ބަރުލަމާނީ ނިޒާމަށް ސުޕަމެޖޯރިޓީގެ ބޮޑު މެޖޯރިޓީން ނޫނެކޭ ބުނެފި

ބަރުލަމާނީ ނިޒާމަށް ސުޕަމެޖޯރިޓީގެ ބޮޑު މެޖޯރިޓީން ނޫނެކޭ ބުނެފި

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 08:39
0

ބަރުލަމާނީ ނިޒާމު ގެނައުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނައިގެން ކުރައްވާ މަަސައްކަތަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޮޑު ތަނުން ނޫނެކޭ ބުނެފިއެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީ ޕީޖީ ގްރޫޕުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅުން ލިސްޓުގައި ނަންޖެހުމަށް ހުޅުވާލުމުން އެލިސްޓުގައި ނަން ޖެއްސެވީ އެންމެ 23 މެމްބަރެކެވެ. ބާކީ ތިއްބެވި 42 މެމްބަރުން ވަނީ ބަރުލަމާނީ ނިޒާމާއި ދެކޮޅު ހައްދަވާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލިސްގެވެސް ގިނަ މެމްބަރުން ތިއްބަވާ މި ގްރޫޕުގައި 142 މެމްބަރުން ތިއްބަވައެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވީ އޭގެ ތެރެއިންވެސް ފަސްދޮޅަކަށް މެމްބަރުންނެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވަނީ އަންގަވާފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.

ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް އެފަރާތްތަކުން ގަބޫލުކުރާގޮތްދަނީ ހާމަކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުނެގިއިރު ރައީސްކަމުގައި ހުނަނަވައި އޭރުވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވެވި ކުރިގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލް ޤައްޔޫމްވަނީ މިހާރުއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުނުވާކަން ހާމަކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދުވެސް ވަނީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.