި ޢީދު ނަމާދު ކުރުން ސުންނަތް ވެގެން ވަނީ މައިދާނެއްގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިން ކުރެ އެއްވެސް ބޭފުޅަކު ޟަރޫރަތެއް އޮވެގެން މެނުވީ ޢީދު ނަމާދު މިސްކިތުގައި ނުކުރައްވައެވެ. އިމާމް ޝާފިޢި ފިޔަވާ އަނެއް ތިން މަޛްހަބުގެ އިމާމުންގެ ރައުޔަކީވެސް މިއީ އެވެ. އިމާމް ޝާފިޢީގެ ރައުޔަކީ ރަށުގައި ހުރި މިސްކިތަކީ އެންމެންނަށް ނަމާދު ކުރުމަށް ފުދޭވަރުގެ މިސްކިތެއް ކަމުގައި ވަނީނަމަ ޢީދު ނަމާދު މިސްކިތުގައި ކުރުމެވެ. މިއާއި އެކުވެސް މައިދާނަށް ނިކުމެ ޢީދު ނަމާދު ކުރުމަކީ މައްސަލަ އެއް އޮތް ކަމަކަށް އިމާމް ޝާފިޢީ ވެސް ވިދާޅުވެފައެއް ނުވެއެވެ. އިމާމް ޝާފިޢީ ވިދާޅުވެފައިވަނީ ރަށުގައި ހުރި މިސްކިތަކީ އެންމެންނަށް ފުދޭވަރުގެ މިސްކިތަކަށް ނުވަނީނަމަ މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ މަކްރޫހަ ކަމެއް ކަމުގައެވެ."

އިސްވެ ބަޔާން ކުރެވުނު ޙަދީޘް ތަކުންނާއި، ޚަލީފާ އިންގެ ޢަމަލުފުޅުތަކުން، އަދި ޢިލްމުވެރިންގެ ވާހަކަތަކުން އެނގެނީ މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ ބިދްޢަ އެއް ކަމަށެވެ. އިމާމް ޝާފިޢީގެ ބަސްފުޅަށް ބެލިކަމުގައި ވީނަމަވެސް، އެރަށެއްގެ ހުރިހާ އަހްލުވެރިން އެރޭނެވަރުގެ މިސްކިތެއް ނެތްނަމަ ސުންނަތް ވެގެންވާ ގޮތަކީ މައިދާނަކަށް ނިކުމެ ޢީދު ނަމާދު ކުރުމެވެ. މިޒަމާނުގައި މަދު ރަށެއްގައި މެނުވީ ރަށުގެ ހުރިހާ ރަޢްޔިތުންނަށް އެރޭވަރުގެ މިސްކިތެއް ނުހުރެއެވެ.  އަނެއްކަމަކީ މައިދާނުގައި ނަމާދު ކުރާއިރުގައި ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން އެއްތަނަކަށް އެއްވެ، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކޮށް، ﷲ ގެ ޙަޟްރަތަށް ދުޢާ ކޮށް، ﷲ އެބައިމީހުންނަށް ދެއްވި ބޮޑު ނިޢްމަތުގެ މައްޗަށް އުފާކޮށް، ހެދުމުން ޢީދު ޢީދަކަށް ވެގެން ދެއެވެ.

ޢީދު ނަމާދަށް އަންހެނުންވެސް ނިކުތުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަމުރު ކުރައްވާފައެވެ. މީގެ ތެރެއިން އެއްވެސް ބަޔަކު އިސްތިޘްނާ ކުރައްވާފައެއް ނުވެއެވެ. އެމީހެއްގެ އަތުގައި ޢީދު ނަމާދަށް ނިކުތުމަށް ލާނެ ހެދުމެއް ނެތްނަމަ އެހެން މީހެއްގެ އަތުން ހެދުމެއް ހޯދައިގެން ނަމަވެސް ޢީދު ނަމާދަށް ނިކުތުމަށް އަމުރު ކުރައްވާފައިވެއެވެ. ނަމާދު ކުރުމަށް ޢުޛުރުވެރިވާ މީހުންވެސް ޢީދު ނަމާދުގެ މައިދާނަށް ނިކުތުމަށް އަމުރު ކުރައްވާފައިވެއެވެ. އެއީ މުސްލިމުންގެ ދުޢާ އާއި އުފަލުގައި ބައިވެރިވުމަށެވެ. والله أعلم.

 

އެޑިޓަރުގެ ނޯޓް: ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *