ރޭ ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު ފިލި ދޯނި އަދިވެސް ހޯދިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 21:16 ހާއިރު، "ލީޖަން 1″ ނަމަކަށް ކިޔާ ސްޕީޑް ލޯންޗެއް، މާލޭ ބޮޑުތަކުރުފާނު މަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކުރި ފަހުންނެވެ.
ދެ އުޅަނދު ޖެހި ހިނގި މި އެކްސިޑެންޓަށްފަހު، އަނެއް ކަނޑު އުޅަނދު މަޑުނުކޮށް ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި ލީޖަން 1 ން ދަތުރުކުރި ތިން ބިދޭސީއަކަށް ލިބުނު އަނިޔާތަކަށް، އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.
މި މައްސަލައާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުން ވިދާޅުވީ، މިހާތަނަށް ކުރި މަސައްކަތުން ފިލި އުޅަނދު ފެނިފައި ނުވާ ކަމަށާއި، ނަމަވެސް ތަހުގީގުގެ ތެރެއިން އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ