ވިލިމާލެއަކީ ކޮންކްރީޓް ޖަންގައްޔަކަށް ވިޔަނުދީ، ފެހި ރަށެއްގެ ގޮތުގައި ދަމަހައްޓަން ޖެހޭ ރަށެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ ވިލިމާލޭގެ ފެހިކަމާއި ގުދުރަތީ، ތަބީއީ ސިފަތައް ހިމާޔަތްކޮށް، އެ ރަށަކީ ކޮންކްރީޓް ޖަންގައްޔަކަށް ނުވާ ރަށެއްގެ ގޮތުގައި ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.
ވިލިމާލެ ބްރިޖުން މާލެއާއި ގުޅިފަޅު އަދި ތިލަފުށްޓާ ގުޅުވާލުމާއެކު، އެ ސަރަހައްދުތަކުގައި އުސް ކޮންކްރީޓް އިމާރާތްތައް އަވަހަށް އަޅަން ފަށާނެ ކަމަށްވެސް ނަޝީދު ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ބްރިޖުގެ މަޝްރޫއާއެކު ވިލިމާލޭގެ ވެށްޓަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ވިލިމާލޭގައި ހައުސިން މަޝްރޫއެއް ހިންގުމަށް ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައި ވަނިކޮށެވެ. މީގެ އިތުރުން، އެ ރަށުގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއެއްވެސް ސަރުކާރުން ވަނީ ކުރިއަށް ގެންދަން ނިންމާފަ އެވެ.
ކޮމެންޓު ފޮނުވާ