މާލޭގެ މަގުތަކަކީ އަމާންތަނަކަށް ހެދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނަން: މުއިއްޒު

މާލޭގެ މަގުތަކަކީ އަމާންތަނަކަށް ހެދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނަން: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 10:58
0

މާލެ ސިޓީގެ މަގުތަކަކީ އަމާންތަނަކަށް ހެދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި މާލެ ސިޓީގެ ކައުންސިލްގެ އިންތިޚާބީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ މާލޭގެ މަގުމަތީގައި މިދިޔަ ހުކުރު ދުވަހުގެރޭ ދެ ފިރިހެނަކު ވެގެން އަންހެން ކުއްޖަކު ރޭޕް ކުރުމަށް ހިންގާފައިވާ އަމަލާއި ގުޅިގެން ގިނަބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ. ގިނަބަޔަކު ބުނަމުންދަނީ މިހާރު މާލޭގެ މަގުތަކުގެ އަމާންކަން ގެއްލި އެއްވެސް ރައްކާތެރި ކަމެއް ކަމަށެވެ. އިންތިޚާބީ މޭޔަރު ޑރ.މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އެންމެ މުހިންމު އެއް މަަސައްކަތަކީ މާލެ ސިޓީގެ މަގުތަކަކީ އަމާން މަގުތަކަަށް ހެދުން ކަމަށެވެ. އެކަން ކުރުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ޑރ.މުއިއްޒު ވަނީ ދެއްވާފައެވެ.

މާލޭގެ މަގުމައްޗަކީ އަމާން މަގުތަކަކަށް ހެދުމަށް ވަރަށް އިސްކަންދީގެން، ކަމާއިބެހޭ އެންމެހާ ފަރާތްތަކާއި ގުޅިގެން، ޚާއްސަ މަަސައްކަތްތަކެއް ކުރުމަކީ ސިޓީ ކައުންސިލުން އިސްކަންދޭނެ ކަމެއްކަމަށް ހަދާނަން.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ފަހަކަށް އައިސް ޖިންސީ ފުރައްސާ ކުރުމާއި، ވައްކަމާއި ފޭރުން އިތުރުވެ އާންމު ނުރައްކަލަކަށް ވަނީ ވެފައެވެ. މިކަން ހައްލު ކުރުމަށް ސަރުކާރަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއްދުވަހުން އަނެއް ދުވަހަށް މިފަދަ އަމަލުތައް ގިނަވާކަމީ މުޖުތަމައުގެ އަމާންކަމާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރު ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި ހިނގައިދިޔަ އެ ހާދިސާގެ ވީޑިއޯއިން ފެނިގެން ދަނީ ފިރިހެނަކު އެ އަންހެން މީހާ އަތުގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރާ މަންޒަރެވެ. އެ ވަގުތު އެ އަންހެން މީހާ ގަދަ ދައްކަމުން ދެއެވެ. އަދި އެ މީހުންގެ ފަހަތުން އިތުރު މީހަކު ހިނގާފައި ދާ މަންޒަރު ފެނެއެވެ.

އެ ހާދިސާ ހިނގި ވަގުތު އެ ރެސްޓޯރެންޓް ޖެހިގެން ހުންނަ އީދު މިސްކިތު ބޭރުގައި ބަޔަކު ސަފު ހަދައިގެން ނަމާދަށް ތިބެއެވެ. އެ އަންހެން މީހާ ސަލާމަތް ކުރީ ނަމާދަށް އޭރުގައި ތިބި ބަޔަކު ކަމަށްވެއެވެ.

އެ މައްސަލައިގައި، މާރާމާރީ އާއި މީހަކު ވަގަށް ނެގުމާއި ރޭޕް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ. އެނގިފައިވާ ގޮތުގައި އަލީ ރަޝީދާއި ވިޝާނަކީ ކުށްކުރުމުގެ މާހައުލަކުން ބޮޑުވެފައިވާ އާއިލީ ގުޅުން އޮންނަ ދެ މީހުންނެވެ. ވައްކަމުގެ ގިނަ މައްސަލަތަކެއްގައި އެ ދެ މީހުން ބައިވެރިވެފައިވާކަން އެނގިފައިވެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.