ކުޅިވަރުގެ އިދާރީ ހިންގުން އިސްލާހު ކުރުމުގެ ޝައުގުވެރިކަމެއްވެސް ނިޔަތެއްވެސް ސަރުކާރުގައިނެތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ކުރީގެ ޔޫތް މިނިސްޓަރ ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، ކުޅިވަރަށް ހަރުދަނާ ސިޔާސަތެއް ކަނޑައެޅުއްވުމަށް މިހާރުވެސް މަޖިލީހަށް ބިލެއް ހުށަހަޅުއްވައިގެން މަސައްކަތް ކުރައްވަމުންދާ ހަސަން ވިދާޅުވީ ކުޅިވަރުގެ ތެރޭގައި ހުރި އިދާރީ ހިންގުމުގެ މައްސަލަތައް އިސްލާހުކޮށް އެކަންކަން ރަނގަޅު ކުރުމަކީ ކުޅިވަރުގެ ހިންގުން ހަރުދަނާ ކުރުމަށް އޮތް އެންމެ ފަހި ގޮތްކަމަށެވެ. ނަމަވެސް އެކަން ކުރުމުގެ ނިޔަތެއްވެސް އަދި ޝައުގުވެރިކަމެއްވެސް ސަރުކާރުގައި ނެތްކަމަށެވެ.
ކުޅިވަރުގެ އިދާރީ ހިންގުން އިސްލާހު ކުރުމުގެ ޝައުގުވެރިކަމެއްވެސް ނިޔަތެއްވެސް ސަރުކާރުގައިނެތް. ޤާނޫނާއި ޚިލާފަށް ހިންގާ އެތައް ކަމެއް އެހެރީ ފެންނަން.
– ހަސަން ލަތީފް ވިދާޅުވިއެވެ.
ފަހަކަށް އައިސް ސަރުކާރުގެ އެކި ސިޔާސަތުތަކަށް އެމްޑީޕީގެ ޕާލިމަންޓްރޫ ގްރޫޕުގެ ބައެއް މެމްބަރުން ގެންދަވަނީ ވަރަށްބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ކުޅިވަރުގެ ކަންކަމުގައި ހަސަން ސަރުކާރަށް ފާޑުވިފާޅުވެފަިއވާއިރު، އޭނާ މިހާރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އެންމެ ބޮޑު މަގުސަދަކީވެސް ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި، އެ މުއްސަސާތައް ޑިމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ޤާއިމްކުރުމެވެ.
ދި ކުޅިވަރުގެ ވަޞީލަތްތައް ބިނާކޮށް ތަރައްޤީކުރާއިރު އެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމާއި، އެފަދަ ވަޞީލަތްތައް ޤާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުޞޫލެއް ޤާއިމްކުރުންވެސް ބިލް ހުށައެޅި މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިޚާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިޚާބުތަކެއްކަމުގައި ހެދުންވެސް މި ބިލް ހުށައެޅުމުގެ މަޤްޞަދުތަކުގެތެރޭގައި ހިމެނެއެވެ.
ހަސަންގެ މިބިލާއި ގުޅިގެން ކުޅިވަރުގެ އެސޯސިއޭޝަންތަކާއި، ކުޅިވަރުގެ ދުވަސްވީ ގިނަ މީހުންގެ ފާޑުކިޔުން ވަނީ ބިލަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ