ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ގައުމާ ދޭތެރޭ ދެކިވަޑައިގަންނަވާ އުއްމީދުތަކެއް ހުރި ކަމަށާއި، އެ އުއްމީދުތައް ހަގީގަތަކަށް ހެއްދެވުމަށްޓަކައި ޓިކެޓަށް ޝައުގުވެރިކަން އޮތް ކަމަށެވެ. އަދި މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ދިމާވި ބައިބައިވުމުގެ ހާލަތު ތަކުރާރު ވިޔަނުދީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެއް ސަފެއްގައި މަސައްކަތް ކުރެއްވުމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މީގެ ކުރިން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އަދި ކުރީގެ ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް ޓިކެޓަށް ވާދަކުރައްވާނެ ކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ.
ކޮމެންޓު ފޮނުވާ