މި މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީގެ ޒިންމާ ނަގަންޖެހޭނީ ޕާޓީ ހިންގަން ތިއްބެވި ބޭފުޅުންކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްލާމްއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ މާލެ އިން ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ އަކްރަމް ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުންނާއި ޚާއްސަކޮށް މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ވިދާޅުވެފައެވެ. ސިފާއާއި އެމްޑީޕީގެ ބައެއް ބޭފުޅުން ދައްކަވާ މިވާހަތަކާއި ގުޅިގެން އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުން ބޮޑުތަނުން ބަލިވުމުން އެކަމުގެ ޒިންމާ ނަގަންޖެހޭނި ޕާޓީ ހިންގެވުމާއި ހަވާލުވެ ތިއްބެވި ވެރިންކަމަށެވެ.
އެމްޑީޕީގައި މިހާރު ކަންކަން ހިނގާ ގޮތަކީ އެއްވެސް މީހަކަށް އޮޅިފައިވާ ގޮތެއްނޫންކަމަށް އިބްރާ ވިދާޅުވިއެވެ. އެމްޑީޕީގެ ކޮންމެ ކަމެއްވެސް މިހާރު ހިނގަމުންދަނީ ސީދާ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށްވާއިރު އިންތިޚާބުން ބަލިވުމުން އެކަމުގެ ޒިންމާ އެހެން މީހުންގެ ބޮލަށް ޖެހުމަީ ވަރަށް ހުތުރު ކަމެއްކަމަށް އިބްރާ ވިދާޅުވިއެވެ.
އިންތިޚާބުގައި މިވަރަށް ދަށްވެގެން ދިޔައިމަ ޒިންމާ ނަގަން ޖެހޭނީ ޕާޓީ ހިންގަން ހަވާލުވެ ތިއްބެވި މީހުން. އެހެން މީހުންގެ ބޮލަށް ޖެހުމަކީ ހުތުރުކަމެއް. އެންމެންނަށްވެސް އެގޭ އެމްޑީޕީގައި އެއްކަމެއްވެސް އަންނިއަށް ފެންނަ ގޮތަކަށް ނޫނީ ކުރިއަށް ނުދާކަން.
– އިބްރާ ވިދާޅުވިއެވެ.
އަކްރަމަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އޭނާ ވިދާޅުވެފައިވަނީ ކެމްޕެއިން ކުރިއަށް ގެންދިޔައީ އޭނާ އެކަހެރި ކުރުމަށް ފަހު ކަމަށެވެ. އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން އެހީތެރިވާން އޭނާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދެންނެވި ކަމަށެވެ. އަކްރަމް ވިދާޅުވިގޮތުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން ކުރިއަށް ގެންދިޔައީ ވަރަށް ފަރުވާކުޑަ ގޮތަކަށެވެ. ޕާޓީގެ ސަޕޯޓަރުންނާއި ޖުމުލަކޮށް މާލޭގެ ރައްޔިތުންނަށް ވެސް މެސެޖުތައް ފޯރުކޮށްނުދެވުނު ކަމަށް ވިދާޅުވިއެވެ.
އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުން އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސުގައި ނަޝީދު ވިދާޅުވީ އިންތިޚާބުން ބަލިވިކަމަށް ގަބޫލުކޮށް މަޤާމުން ދުރުވުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ. އަދި މާލެއިން ލިބުނު ނާކާމިޔާބީގެ ޒިންމާ ޕާޓީގެ ހުރިހާ ގުނަވަނަމުން ނަގަންޖެހޭކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ