މިސަރުކާރުގެ ވެރިކަމާއި ހަވާލުވެ ދައުރު ދެބައިވެފައިވާއިރު، މިހާރު މިސަރުކާރު ވެފައިވަނީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާޅު ވިދާޅުވެއްޖެއެވެ.
މިސަރުކާރުގެ މިވީ ދުވަސްތަކާއި ގުޅޭގޮތުން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުރުގެ ބޮޑުބައި ނިިމިގެންދާއިރު ރައްޔިތުންނަށް ފާހަގަކޮށްލެވޭ އެއްވެސް ކަމެއް މިސަރުކާރަށް ކުރެވިފައި ނުވާކަމަށެވެ. ސަރުކާރު ފެނިގެންދަނީ ވަރަށް ސްޕީޑުދަށް، ލޮޑުމަޑު ސަރުކާރެއްގެ ގޮތުގައިކަމަށް މަލީހު ވިދާޅުވިއެވެ. މިއަދު ސަރުކާރުގެ އަމަލުތަކާއި ކަންކަން ހުރިގޮތުން ރައްޔިތުންނަށް ސަރުކާރާއިހެދި ބޮޑު ތަކުލީފަކަށް ވެފައިވާކަމަށާއި، މުޅި ނިޒާމުވެސް މިސަރުކާރުން ކިލަނބު ކޮށްލަފައިވާކަމަށް މަލީހު ވިދާޅުވިއެވެ.
އަދި ވަކިން ޚާއްސަކޮށް ވެރިކަމުގެ ނިޒާމުގެ ތެރޭގައި މިއަދު ކަންކަން ހިނގަމުންދާ ގޮތުން ރައްޔިތުންނަށް އިތުރު ތަކްލީފުތަކެއް ލިބެމުންދާކަމަށެވެ. މަލީހު ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރި މަޖިލިސް ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު ނަޝީދު މަޖިލިސް ހިންގަވަމުންދާ ގޮތުން ސިފަވެގެންދަނީ މޮޔައެއް އަތަށް ކަޑިއެއް ދީފައި އޮތުންފަދަ ގޮތަކަށް ކަމަށެވެ.
ފާހަގަކޮށްލެވޭ ފަދަ އާދަޔާ ޚިލާފު ކަމެއް ނުކުރެވި ދައުރުގެ ބޮޑުބައި ނިމިއްޖެ. ސަރުކާރު ލޮނުމަޑު. ސްޕީޑް ދަށް. ސަރުކާރެއް ނުފެނޭ. ރައްޔިތުންނަށް ސަރުކާރުވެފައި މިވަނީ ތަކުލީފަކަށް. ރިޔާސީ ނިޒާމު ކިލަނބުކޮށްފި. މަޖިލިސް ސިފަވަނީ މޮޔައެއްގެ އަތަށް ދީފައި އޮތް ކަނޑިއަކާ.
– މަލީހު ވިދާޅުވިއެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ރައްޔިތުންނަށް ވެފައިވާ ގިނަ ވައުދުތައް ނުފުއްދާ ކަމުގެ ޝަކުވާ ކެނޑިނޭޅި ދަނީ އިވެމުންނެވެ. އިންތިޚާބުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި ސަރުކާރު ބަލިކަށިވަމުންދާ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، ވެރިކަމުގައި އޮވެ އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއެއް ވެފައެވެ. ޚާއްސަކޮށް މާލެ ސިޓީން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަކީ ޕާޓީގެ ލީޑަރޝިޕްގެ ބޮޑު ފެއިލިއާއެއްކަމަށް އެޕާޓީގެ އިސް ބައެއް ބޭފުޅުންވެސް ދަނީ ވިދާޅުވަމުންނެވެ.
މިސަރުކާރަށް ބާކީ ވެރިކަންކުރަން އަދި ދެއަހަރާއި ބައި އޮތްއިރު މިހާރު ސަރުކާރުގެ ކަންކަން ހުރި ގޮތަށް ބަލާއިރު މާބޮޑު ކަންތައްތަކެއް ހާސިލް ވެދާނެކަމަށް އުންމީދު ނުކުރެވޭކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ