މަރުކަޒީ ބޭންކު އެމްއެމްއޭއިން ފައިސާ ޗާޕު ކުރުމަށް ހުއްދަ ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅުމުން އެހުއްދަ ދިނުމަށް ބާއްވަން އުޅުނު މަޖިލިސް ޖަލްސާ ސިޔާސީ ޕާޓީތަކުގެ ތާއީދު ނުކުރުމުން މިއަދު ބާއްވަން ޝެޑިއުލް ކުރުމަށް ފަހު ފަސްކޮށްފިއެވެ.
މިއަދު ޖަލްސާ ބާއްވަން އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ތާއިދު ލިބޭގޮތެއް ނުވީ، އެމައްސަލައިގައި އެޕާޓީން އަދި އިތުރަށް އެމައްސަލަ ދިރާސާކުރަން ބޭނުންވާތީއެވެ. ރޭގައި ކޮމިޓީ މަރުހަލާ ނިންމުނު ކަމުގައިވީނަމަވެސް އަދި ރިޕޯޓް މެމްބަރުންނަށް ފޮނުވާފައިނުވެއެވެ. އެހެންކަމުން އިދިކޮޅު ކޯލިޝަނުން ބޭނުންވަނީ ރިޕޯޓް ލިބި ދިރާސާތައް ކުރުމަށްފަހު ޖަލްސާ ބޭއްވުމަށެވެ.
އިއްޔެ މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޯވާޑްރާފްޓްގެ މައްސަލަައާމެދު ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި އަދި ސިޔާސީ ޕާޓީތަކުގެ ރުހުން ލިބިއްޖެނަމަ މިއަދު ޖަލްސާއެއް ބާއްވަވާނެ ކަމަށެވެ. ނޫންނަމަ އާދީއްތަ ދުވަހު ޖަލްސާ ބާއްވަވާނެ ކަމަށެވެ.
ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ މުއްދަތު ހަމަވާން ކައިރިވިއިރު ވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅު ނުވާތީ ކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ އެ މާއްދާތަކަށް އަމަލުނުކުރުމުގެ ހުއްދަ އެއް އަހަރުދު ދުވަހަށް ދީފައި އޮތުމުން މިދިޔަ އަހަރު ދައުލަތުގެ ހިންގުމަށް ބުރޫ ނާރުވައި ކުރިއަށް ގެންދެވުނު ކަމަށެވެ. ބަލިމަޑުކަމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވި ގެއްލުންތަކުގައި އެހީވެވުނީ ވެސް އެ ހުއްދައިގެ ސަބަބުން ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮވިޑް-19 އާ ހެދި ސިއްހީ ކަންކަމަށާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ހަރަދުތައް ވެސް ކުރެވުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ފެސިލިޓީއެއްގެ ހުއްދަ ދީފައިވާއިރު މިހާތަނަށް 3.8 ބިލިއަން ރުފިޔާ ވަނީ ޗާޕުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ