ފޮތް ކިޔުމަށާއި ފޮތުން މަޢުލޫމާތު އުނގެނުމަށް ފުރުސަތުގެ ބޭނުންކުރާއްވާ: ޔުމްނާ

ފޮތް ކިޔުމަށާއި ފޮތުން މަޢުލޫމާތު އުނގެނުމަށް ފުރުސަތުގެ ބޭނުންކުރާއްވާ: ޔުމްނާ

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2021 04:41
0

ފޮތް ކިޔުމަށާއި ފޮތުން މަޢުލޫމާތު އުނގެނުމަށް ފުރުސަތުގެ ބޭނުންކުރެއްވުމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ގޮވާލައްވައިފިއެވެ.

މިނިސްޓަރ ޔުމްނާ މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި މެސެޖްގައެވެ.

އޭޕްރީލް މަހުގެ 23 ވަނަ ދުވަހަކީ، ކޮންމެ އަހަރަކުވެސް ދުނިޔޭގެ ފާހަގަކުރެވެމުންދާ ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހެވެ. ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމުގެ ދެކަނބަލުންނަށް އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް މިނިސްޓަރ ވަނީ އަރިސް ކުރައްވާފައެވެ.

މި އަހަރުގެ ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހުގެ ޝިޢާރަކީ "ވާހަކައެއް ޙިއްޞާކޮށްލަމާ" ނުވަތަ "ޝެއާރ އަ ސްޓޯރީ" އެވެ. މިނިސްޓަރ ޔުމްނާ ވިދާޅުވީ މި ދުވަސް މިއަހަރު ބައްދަލުކުރީ ބަރަކާތްތެރި ރަމަޟާންމަހަށްވާއިރު، ރަމްޟާން މަހަކީ މާތްﷲ ކީރިތ ރަސޫލާ ﷺ މެދުވެރިކުރައްވައި ބާއްވައިލެއްވި ކީރިތި ޤުރުއާނުގެ މައްސަރުކަމަށެވެ. މި މައްސަރުގައި އެފޮތް ގިނަގިނައިން ކިޔަވައި އެ ފޮތުގައިވާ އާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރުކުރުމަކީ ނުހަނު ބޭނުންތެރިކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފޮތްކިޔުމަކީ އިންސާނާގެ ސިކުނޑި ހުޅުވައިދޭ ކަމެކެވެ. އައު ކަންކަމަށް އިންސާނާ ވިސްނާ ފިކުރުކުރަން ދަސްކޮށްދޭ މަސްދަރެއް. ހަރު މީހުން ބުނެއުޅޭ ގޮތުގައި ފޮތެއް ހުޅުވާލުމަކީ އެހެން ދުނިޔެއަކަށް، އެހެން ތަޖުރިބާތަކަކަށް، އެހެން މާޙައުލަކަށް ހުޅުވާލެވޭ ދޮރެއް. ކުދިންގެ ތަޢުލީމީ ބިންގާ ހަރުދަނާކުރުމަށްޓަކައި އެކުދިންނަކީ ފޮތް ކިޔާހިތްވާ، ފޮތްތެރިކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރައްވާ. މިފަދަ ދުވަސްވަރެއްގައި ފޮތް ކިޔުން އިތުރުކޮށް މިކަމުން އަރައިގަތުމަށް ހިތްވަރު ހޯއްދަވާ. ގޭގައި ތިއްބަވާއިރު އަމިއްލައަށް ފޮތް ކިޔުމުގެ އިތުރުން އާއިލާގެ އެހެން މެންބަރުންނަށްވެސް ފޮތް ކިޔުމަށް ބާރުއަޅުއްވާ.

– މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އާ މުޅި ދުނިޔެ ހަނގުރާމަ ކުރާ މި ބިރުވެރި ދުވަސްވަރު ފޮތް ކިޔުމާއި، ކިޔައިދިނުމާއި ފޮތްތެރިކަމުގެ މުހިންމުކަން އިހުނަށްވުރެ ބޮޑަށް އިޙުސާސް ކުރެވިފައިވާކަމަށެވެ. މި އާލަމީ ވަބާއިން ރައްކާތެރިވުމުގެ ގޮތުން މީހުން އެއްވެއުޅޭ އާންމު ތަންތަނަށް ނިކުމެ ނޫޅުމުގެ ސަބަބުން ފޮތް ކިޔުމަށް ވަގުތު ލިބިގެންދާއިރު، ފޮތް ކިޔުމަށާއި ފޮތުން މަޢުލޫމާތު އުނގެނުމަށް ލިބިފައިވާ މިފުރުޞަތުގެ ބޭނުން ރަނގަޅަށް ހޯއްދެވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.