ވެހިކަލް ދަފްތަރު އުވާލަން މިއަދު މަޖިލިސްގައި ވޯޓަށް އަހާ މައްސަލާގައި ވޯޓުދޭނީ ގަރާޖް ސިޓީ ނުލިބިގެން އުޅޭ މެމްބަރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ގަރާޖެއްގައި އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހަނާޅާ އެއްގަމު އުޅަނދު ރަޖިސްޓްރީކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ނިންމި މައްސަލައިގެ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމަށް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މިކަމާއި ގުޅިގެން ބޮންޑޭ ވިދާޅުވީ މާލެއަކީ މިހާރުވެސް ތޮއްޖެހި އިންތިހާއަށް ވެހިކަލްގެ މައްސަލަ އޮތް ތަނަކަށްވާއިރު މިކަން އިތުރަށް ގޯސްކޮށް މިހާރު ވެހިކަލް ދަފްތަރުގެ އުސޫލު އުވާން ވޯޓުދޭނީ މާލޭގައި ވެހިކަލް ގަރާޖު ސިޓީ ނުލިބިގެން އުޅޭ މެމްބަރުންކަމަށެވެ. އަދިމިއީ މާލެ އިތުރަށް ތޮއްޖައްސައި މާލޭގެ ހަމަޖެހުން ގެއްލިގެންދާނެ ކަމެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ކެރީން ކެޕޭސިޓީއަށްވުރެ 100 ގުނަ އިތުރަށް ތޮއްޖެހިފައިވާ މާލޭ ގެ ސަރަހައްދަށް ގަރާޖު ސިޓީ ނެތި 4 ފުރޮޅުލީ އުޅަނދު "ރަޖިސްޓްރީ ކުރެވޭ "ވެހިކަލް ދަފްތަރު އުސޫލު" ރިޕޯޓު ފާސްކުރަން މާދަމާ ވޯޓުދޭނީ ގަރާޖް ސިޓީ ނުލިބިގެން އުޅޭ މެމްބަރުން!
– ބޮންޑޭ ވިދާޅުވިއެވެ.
މިހާރު ޤާނޫނު އޮންނަގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ހުށައަޅާނަމަ، އެ އުޅނަދެއް ބާއްވާނެކަމުގެ ގަރާޖެއްގެ ލިޔުން ހުށައަޅާންޖެހެއެވެ. އަދި އެއްގަމު އުޅނަދު ރަޖިސްޓްރީކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރުވެސް މިހާރު ޤާނޫނު އޮންނަގޮތުން ލިބިދީފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުއެވެ. ނަޝީދު ހުށައެޅުއްވި އިޞްލާހުތައް ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއް، ނުވަތަ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުނޫން ކަމަށެވެ. އަދި ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެލިޔުން ހުށަހެޅުން ލާޒިމެއް ނޫންކަމަށްވެސް ކޮމިޓިން ގެނައު އިޞްލާޙުގައިވެއެވެ.
އެގޮތަށް އިޞްލާޙު ގެނައި މައިގަނޑު ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭކަމަށް އޮތުމުގެ ސަބަބުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެފަދަ ލިޔުންތައް ވިއްކަމުން ގެންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.
އޮޅުވާލައިގެން އެއް ގަރާޖެއްގެ ނަންމަތީ އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްގެން ދުއްވާ މައްސަލައަކީ މާލޭގައި ވާރަށްބޮޑަށް ދިމާވި މައްސަލައެކެވެ.
ކޮމެންޓު ފޮނުވާ