ގާދިއްފުއްޓާއި، މާވަށުގައި އަލުން ރި-ރަޖިސްޓްރީ ވާކަށް ނުޖެހޭނެ: ޝަރީފް

ގާދިއްފުއްޓާއި، މާވަށުގައި އަލުން ރި-ރަޖިސްޓްރީ ވާކަށް ނުޖެހޭނެ: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
27 އޭޕްރިލް 2021 10:02
0

ތ.ގާދިއްފުއްޓާއި ލ.މާވަށުގައި ވޯޓުލުމުގެ މަސައްކަތް އަލުން ކުރިއަށްގެންދަން ނިންމި ނަމަވެސް އެދެރަށުގައި އަލުން ވޯޓަށް ރީ-ރަޖިސްޓްރީވާން ނުޖެހޭކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު 2020އާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ތ.ގާދިއްފުއްޓާއި ލ.މާވަށުގައި އަލުން ވޯޓުލާން ނިންމާފައިވާއިރު، މި 2 ރަށުގައިވެސް ވޯޓުލުން އަލުން ކުރިއަށްގެންދަން ނިންމާފަައިވަނީ ދާއިރާ ނޫން ބަޔަކު އެ 2 ރަށުގެ ކައުންސިލަށް ވޯޓުލާފައިވާތީކަމަށްވެސް އިލެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވަނީ ވިދާޅުވެފައެވެ.

އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި އިއުލާން ނުކުރިނަމަވެސް އިލެކްޝަން އަންނަ ޝަކުވާތަކާއި ގުޅިގެން ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދެރަށުގައި އިންތިޚާބު ބޭއްވި ކަމުގައި ވީނަމަވެސް އަލުން ރީ-ރަޖިސްޓްރީވާން ނުޖެހޭނެކަމަށެވެ. އަދި ވޯޓުލުން ކުރިއަށް ގެންދާނީ ހަމައެކަނި މައްސަލަ ޖެހުނު ފޮށީގައި އެކަނި ކަމަށެވެ. އެހެންކަމަށްވުނުމުން އެފޮއްޓަށް ކުރިންވެސް ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު އޮންނާނެއެވެ.

ތ.ގާދިއްފުށި އަދި ލ.މާވަށުގައި ބާއްވާ ވޯޓުލުމަށް ރިރަޖިސްޓަރ ކުރާކަށް ނުޖެހޭނެ، އެދެ ރަށުގައި މައްސަލަ ޖެހުނު ފޮށީގައި އެކަނި ވޯޓުލުން ކުރިއަށް ގެންދާނީ.

– ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ގާދިއްފުށީފައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ހަސަނާއި ޕީޕީއެމްގެ ކެނޑިޑޭޓް ހައްވާ ޢަބްދުލްޙާދީއާ ދެމެދު ކަމަށެވެ. އަދި މާވަށުގައި ކުރިއަށްގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓު އެކަނިކަމަށް ޝަރީފް ވިދާޅުވިއެވެ. މި 2 ރަށުގައި ވޯޓުލުން އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަން ކޮމިޝަނުން ފަހުން އިޢުލާން ކުރައްވާނެކަމަށާއި، 2 ރަށުގައިވެސް ވޯޓުލެވޭނީ، ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރި 2،234 ކެނޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރެއްވި 1،580 ކެނޑިޑޭޓުންނެވެ. އިންތިޙާބުގައި އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރީ 325 ގޮނޑިއެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 2،73،128 މީހަކަށް ލިބިގެންވާއިރު، އިންތިޚާބުގައި ވޯޓުލީ 1،86،253 މީހެކެވެ. މިއީ %68.19 އެވެ. މާލޭގައި ވޯޓުލާން ނުކުތީ ޝަރުތު ހަމަވާ މީހުންގެ %39 އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މިއީ ބަލިމަޑުކަމުގެ ތެރޭގައި ބޭއްވި އިންތިޚާބަކާއި އަޅާބަލާއިރު ރަނގަޅު އަދަދެއްކަމަށާއި، އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރި މިންވަރަށްވުރެ މަތީ ޢަދަދެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.