ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އޮފީސް ހަފުތާއެއްގެ ތެރޭގައި ދެ ފަހަރަށް ފަޅާލައި ފައިސާތަކެއް ވަގަށް ނެގި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އާރްޑީސީގެ ހެޑް އޮފީސް ފަޅާލައި ވައްކަން ކޮށްފައިވަނީ މިދިޔަ ހަފްތާ ބަންދު ތެރޭގައެވެ. އާރްޑީސީން ބުނެފައިވަނީ ލަފާ ކުރެވެނީ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެތަން ފަޅާލާފައިވާ ކަމަށެވެ.
އާރުޑީސީ އިން ބުނީ ވަގަށް ނަގާފައިވާ ފައިސާތަކަށް ބަލާއިރު، ތިޖޫރީގައި ހުރި 118،986 (އެއްލައްކަ އަށާރަ ހާސް ނުވަސަތޭކަ އަށްޑިހަ ހައެއް) ރުފިޔާއާއި ޕެޓީ ކޭޝްގެ ގޮތުގައި އެކި މުއައްޒަފުންގެ ހަވާލުގައި ހުރި 10،737 (ދިހަހާސް ހަތްސަތޭކަ ތިރީސް ހަތް) ރުފިޔާއާއެކު ޖުމްލަ 129،723 (އެއްލައްކަ ނަވާވީސްހާސް ހަތްސަތޭކަތޭވީސް) ރުފިޔާ ކުންފުނީގެ ފައިސާގެ ތެރެއިން ވަގަށް ނަގާފައި ވާކަމަށް މިހާތަކަނަކަށް ބެލިބެލުންތަކުން ފާހަގަ ކުރެވޭ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ އުމުރުން 25 އަހަރާއި 31 އަހަރާއި އަދި 33 އަހަރުގެ މީހެއް ކަމަށެވެ. އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.
ކޮމެންޓު ފޮނުވާ