ގެއްލުން ކުޑަކުރަންތިބޭ މީހުން ދައުލަތް ފޭރެން އުޅުމަކީ ބިރުވެރިކަމެއް: ވައްޑެ

ގެއްލުން ކުޑަކުރަންތިބޭ މީހުން ދައުލަތް ފޭރެން އުޅުމަކީ ބިރުވެރިކަމެއް: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2021 10:35
0

ދައުލަތަށް އެކި ގޮތްގޮތުން ލިބޭ ގެއްލުން ކުޑަކުރަން ދައުލަތުގެ އެކި މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން ދައުލަތް ފޭރެން އުޅުމަކީ ބިރުވެރި ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ވަހީދު މިހެން ވިދާޅުވެފައިވަނީ ކުރީގެ އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖް ހިންގުމަށް ވެފައިވާ އެއްބަސްވުން، ކުރީ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި ބޮޑު އަދަދެއްދޭން ދައުލަތުން ނިންމާފައިވާ ނިންމުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެއެވެ. މިމައްސަލާގައި އޮޑިޓާ ޖެނެރަލް ހެއްދެވި ރިޕޯޓުން ބަދަލުގެ ގޮތުގައި ދޭންޖެހެނީ 1.5 މިލިޔަން ރުފިޔާއެވެ.

ވަހީދު ވަނީ މިކަމާއި ގުޅިގެން އެކި ފަހަރުމަތީން ޓްވިޓާ މެދުވެރިކޮށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި މިރިޕޯޓާއިއެކު ވަހީދު ވިދާޅުވީ ދައުލަތަށް ލިބޭ ގެއްލުން ކުޑަ ކުރަން ތިއްބަވާ ބޭފުޅުން ދައުލަތް ފޭރެން އުޅޭބަޔަކަށް ވެއްޖެނަމަ އެކަމުގެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދާނެކަމަށެވެ.

ދައުލަތުގެ ގެއްލުން ކުޑަވާ ގޮތް ހަދައިދޭން މުއްއަސަސާތަކުގެ ތިބޭ މީހުންނަކީ ދައުލަތް ފޭރެން އުޅޭބަޔަކަށް ވުމަކީ ބިރުވެރިކަމެއް.

– ވަހީދު ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު އެކުލަވާލާފައިވާ އެ ރިޕޯޓުގައި މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދެ އަދަދަކުން ބަދަލު ދިނުމަށް ވަނީ ރެކޮމަންޑް ކޮށްފަ އެވެ.

ފުރަތަމަ އަދަދަކީ 1.27 މިލިއަން ރުފިޔާގެ ބަދަލެއް ދިނުން ކަމަށް އެސެސްމަންޓުގައިވެ އެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 100،580 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.18 މިލިއަން ރުފިޔާ އެވެ.

ދެވަނަ އަދަދަކީ ޖުމްލަ 1.58 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެއީ އެންމެ ގިނަވެގެންވެސް އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލު ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެއީ، އެ އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެންޓްރީގެ އަގަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 166،599 ރުފިޔާ އަދި މަންދު ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުތަކުގެ އަގަށް ބަދަލުގެ ގޮތުގައި 1.41 މިލިއަން ރުފިޔާ އެވެ.

މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ފެބުރުއަރީ 28 ވަނަ ދުވަހު ހުކުމް ކުރުމާ އެކު އޭގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ސަރުކާރުން އެއްބަސްވީ، 15 މިލިއަން ރުފިޔާގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށެވެ. އެހެންވެ، ސިވިލް ކޯޓުން ހުކުމް ކުރީ އެއްމަސް ތެރޭ 15 މިލިއަން ރުފިޔާގެ މަންދު ކޮލެޖް ހިންގާ ކުންފުންޏަށް ދައްކާ ނިންމުމަށެވެ.

އެހެން ކަމުން ދަލަތުން އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާ 15 މިލިއަން ރުފިޔާގެ ބަދަލަކީ މަންދު ކޮލެޖަށް އޮޑިޓް އޮފީހުގެ އެސެސްމަންޓުން ދެއްކި އަދަދާ އަޅާ ބަލާއިރު، 13.5 މިލިއަން ރުފިޔާގެ ބޮޑު އަދަދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.