ރައްޔިތުންގެ ތާއީދު ނެތުމުން ވެރިކަމަށް އަންނަން ޝޯޓްކަޓަކަށް ބަރުލަމާނީއޭ ވިދާޅު ނުވެވޭނެ: ޒައިދު

ރައްޔިތުންގެ ތާއީދު ނެތުމުން ވެރިކަމަށް އަންނަން ޝޯޓްކަޓަކަށް ބަރުލަމާނީއޭ ވިދާޅު ނުވެވޭނެ: ޒައިދު

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 11:18
0

ރައްޔިތުންގެ ތާއީދު ނެތުމުން ވެރިކަމަށް އަންނަން ޝޯޓްކަޓަކަށް ބަރުލަމާނީއޭ ވިދާޅު ނުވެވޭނެ ކަމުގައި ދީނީ ޢިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު އޮތް ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް އައުމަށް ރައީސް ނަޝީދު ކުރައްވަމުންދާ މަސައްކަތާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ ރައްޔިތުން ވެރިކަމަށް މީހަކު އިންތިޚާބު ކުރަނީ ފަސް އަހަރުގެ ދައުރަކަށް ކަމުގައެވެ. ވެރިމީހާއަށް ވެރިކަން ކުރުމަށް ފުރުސަތު ނުދެއްވައި ޤައުމުގެ ނިޒާމު ބަދަލުކޮށް ވަކި މީހެއްގެ މަސްލަތަކަށް މުޅި ނިޒާމު އެފުއް މިފުށަށް ޖަހާލުމަަކީ ރައްޔިތުން ތާއީދު ކުރާނެ ކަމެއްނޫންކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ރައްޔިތުން ރައީސަކަށް މީހަކު އިންތިޚާބު ކުރަނީ ފަސް އަހަރުގެ ދައުރަކަށް ވާއިރު، ވެރިކަން ކުރިޔަ ނުދޭން އެންމެ ކައިރީގައި ހުންނެވި ބޭފުޅާގެ ފަރާތުން ޖެއްސުން ކުރާކަމީ މިއަދު ފެންނަ އެންމެ ލަދުވެތި މަންޒަރުކަމަށް ޒައިދު ވިދާޅުވިއެވެ. މިކަން މިގޮތަށް ކުރައްވަނީ ރައްޔިތުންގެ ވޯޓަކަށް ރައްޔިތުން އިންތިޚާބުކުރާ ވެރިކަޔަށް ނާދެވޭނެކަން ޔަގީންވުމުން ވީހާވެސް ކުރުގޮތަކަށް ވެރިކަމަށް އައުމަށް ކަމުގައި ޝައިޚު ޒައިދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އެއް ހޮވާފައިހުރީ 5 އަހަރަށް ކަން ހަނދާން ކޮށްލަންޖެހޭ! އެއީ ގިނަ ބައެއްގެ އައުލަބިއްޔަތުން! ނަމަވެސް މި 5 އަހަރުވެސް ކައިރީ ހުންނެވި ރައީސް އަށް ޖެއްްސުން ކުރާތަން މިފެންނަނީ! ވަރަށް ލަދުވެތި! ވެރިކަމަށް އަންނަން ރައްޔިތުންގެ ތާއީދު ނެތުމުން ޝޯޓްކަޓަކަށް ބަރުލަމާނީއޭ ވިދާޅު ނުވެވޭނެ.

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ޢަމަލުކުރުމަށް ނިންމާފައިވާ ނިޒާމެއްކަމުގައިވާތީ މި ނިޒާމަށް ބަދަލެއް ގެނެވޭނީވެސް ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސުލްޖުހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.

ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް އެފަރާތްތަކުން ގަބޫލުކުރާގޮތްދަނީ ހާމަކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުނެގިއިރު ރައީސްކަމުގައި ހުނަނަވައި އޭރުވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވެވި ކުރިގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލް ޤައްޔޫމްވަނީ މިހާރުއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުނުވާކަން ހާމަކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދުވެސް ވަނީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަޝީދު
ތިޔަ ތާކިހާނަގާފަ ބޮލުގަ ޕިންކުކުލައިގެ ފޮތިގަނޑެއްއައްސާއިގެން ނިކުންނަންވެއްޖެއްނޫން!