ވެރިކަމުގެ ހުވާ ކުރެއްވިތާ ފުރަތަމަ 100 ދުވަސް ހަމަވި ދުވަހާ ދިމާކޮށް އެމެރިކާގެ ކޮންގްރެސްއަށް ރައީސް ޖޯބައިޑްން ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި، އެމެރިކާގެ މިސްރާބު ހުރީ އަލުން މީޒާން ކުރެވިފައި ކަމަށާއި އަދި އެމެރިކާ އަލުން އާ މިސްރާބަކުން ކުރިއަރަން ފަށާފައިވާ ކަމަށް ވިދާޅު ވެއްޖެއެވެ.
ބައިޑްންގެ ޚިތާބުގައި ވިދާޅުވެފައި ވަނީ، އޭނާއާ ހަވާލުވި އެމެރިކާއަކީ، ތަފާތު އެތައް ސަބަބުތަކާހެދި، ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އެމެރިކާއެއް ކަމަށެވެ. އަދި ވިދާޅުވީ މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19 ކާރިސާގެ ސަބަބުން އެގައުމުގެ އިގްތިސާދު ބޮޑު ފުން ވަޅުގަދަކަށް ވެއްޓިގެން ގޮސްފައިވާ ކަމަށާއި، އަދި އެތައް ބައެއްގެ ވަޒީފާ ގެއްލި ބިކަ ވެފައިވާ ކަމަށެވެ.
"އަހަރެން ވެރިކަމުގެ ފުރަތަމަ 100 ދުވަހަށްފަހު އެމެރިކާގެ ރައްޔިންގެ ގާތު މިއަދު ދެންނެވިދާނެ: އެމެރިކާ މިއޮތީ އަލުން ކުރިއަށް ދާން ފަށާފަ. ކުރިމަތިވި ނުރައްކާތައް އަމިއްލަ ކުޅެދުންތެރި ކަމަށް ބަދަލު ކޮށްފަ. ކާރިސާތަށް ފުރުސަތުތަކަށް ބަދަލު ކޮށްފަ. ކުރިމަތިވި ގޮންޖެހުންތަކުން އެތަކެއް ހިތްވަރެއް ލިބިގެންފަ،" ބައިޑްން ވިދާޅުވިއެވެ.
ބައިޑްން ވިދާޅުވީ އޭނާގެ ރިޔާސަތުގަ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމެރިކާގައި 1.3 މިލިއަން ވަޒީފާ މުޅިން އަލަށް އުފައްދާފައިވާ ކަމަށެވެ. ބައިޑްން ވިދާޅުވި ގޮތުގައި މިއީ އެގައުމުގެ އެއްވެސް ރައީސަކަށް މިހާތަނަަށް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރެވިފައިވާ ކާމިޔާބީއެއް ނޫންކަމުގައެވެ.
ބައިޑްން ވިދާޅުވި ގޮތުގައި، އެމެރިކާގެ އިގްތިސާދު މިއަަހަރު ކުރިއަރަމުންދާނީ %6 އަށްވުރެ މަތީގައެވެ.
100 days ago, America’s house was on fire. We had to act, so we:
– Passed the American Rescue Plan
– Administered over 200 million shots
– Sent over 160 million relief checks
– Delivered food and rental assistance to millions
– Provided small business loans— President Biden (@POTUS) April 29, 2021
ބައިޑްންވަނީ ރިޔާސީ ބަޔާނުގައި ޗައިނާއާއި އެގައުމުގެ ގުޅުން ދެން އާރާސްތު ވެގެންދާނެ ގޮތުގެ މައްޗަށްވެސް އަލި އަޅުވާލައްވާފައެވެ.
ޗައިނާއާ އެކީ އޮތް ވާދަވެރިކަމަށް އެމެރިކާއިން މަރުހަބާ ކިޔާކަމަށް ވިދާޅުވަމުން ބައިޑްން ވިދާޅުވެފައިވަނީ، އެމެރިކާއިން ދެކެނީ "ޗައިނާއާ އެކީ ބޮޑު ހަނުޖެހުން ގަޑެއްގެ ތެރޭގައި އޮތުމަށް ނޫން" ކަމުގައެވެ. އަދި އެމެރިކާގެ މަސްލަހަތުތައް އެތެރެއާއި ބޭރުންވެސް ހިމާޔަތް ކުރައްވާނެކަމަށް ޗައިނާގެ ރައީސް ޒީ ޖިންގ ޕިންއަށް ދަންނަވާފައިވާނެ ކަމަށްވެސް ބައިޑްން އޭނާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
"ނުރަގަޅު އަދި ހަމަހަމަ ކަމެއްނެތް ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން އެމެރިކާގެ އިންޑަސްޓްރީސްތަކާއި އަދި މަސައްކަތްތެރިންނަށް ލިބޭ ގެއްލުންތަކާ އެމެރިކާއިން ދެކޮޅު ހަދާނެ. އަދި އެމެރިކާގެ ޓެކްނޮލޮޖީންނާއި އިންޓެލެކްޓުއަލް ޕްރޮޕަރޓީން ވައްކަން ކުރުން ހުއްޓުވާނަން،" ބައިޑްން ވިދާޅުވިއެވެ.
"އަހަރެން ޗައިނާގެ ރައީސަށް ދަންނަވާފަ ވާނީ، ދުނިޔޭގެ އެހެނިހެން ލީޑަރުންނަށްވެސް ދަންނަވާފަ ވާނޭ ފަދައިން، އިންސާނީ ހައްގުތައް ހިމާޔަޔް ކުރުމާއި، އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ވެފައިވާ ވައްދުތަކަށް ފުރަގަސް ނުދޭނެކަމަށް."
ރަޝިއާއި އެެމެރިކާގެ ގުޅުމާއި ގުޅޭގޮތުން ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލައްވަމުން ބައިޑް ވިދާޅުވެފައިވަނީ، ރަޝިއާއާއި ދެކޮޅަށް އެމރިކާއިްނ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވި ނަމަވެސް، އެގައުމާއި އަދި އެގައުމުގެ ރައީސް ވާލްޑީމިރު ޕުޓިންއާއި ކުރިމަތިލުމަކަށް ދާން އޭނާ ބޭނުންފުޅު ވެވަޑައި ނުގަންނަވާ ކަމަށެވެ.
"ޕުޓިންއަށް ވަރަށް ސާފުކޮށް ވާނީ ދަންނަވާފަ، އެމީހުންނާ އެކީ ކުރިމަތިލުމަކަށް ދާން އެމެރިކާ ބޭނުން ނުވާކަމަށް. އެހެންނަމަވެސް، އެމީހުންގެ އަމަލުތަކަށް އެމީހުން އަގު ދައްކަން ޖެހޭނެ،" ބައިޑްން ވިދާޅުވިއެވެ.
ބައިޑްން ރިޔާސީ ބަޔާނުގައި އޭނާ ވިދާޅުވީ ތިމާވެށީގެ މައްސަލަތާ ދެކޮޅަށް ކުރެވޭ ހަގުރާމައަކީ ހަމައެކަނި އެމެރިކާގެ ހަގުރާމައެއް ނޫން ކަމަށާއި، އަދީ އެއީ މުޅި ދުނިޔޭގެ ހަގުރާމައަށް ހަދަން ޖެހިފައިވާ ކަމަށެވެ.
ވެރިކަމާ ހަވާލުވުމަށްފަހު، ކޮންގްރެސްއަށް ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ޖޯ ބައިޑްން ވިދާޅުވީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމަށްފަހު، އައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި، އެމެރިކާގެ ޑިމޮކްރަސީއަށް އަލުން ރައްޔިތުންގެ އިތުބާރު ހޯދައިގަނެވިފައިވާ ކަމަށާއި، އަދި 1.8 ޓްރިލިއަންގެ ޓެކްސް ކްރެޑިޓް ޕްލޭންއެއް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށެވެ.