12 ދާއިރާއެއްގައި އަލުން ވޯޓުލާން ޖެހިއްޖެ

12 ދާއިރާއެއްގައި އަލުން ވޯޓުލާން ޖެހިއްޖެ

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2021 12:33
0

މިމަހުގެ ދިހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީޓަކުގެ އިންތިޚާބުގައި މައްސަލަ ދިމާވެގެންނާއި، ވޯޓު އެއްވަރުވެގެން 12 ދާއިރާއެއްގައި އަލުން ވޯޓުލުން ބާއްވަން ޖެހިއްޖެއެވެ.

އިންތިޚާބުގައި ވޯޓަށް އަސަރުކުރާފަދަ މައްސަލަ ތަކެއް ދިމާވެގެން އަލުން އިންތިޚާބު ބާއްވަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ތ.ގާދިއްފުއްޓާއި، ލ.މާވަށެގައެވެ. މީގެ އިތުރުން މައްސަލަ ދިމާވެގެން 2 ދާއިރާއެއްގައި އަލުން ވޯޓުލާން ނިންމާފައިވާއިރު، ހަތަރު ދާއިރާއެއްގެ ވޯޓުގެ ނަތީޖާ އެއްވަރުވެފައިވުމުން އެދާއިރާތަކުގައިވެސް އިންތިޚާބު އަލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނަތީޖާ އެއްވަރުވެގެން އަލުން އިންތިޚާބު ބާއްވަންޖެހޭ 4 ދާއިރާއަކީ ހއ.ތަކަންދޫ، ފ.ދަރަބަދޫ، މ.ރަތްމަނދޫ، އަދި ބ.ކިހާދޫއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު އެއްވަރުވި 6 ދާއިރާއެއްގައިވެސް ވޯޓުލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިދާއިރާ ތަކުގައި އިންތިޚާބު ބާއްވާނެ ވަކިތާރީހެއް އިލެކްޝަން ކޮމިޝަނުން އަދި ހާމަކޮށްފައި ނުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1580 ކެނޑިޑޭޓުންނެވެ. ދެ އިންތިޚާބުގައި 1912 މަޤާމަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ މެދު ތެރޭގައި ބޭއްވުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.