މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ ޚިޔާނާތުގައި މަޖިލީހަށް ބޭނުންވާ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު މުހައްމަދު އަސްލަމް ދެކޮޅު ހައްދަވަމުންދާކަމަށް ހެންވޭރު ހުޅަނޑު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރައްވައިފިއެވެ.
ހަސަން ވަނީ މިއަހަރުގެ މާރޗް މަހުގެ 21 ވަނަ ދުވަހު އޭނާ މިކަމުގައި ބޭނުންވާ ބައެއް މައުލޫމާތު ހޯދުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީ އާންމު ކުރައްވާފައެވެ. ސިޓީގައި ބުނެފައިވަނީ އެމް.އެމް.ޕީ.އާރ.ސީ ގެ ވައްކަމާ ޚިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި، ސަލާމަތީ ޚިދުމަތްތަކުގައި ކުރީގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ފަރާތްތަކާއި، ޝަރުޢީ ދާއިރާގައި ކުރީގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި، މިނިވަން މުއައްސަސާތަކުގައި ކުރީގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތްތަކާއި އަދި މިހާރުވެސް މެމްބަރު ކަމުގައި ތިއްބެވި ފަރާތްތަކާއި، ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރުވެސް ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅުން ހިމެނޭކަމަށެވެ.
އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ގެ ޚިޔާނާތާއި ވައްކަމުގައި ޝާމިލުވެފައިވާ އެތައް ފަރާތެއްގެ މައްސަލަތަކެއް ބަލަމުންދާކަމުގެ މައުލޫމާތު އެކިފަހަރުމަތީން ދައުލަތުގެ އެކި މުއައްސަސާތަކުން ހާމަކޮށްފައިވާކަމަށެވެ. އޭގެތެރެއިން ބައެއް މައްސަލަތައް ޖިނާޢީ އަދުލުގެ ނިޒާމުގެ އެކި މަރުހަލާތަކުގައިވާ ކަންވެސް އެނގޭކަމަށާއި އެހެންނަމަވެސް، އެމް.އެމް.ޕީ.އާރ.ސީ ގެ މައްސަލައިގައި ހިމެނޭ އެތައް ބައެއްގެ މައްސަލަތައް ތަޙްޤީޤު މަރުހަލާގައިވާކަމާއި އެމައްސަލަތަކަށް ވެފައިވާ ގޮތް އެއްވެސް މިންވަރަކަށް ސާފުނުވެ އޮތުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. އެތަޙްޤީޤުތައް ހިންގައި ނިންމުމަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިކަން ދެނެގަތުމަކީ ބޭނުންތެރިކަމެއްކަމަށް ހަސަންގެ ސިޓީގައި ބުނެފައިވެއެވެ.
ހަސަންގެ ސިޓީއާއިއެކު އޭނާ ވިދާޅުވީ މިފަދަ ބޮޑެތި ތުހުމަތު ކުރެވޭ ބޭފުޅުން އެކި މަޤާމުތަކާއި ތިއްބެވިއިރު މިކަން ބަލައި މިމައްސަލަތައް ނުހިނގާ ސަބަބު އޮޅުން ފިލުވުމަށް 241 ކޮމިޓީގެ މުޤައްރިރު މަސައްކަތް ނުކުރާއްވަކަމަށެވެ.
އެމްއެމްޕީއާރުސީ މައްސަލައާއި ގުޅޭގޮތުން އަޅުގަނޑު ސާފުުކުރަން ބޭނުންވި މައުލޫމާތަކީ ކޮބައިކަން އަޅުގަނޑު ހިތުން މި ސިޓީ އިން ސާފުވާނެ. އަދި 241 ކޮމިޓީގެ މެމްބަރުން މިމައުލޫމާތު ހޯދުމަށް އެދެން. ނަމަވެސް އެކަން ނުކުރައްވަން ކޮމިޓީގެ މުޤައްރިރު އެ އުޅުއްވަނީ ކީއްވެބާއޭ ހިތައްއަރާ.
– ހަސަން ލަތީފް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ