މާލެ ސިޓީގެ މަޝްވަރާ ނުހޯދައި މަގުތަކަށް ވެހިކަލް އިތުވާގޮތަށް ޤާނޫނާއި ގަވާއިދު ނެހެދުމަށް މުއިއްޒު ގޮވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ އިންތިޚާމީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ މަގުތަކަކީ މިހާރުވެސް ވެހިކަލްތަކުގެ ބާރޫބޮޑު މަގުތަކަށްވާއިރު، މާލެ ސިޓީގެ ރައްޔިތުންގެ އެއްވެސް ޚިޔާލެއް މަޝްވަރާއެއްނެތި އަނެއްކާވެސް ވެހިކަލްތައް އެއްވެސް ހިފެހެއްޓުމެއްނެތި އިތުރުވާނެ ގޮތަކަށް ޤާނޫނުތަކާއި ގަވާއިދުތައް ހެދުމަކީ އެދޭކަމެއް ނޫންކަމަށެވެ. މިފަދަ ކަމެއް ނޫނީ މިފަދަ ބަދަލެއް ގެންނަންވާނީ މާލެ ސިޓީ ރައްޔިތުންގެ މަޝވްރާއާއި ޚިޔާލު ހޯދައިގެންކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީގެ ޚިޔާލާއި މަޝްވަރާއާއި ނުލައި އެއްވެސް ހިފެހެއްޓުމެއްނެތި މާލެ ސިޓީގެ މަގުތައްމައްޗަށް، ވެހިކަލްތައް އިތުރުވާނެ ގޮތަކަށް ޤާނޫނެއް، ޤަވާއިދެއް އިސްލާހު ނުކުރެއްވުމަކީ މާލެ ސިޓީ ރައްޔިތުންގެ ހައްގުގުގައި އަޅުގަނޑު ވަރަށް އެދޭކަމެއް.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
ގަރާޖެއްގައި އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހަނާޅާ އެއްގަމު އުޅަނދު ރަޖިސްޓްރީކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ވަނީ ނިންމާފައެވެ. މިހާރު ޤާނޫނު އޮންނަގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ހުށައަޅާނަމަ، އެ އުޅނަދެއް ބާއްވާނެކަމުގެ ގަރާޖެއްގެ ލިޔުން ހުށައަޅާންޖެހެއެވެ. އަދި އެއްގަމު އުޅނަދު ރަޖިސްޓްރީކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރުވެސް މިހާރު ޤާނޫނު އޮންނަގޮތުން ލިބިދީފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ. ނަޝީދު ހުށައެޅުއްވި އިޞްލާހުތައް ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއް، ނުވަތަ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުނޫން ކަމަށެވެ. އަދި ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެލިޔުން ހުށަހެޅުން ލާޒިމެއް ނޫންކަމަށްވެސް ކޮމިޓިން ގެނައު އިޞްލާޙުގައިވެއެވެ.
އެގޮތަށް އިޞްލާޙު ގެނައި މައިގަނޑު ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭކަމަށް އޮތުމުގެ ސަބަބުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެފަދަ ލިޔުންތައް ވިއްކަމުން ގެންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.
އޮޅުވާލައިގެން އެއް ގަރާޖެއްގެ ނަންމަތީ އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްގެން ދުއްވާ މައްސަލައަކީ މާލޭގައި ވާރަށްބޮޑަށް ދިމާވި މައްސަލައެކެވެ.
ކޮމެންޓު ފޮނުވާ