މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ހއ. އުތީމުގައި ބޭއްވުމަށް ސަރުކާރުން ނިންމައި، ތައްޔާރީތައް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ނިންމެވުމާއެކު، ޖެހިޖެހިގެން ދެވަނަ އަހަރަކަށް އުތީމަކީ ގައުމީ ދުވަހުގެ ހަރަކާތްތަކުގެ މަރުކަޒަށް ވެގެންދާނެއެވެ. މިއަހަރުގެ ގައުމީ ދުވަސް ދިމާވަނީ އޮގަސްޓު 14 ވަނަ ދުވަހަށެވެ.
މި ދުވަހަށް ތައްޔާރުވުމުގެ ގޮތުން، ބޮޑުތަކުރުފާނުގެ ޒިކުރާ އާލާވާ ހއ. އުތީމު، ބާރަށް، އަދި ތަކަންދޫގައި ހުރި ގާޒީ ރަދުންގެ އާސާރީ ތަންތަން މަރާމާތުކޮށް ތަރައްގީ ކުރުމުގެ ގައުމީ މަޝްރޫއެއް މިހާރު ދަނީ ހިންގަމުންނެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ މި ތިން ރަށަށް ޒިޔާރަތްކޮށް، މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ގައުމީ ދުވަހުގެ ކުރިން ހުރިހާ މަސައްކަތެއް އެއްކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.
އުތީމަކީ އިހުޒަމާނުއްސުރެވެސް ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަ ރަށެކެވެ. ނަމަވެސް ގައުމީ ފެންވަރުގައި މި ދުވަސް އެ ރަށުގައި ފުރަތަމަ ފާހަގަކުރީ، ބޮޑުވަޒީރު އަލްއަމީރު މުހައްމަދު އަމީނުގެ ވެރިކަމުގައި، 1 ރަބީއުލްއައްވަލް 1371 (މީލާދީން 1951) ގައެވެ. އެއަށްފަހު ދެވަނަ ފަހަރަށް ގައުމީ ފެންވަރުގައި މި ދުވަސް އުތީމުގައި ކުލަގަދަކޮށް ފާހަގަކުރީ ރައީސް މައުމޫނުގެ ވެރިކަމުގައި 1980 ވަނަ އަހަރުގައެވެ. ތާރީޚީ ލިޔުންތަކުން ދައްކާ ގޮތުގައި، މިހާތަނަށް އުތީމުގައި އެންމެ ކުލަގަދަކޮށް ގައުމީ ދުވަސް ފާހަގަކުރެވުނު ފަހަރަކީ އެއީއެވެ.
މިއަހަރުގެ ހަރަކާތްތަކާއެކު، އުތީމާއި އެ ސަރަހައްދުގެ ތާރީޚީ ތަންތަނަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށާއި، ބޮޑުތަކުރުފާނުގެ ޒިކުރާ އާލާވެ، ސަގާފީ ފަތުރުވެރިކަން ކުރިއެރުމަށްވެސް މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ