މިޤައުމު މިދަރަޖައަށް ދިޔައީ ޒިންމާދާރުނޫން މަޖިލީހަކާއި، ވަޒީރުން ތިބުމުން: ބޮންޑޭ

މިޤައުމު މިދަރަޖައަށް ދިޔައީ ޒިންމާދާރުނޫން މަޖިލީހަކާއި، ވަޒީރުން ތިބުމުން: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2021 02:16
0

މިއަދު ރާއްޖެ އޮތް ހާލަތަކަށް ރާއްޖެ ގޮސްފައިވަނީ ޒިންމާދާރުނޫން މަޖިލީހަކާއި، ޒިންމާދާރުނޫން ވަޒީރުންތަކެއް ތިބުމުންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓް ޖެންޑަ ކޮމިޓީން ދިރާސާކޮށް ނިންމި ނޭޝަނަލް ޑްރަގް އެޖެންސީން ޤާނޫނީ ޒިންމާ އަދާނުކުރާކަމަށް ބުނެ ހުށަހެޅުނު ރިޕޯޓަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ޑްރަގުގެ މައްސަލަތައް ހައްލު ނުކުރެވޭ މައްސަލައަކީ މުޅި މުޖުތަމައުގެ އިހުމާލުވުން އޮތް މައްސަލައެއް ކަމަށެވެ. އަދި މިކަމުގައި އެންމެބޮޑު އިހުމާލުވުމެއް އޮތީ މިއަދު އެއްވެސް ޒިންމާދާރު ކަމެއްނެތް މަޖިލީހަކާއި، ޒިންމާދާރުކަމެއް ނެތް ވަޒީރުންގެ ސަބަބުން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

މިދަރަޖަށް މިދަނީ ކީއްވެގެންތޯ؟ ޒިންމާދާރުކަމެއްނެތް މަޖިލީހެއް އޮތީމަ. ޒިންމާދާރުކަމެއްނެތް ވަޒީރުން ތިބީމަ. މިދަރަޖައަށް މިޤައުމު މިދަނީ. ވިސްނާ ފިކުރުކުރަން އެބަޖެހޭ. މިއީ ޤައުމެއް. ޤައުމެއްގެ މައްސަލަ ހައްލުކުރަން އަޅުގަނޑުމެން މިތިތިބީ. ސަމާސަ ކުރާކަށްނޫން، މިތަނަށް އައިސް މިތިބީ. މަޖާކުރާކަށްނޫން. މިތަނަށް އަންނަނީ މިޤައުމު ހަމަ މަގަށް އަޅުވަން. މިޤައުމަށް ދިމާވެފައިހުރި މައްސަލަތައް ހައްލުކުރަން.

– ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އޮތް ނޭޝަނަލް ޑްރަގް އޭޖެންސީއަށް ޑްރަގްގެ ވަބާގައި ޖެހިފައިވާ އެއްވެސް މީހަކު މިސަރުކާރުގެ މިހާތަނަށް ރަނގަޅުކޮށްދެވި މުޖުތަމައަށް ނެރެވިފައި ނުވާކަމަށެވެ. އެންޑީއޭއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް ފަރުވާ ދިނުމުގެ ނަމުގައި ހިންގާ ކަންކަމުން ޖާގަ ލިބިގެންދަނީ އިތުރު ގޭންގުތަކެއް ހެދުމަށް ކަމަށެވެ. ހުރިހާ ކުދިން އެއްތަނަށް އަޅާލައި އެކުދިންނަށް ވާނުވާބަލާ ނުލައި ދައުލަތުން ބޮޑެތި ޚަރަދުތަކުން ފައިސާ ހޭދަކުރަމުންދާއިރު ނަތީޖާ ނެރެ ނުދެވޭކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ކޮންމެ މަހަކު މިއިން ކުއްޖަކަށް ދައުލަރުން 35 ހާހަށްވުރެ ގިނަ ރުފިޔާ ހޭދަކުރާއިރު މިގޮތަށް މިފައިސާ ޚަރަދު ކުރުމަށްވުރެއް ބޮޑަށް އެކުދިންގެ އާއިލާ ކައިރީގައި ރަށުގައި ބައިތިއްބައިގެން މީގެއިން ކޮންމެވެސް ވަރެއް ޚަރަދުކުރިޔަސް ނަތީޖާ މާ ރަނގަޅުވާނެކަމަށް ބޮންޑޭ ވިދާޅުވިއެވެ. ބޮންޑޭ ވިދާޅުވީ މިމައްސަލަތައް މިހެން ވެގެންދަނީ ރައްޔިތުން އެދޭފަދަ ޒިންމާދާރު މަޖިލީހަށް މަޖިލިސް ނުވުމުންކަމަށެވެ. އަދި ވަޒީރުންގެ ތެރޭގައި ތިއްބެވި ބޭފުޅުންގެ ޒިންމާދާރުކަންވެސް ކުޑަކަމުން ކަމަށެވެ.

އެންޑީއޭގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް ހުށަހަޅާފައިވާ މި ޕެޓިޝަންގައި ބުނެފައިވަނީ މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށްވާއިރު، މިމަސްއޫލިއްޔަތު އަދާކުރަން ޤާނޫނުން މަތިކޮށްފައިވާ ނޭޝަނަލް ޑްރަގް އޭޖެންސީއަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށެވެ. އެގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ)ގެ މައްޗަށް ލާޒިމްކޮށްފައިވާ 8 މަސްޢޫލިއްޔަތެއްވާއިރު، އޭގެއިން އެއްވެސް ކަމެއް އެކަށީގެންވާ ހަރުދަނާ ގޮތެއްގައި ކުރުމަށް އެންޑީއޭ ވަނީ ނުކުޅެދިފައިކަމަށް މި ޕެޓިޝަންގައި ބުނެފައިވެއެވެ. މިހެން މިކަން ވާންޖެހޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ޕެޓިޝަންގައި ބުނެފައިވަނީ މީގެ 24 ވަރަކަށް އަހަރުކުރިން އެހެން ނަމެއްގައި އެންޑީއޭ ވުޖޫދަށް އައިރުވެސް ގެންގުޅުނު ނިޒާމްތަކާއި ބޯދާ ޢުޞޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވުންކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

މިޕެޓިޝަން ހުށަހެޅި ފަރާތްތަކުން ވަނީ ވީހާވެސް އަވަހަށް މިމައްސަލައަށް ހައްލު ގެނެސް ނޭޝަނަލް ޑްރަގް އެޖެންސީ، (އެން.ޑީ.އޭ)އަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް އެދިފައެވެ. އަދި މިކަމުގައި އަވަސް ހައްލުތަކެއް ގެނެސް ޒުވާނުންގެ ތެރެއިން އެތައްބަޔަކު މަސްތުވާތަކެތިން ސަލާމަތްވުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށްވެސް ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.