ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ރާއްޖޭގައި 92،000 އަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު އިއްޔެ 3،963 މީހުންވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 2،546 މީހުންނާއި، މާލެ ޞަރަޙައްދުގައި ވެކްސިންގެ ދެވަނަ ޑޯޒްޖެހި 1،417 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 92،612 އަށް އަރާފައެވެ.
އަންގާރަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 840 މީހުންނެވެ. އެއީ އަތޮޅުތަކުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 457 މީހުންނާއި، މާލެ ސަރަޙައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި 383 މީހުންނެވެ.
މިވަގުތު ގްރޭޓަރ މާލެ ސަރަޙައްދުގައި ވެކްސިންޖަހަމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީއާއި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒާއި ސެނެހިޔާ ހޮސްޕިޓަލްގައެވެ. މީގެ ތެރެއިން ކޮވިޝީލްޑް ވެކްސިން ޖަހަމުންގެންދަނީ ސޯޝަލް ސެންޓަރުގައި އެކަންޏެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ފިޔަވާ ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން 11:45އަށެވެ.
ކިއުތައް ދިގުވުމުގެ ޝަކުވާތައް ބޮޑުވެ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން މިހާރު ވަނީ ކިޔުބީ އެޕްލިކޭޝަނުން ނަމްބަރު ނަގައިގެން ވެކްސިންޖަހަންޖެހޭ ގަޑިއަށް ވެކްސިން ސެންޓަރަށް ދާންޖެހޭ ގޮތަށް ކަންކަން އިންތިޒާމުކޮށްފައެވެ. މާލެ ސަރަޙައްދުގައި ވެކްސިން ދިނުމުގެ ކަންކަން 11 ސެންޓަރުގައި ކުރިއަށްދެއެވެ. ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. އަދި އަތޮޅުތެރޭގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.
ކޮމެންޓު ފޮނުވާ