ރައީސް ޔާމީން ޖަލުގައި ބަހައްޓަންޖެހޭ ޤާނޫނީ އަސާސެއް ނެތް: ޑރ.އަބްދުﷲ ދީދީ

ރައީސް ޔާމީން ޖަލުގައި ބަހައްޓަންޖެހޭ ޤާނޫނީ އަސާސެއް ނެތް: ޑރ.އަބްދުﷲ ދީދީ

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2021 08:24
0

ކުރީގެ ރައީސް ރައީސް ޔާމީން ޖަލުގައި ބަހައްޓަންޖެހޭ ޤާނޫނީ އަސާސެއް ނެތް ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުއަށް ސިޓީއެއް ފޮނުއްވައިފައެވެ. ރައީސް ޞާލިހު ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގެ މަޝްވަރާތައް ކަމާއިބެހޭ ފަރާތްތަކާއިއެކު ކުރަމުން އަންނަ ކަމަށާއި، އެމަނިކުފާނަށް ދެރަ ގޮތެއް ނުވާނެ ކަމަށެވެ. މިކަމާއި ގުޅިގެން މިހާތަށް ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

ރައީސް ޔާމީން ޖަލުގެ ހޭދަކުރައްވަމުންދާ ދުވަސްތަކާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބަހައްޓަންޖެހޭ ޤާނޫނީ އަސާސެއް ނެތް ކަމަށެވެ. ޤާނޫނު އަސާސީއާއި ޤާނޫނީ މާއްދާތަކަށް ރިޢާޔަތް ކުރައްވައި ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ޤާނޫނީ އަސާސީގެ 49 ވަނަ މާއްދާ އަށާއި، 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަފާލަތުގެ އުޞޫލުން ރައީސް ޔާމީން ބަންދުން ދޫކުރަންޖެހޭ ކަމަށެވެ.

ރައީސް ޔާމީން ޖަލުގައި ބަހައްޓަންޖެހޭ ޤާނޫނީ އަސާސެއް ނެތް؛ ޖިނާއީ ޙުކުމެއް އިސްތިއުނާފުކުރުމުގެ ޠަބީޢީ ނަތީޖާއަކީ އެޙުކުމް ތަންފީޒުކުރުން ހުއްޓުމަކަށް އައިސް، ޤާނޫނު އަސާސީގެ ގެ 51 (އ) ގައި ބުނާ ޙައްޤު އަލުން ކަށަވަރުވެގެން ދިއުން. އެހެންކަމުން، އިސްތިއުނާފުގެ މަރްޙަލާގައި ވެސް މުއްތަހަމަކު ބަންދުގައި ބެހެއްޓޭނީ ޤާނޫނު އަސާސީގެ 49 އަށް ރިޢާޔަތް ކޮށް. އޭގެ ޤާނޫނީ އަސާސަކީ ޙުކުމް ތަންފީޒުކުރުމެއް ނޫން. ވީމާ، ޤާނޫނު އަސާސީގެ 49 ވަނަ މާއްދާ އަށާއި، 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަފާލަތުގެ އުޞޫލުން ރައީސް ޔާމީން ބަންދުން ދޫކުރަންޖެހޭ!

– ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 5 އަހަރަށް ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާ މައްސަލައިގެ އިސްތިއުނާފަށް ބޭނުންވާ ލިޔުންތައް އިއްޔެ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފައެވެ. ރައީސް ޔާމީންގެ ފަރާޕްޕުޅުން އެލިޔުންތައް އެކޯޓާ ޙަވާލުކުރީ އެމަނިކުފާނުގެ ޤާނީނީ ޓީމުގެ ފަރާތުންނެވެ. އެގޮތުން ހަތަރު ސެޓެއްގެ ލިޔެކިއުންތައް ޤާނޫނީ ޓީމުގެ ފަރާތުން ކޯޓަށް ހުށައަޅާފައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.

ހައިކޯޓުގެ ނިންމެވުން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެއްވި މައްސަލަ އެކޯޓުން ބަލައިގެންފައި ވީނަމަވެސް، އެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.