އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުުން ބާތިލްކޮށް، ސަރުކާރުން އެތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީގުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ނުރުހުން ފާޅު ކުރައްވައިފިއެވެ.
ސިވިކޯޓުގެ މިހުކުމާއި ގުޅިގެން އިމްތިމާޔު ވިދާޅުވީ އާދައިގެ ވަޒީފާތަކުގައި، އުޅޭ މީހުން ވަޒީފާގެ މަހައުލުގައި ދިމާވާ އެކި ސަބަބުތަކާއި ގުޅިގެން ކަނޑާލައި ނުވަތަ އެނޫން އަދަބެއް ދިނުމުންވެސް ބަދަލުގެ ގޮތުގައި މާބޮޑު އެއްޗެއް ލިބޭތަނެއް ނާދޭކަމަށެވެ. ނަމަވެސް އެއީ އާންމު ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމަށްވާއިރު އެކަންކަމުގައި ދައުލަތަށް ދޭންޖެހޭ ބަދަލު ދިނުމަށް ބުރަޔަކަށް ވާންވީ ކީއްވެތޯ އިމްތިޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.
އާދައިގެ މުސާރަކޮޅެއްގައި ވަޒީފާގައި އުޅޭ މީހަކު ވަޒީފާއިން ކަނޑައިލީ ސީދާ ޤާނޫނާ ޚިލާފަށްކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރީމާ ވެސް 1 އަހަރަށްވާ މުސާރަކޮޅު އެކަނި ދިނުމަށް ވެސް ދައުލަތަށް ބޮޑު ބުރަޔަކަށް ވެގެން އުޅެނީ ދެން ކީއްވެތޯ؟
– އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.
މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ކުރިން ހިންގި އިމާރާތް ސަރުކާރުން ދޫކޮށްފައި ވަނިކޮށް 2015 ގައި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލައިފަ އެވެ. އެތަން އަތުލީ އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް އެތަނުގައި ހިންގާފައިނުވާ ކަމަށް ބުނެ އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
މި ހުކުމްތަކަށް ފަހު، ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތަކެވެ.
ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދެ ފަރާތުން އެގޮތަށް އެއްބަސްވުމުން މިދިޔަ ހޯމަ ދުވަހު ދައުލަތުގެ މައްޗަށް ކޯޓުން ހުކުމްކުރީ އެ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށެވެ. ކުރިން ވެފައިވާ އެއްބަސްވުންތައް އުވާލުމާއި މިފަދަ އެކި މައްސަލަތަކުގައި އެކި ފަރާތްތަކަށް ދައުލަތުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކަންޖެހިފައެވެ.
ކޮމެންޓު ފޮނުވާ