ކައުންސިލް އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ފަށައިފި

ކައުންސިލް އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 01:11
0

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަން ފަށައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ ހޮނިހިރު ފުވަހުގެ ރޭ ނިންމާލާފައެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަން ފަށާފައިވަނީ މިއަދު އެކެއް ޖެހި އިރުއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުންދިޔައިރުވެސް ކޮމިޝަނުން ވަނީ އިންތިޚާބާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ބަލަމުންނެވެ. ކޮމިޝަންގެ ބުނެފައިވަނީ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން ކޮންޕްލެއިން ބިއުރޯތަކަށާއި، ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ޝަކުވާވެސް ބަލަމުން ދާކަމަށެވެ.

ޤާނޫނުގައި ބުނާގޮތުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިންތިޚާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންޖެހޭނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 67 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިންތިޚާބާއި ގުޅިގެން ކޮމްޕްލެއިންސް ބިއުރޯތަކަށްވަނީ 100 އަށްވިރެ ގިނަ ޝަކުވާ ހުށަހެޅިފައެވެ. އަދި ސިޔާސީ ޕާޓީތަކުންވަނީ ކޮމިޝަނަށް ހުށަހެޅާފައިވަނީ 21 ޝަކުވާއެވެ. ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް 3 ސިޓީއެއްގެ މޭޔަރުކަމާއި 11 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެވިފައިވާއިރު، ޕީޕީއެމް އަށް އެއް ސިޓީއެއްގެ މޭޔަރުގެ ގޮނޑި އަދި 7 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެވިފައިވެއެވެ.

ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި މުޅި ރާއްޖޭގައި އިންތިޚާބު ބާއްވާފައިވާއިރު މިއިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާފައިވާ އެންމެބޮޑު އަދި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.