އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑްންގެ ސަރުކާރާ ގުޅުން ބަދަހި ކުރުމަށް، ގަތަރު ސަރުކާރުން އެމެރިކާގެ އަގުބޮޑު ޕީއާރު ކުންފުނިތަކުގެ އެހީ ހޯދަމުންދާކަން ހާމަކޮށް، ދާދިފަހުން އެމެރިކާގެ ބްލޫންބާގް އިން އާންމުކުރި ޚަބަރުތައް ގަތަރު ސަރުކާރުން ތެދު ކޮށްފިއެވެ.
ބްލޫންބާގުން ދާދި ފަހުން ޝާޢިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، ޖޯބައިޑްންގެ ސަރުކާރާއި އަދި ކޮންގްރެސްއާއި ގުޅުން ބަދަހި ކުރުމަށްޓަކާ، އެމެރިކާގެ ވޮޝިންގްޓަން ޑިސީގައި ޕީއާރު އަދި ކޮންސަލްޓިންގ މަސައްކަތްތައް ކުރުމުގެ ގޮތުން، ކޮންގްރެސްގެ ޑިމޮކްރަޓުންނާއި ގުޅުން ހުރި، އަގުބޮޑު ޕީއާރު ކުންފުނިތަކެއްގެ އެހީ ގަތަރުގެ ސަރުކާރުން ދަނީ ހޯދަމުންނެވެ.
ބްލޫމްބާގުން ހާމަ ކޮށްފައިވާ ގޮތުގައި، މި ހުރިހާ ކުންފުނިތަކުން ގަތަރުގެ ސަރުކާރަށް ކޮށްދޭ ޕީއާރު މަސައްކަތްތަކުގެ ޖުމްލަ އަގު މަހަކު 186,000 އެމެރިކާ ޑޮލަރަށް އަރައެވެ. ބުލޫމްބާގުން މިމައުލޫމާތު ހާމަކޮށްފައިވަނީ، އެމެރިކާގެ ފޮރިންގ އޭޖެންޓް ރެޖިސްޓެރޭޝަން އެކްޓްއާއި ގުޅުންހުރި ލިޔެކިއުންތަކާ ހަވާލާދީއެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ގަތަރު ސަރުކާރުން އެހީ ހޯދަމުންދާ ހުރިހާ ޕީއާރު ކުންފުނި ތަކަކީވެސް، އެމެރިކާގެ ކޮންގްރެސް އަދި ހައުސް އޮފް ރެޕްރެސެންޓޭޓިވްސްގެ ޑިމޮކްރެޓުންނާއި އަދި ވަކީން ޚާއްސަކޮށް، ސެނެޓްގެ ފޮރިންގ އެފެއާރޒް ކޮމިޓީގެ މެމްބަރުންނާއި ގާތް ގުޅުން އޮންނަ ޕީއާރު ފާމްތަކެވެ.
މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، 2017ވަނަ އަހަރު، ސައުދީ އަރަބިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހުރެއިން އަދި މިސްރު ހިމެނޭ ގޮތުން އަރަބި ބައެއް ގައުމުތަކުން ގަތަރާއެކީ އޮތް ސިޔާސީ ގުޅުން ކަޑާލާ، ކަނޑާ، އެއްގަމާ އަދި ވައިގެ މަގުންވެސް ގަތަރު ބޮއިކޮޓްކުރި ހިސާބުން ފެށިގެން އެގައުމުން އަންނަނީ، ލޮބީ ކުންފުނިތައް މެދުވެރިކޮށް، އެމެރިކާގެ ސަރުކާ ގުޅުން ބަދަހި ކުރުމަށް ނެޓްވާކްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަރަބި ގިނަ ގައުމުތަކުން 2017 ވަނަ އަހަރު ގަތަރާއެކީ އޮތް ސިޔާސީ ގުޅުން ކަނޑާލާ އަދި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ އެގައުމުން ޓެރަރިޒަމަށް ހިތްވަރު ދޭކަމަށް ތުހުމަތު ކޮށެވެ. އެހެންނަމަވެސ،ް ގަތަރުންވަނީ މިތުހުމަތުތައް ދޮގު ކޮށްފައެވެ.
ބުލޫމްބާގުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، 2016 ވަނަ އަހަރު ގަތަރު ސަރުކާރުން 4 މިލިއަން ޑޮލަރު ލޮބީސްޓުންނަށް (ތާއީދު ހޯދާދިނުމަށް މަސައްކަތް ކޮށްދޭ ފަރާތްތައް) ޚަރަދު ކޮށްފައިވާއިރު، 2017 ވަނަ އަހަރު 12.9 މިލިއަން ޑޮލަރުވަނީ ޚަރަދު ކޮށްފައެވެ.
ބުލޫމްބާގަށް ދިން އިންޓަވިވް އެއްގައި، ގަތަރު ސަރުކާރުން އެމެރިކާއަށް ކަޑައަޅާފައި ހުންނަވާ ސަފީރު ޝެއިޚް މިޝާލް ބިން ހަމަދު އަލް ތާނީ ވިދާޅުވެފައިވަނީ، އެގައުމުން ލޮބިސްޓުންނަށް ޚަރަދު ކޮށްފައިވަނީ، "ގައުމާ ދެކޮޅަށް ފަތުރަމުން ދިޔަ ރަގަޅު ނޫން މައުލޫމާތުތަކުގެ ސަބަބުން، ގައުމުގެ ޝަރަފާއި ކަރާމަތަށް ލިބެމުން ދިޔަ ގެއްލުންތައް ފޫބެއްދުމަށާއި އަދި ގައުމާ ގުޅޭގޮތުން ބައެއް ފަރާތްތަކަށް ފޯރުކޮށްދީފައިވާ ސައްޚަ ނޫން މައުލޫމާތުތައް ރަގަޅު ކޮށްދީ އެފަރާތްތަކާ ހަމައަށް ފޯރުކޮށްދިމުމަށް،" ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ގަތަރު ސަރުކާރުން އެގައުމު ދުޝްމަނުންގެ ހަމަލާތަކުން "ދިފާޢު" ކޮށްފައިވަނީ، ލޮބިސްޓުން މެދުވެރި ކޮށްގެން ކަމުގައެވެ.
ބުލޫމްބާގުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާގެ ލޮބީސްޓުން މެދުވެރިކޮށް، 2022 ގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް އެގައުމުގައި ބޭއްވުމުގެ ފުރުސަތު ފަހި ކުރުމަށާއި އަދި އެމެރިކާއިން ގަތުމަށް މަސައްކަތް ކުރަމުންދާ ދިފާއީ އުޅަދުތަކާއި އާލާތްތައް ގަތުމުގައިވެސް ގަތަރު ސަރުކާރުންވަނީ އެހީތެރިކަން ހޯދާފައެވެ.
މިއަހަރު ޖެނުއަރީ މަހު ސައުދީ އަރަބިއާގެ އަލް އުލާގައި ބޭއްވުނު ޖީސީސީގެ ސަމިޓުގައި، ގަލްފުގެ ހުރިހާ ގައުމަކުން ވަނީ، އަލް އުލާ ޑެކްލަރޭޝަންގައި ސޮއިކޮށް، ގަތަރާއި އެކީ އުފެދިފައިއޮތް މައްސަލައަށް ދާއިމީ ހައްލެއް ގެނެސްފައެވެ.
މި ސަމިޓުގައި، ސައުދީ ވަލީ އަހުދު މުހައްމަދު ބިލް ސަލްމާން ވިދާޅުވެފައިވަނީ، އިރާނުގެ ފަރާތުން ގަލްފު ސަރަހައްދަައް ކުރިމަތިވަމުންދާ ނުރައްކަލުގެ ސަބަބުން، ގަލްފުގެ ހުރިހާ ގައުމުތަކެއް އެއްގަލަކަށް އެރުމަށް މަޖުބޫރު ވެފައިވާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ