މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި މައްސަލާގައި ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފިއެވެ.
އެމްއީއެސް ހުރި ޢިމާރާތުގައި ޕްރައިވެޓް އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށްޓަކައި އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު 28 ޑިސެމްބަރު 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނަށް ލިބިފައިވާ ޙައްޤުތަކާއި އިލްތިޒާމްތައް 6 އެޕްރީލް 2010 ގައި މަންދުކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް އޮތީ ބަދަލުކޮށްފައެވެ. މަންދުކޮލެޖް ހިންގަމުންދަނިކޮށް އިއްޒުއްދީން މިހާރު ހިންގަމުންދާ އިމާރާތް އެޑިއުކޭޝަނުން ބަންދުކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ.
އެ މައްސަލަ މަންދު ކޮލެޖުގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދެ ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.
މި ހުކުމްތަކަށް ފަހު، ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތަކެވެ.
ދައުލަތުން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޭ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ