ފައިސާ ޗާޕު ކުރުމުގެ މުއްދަތު އިތުރު އެއްހަރަށް ދިނުމަށް ކޮމިޓީން ފާސްކޮށްފި

ފައިސާ ޗާޕު ކުރުމުގެ މުއްދަތު އިތުރު އެއްހަރަށް ދިނުމަށް ކޮމިޓީން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2021 11:34
0

އެމްއެމްއޭއިން ސަރުކާރަށް ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވާ ގޮތަށް މަޖިލީހުގެ ވަގުތީ ކޮމިޓީން މިރޭ ނިންމައިފިއެވެ.

މި ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ މުއްދަތު ހަމަވާން ކައިރިވިއިރު ވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅު ނުވާތީ އެވެ. މިދިޔަ އަހަރު ދިން ހުއްދައިގެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހުއެވެ.

މި މައްސަލަ ދިރާސާކުރެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

1- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
2- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
3- ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ
4- ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް
5- ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް
6- މީދޫ ދާއިރާގެ މެންބަރު މުޙައްމަދު ސިޔާމް އަޙްމަދު
7- މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް
8- މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު
9- އަލުފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި، މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ސަރުކާރަށް ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، މި އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާކަމަށެވެ. އަދި ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށާއި، މިގޮތުން 2020 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅާބަލާއިރު ދަށްވެފައިކަމަށް ފިނޭޏްސްގެ ސިޓީގައިވެއެވެ.

އަދި ވޭތުވެދިޔަ 4 ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއި އަންއެމްޕްލޯއިމަންޓް ރޭޓް މަތީގައި ހުރުމާއި ބޭރު ފައިސާގެ އާމްދަނީ ދަށްވެފައިވުމާއެކު ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއަށް ލޮޅުން އައިސްފައިވުމާއެކު، އެ އިޤްތިސާދީ ބޮޑު ހީނަރުކަމެއް ދިމާވެފައިވާކަމަށްވެސް ފިނޭންސްގެ ސިޓީގައިވެއެވެ. އެހެންކަމުން އެމްއެމްއޭއިން ދަރަނި ނެގުމަށް، ޚަރަދަށް ޒިންމާވުމުގެ ޤާނޫނުން މިދިޔަ އަހަރު އިސްތިސްނާކޮށްދެއްވި މާއްދާތައް އެއް އަހަރަށް އިތުރުކޮށްދެއްވުމަށް ފިނޭންސް އިން ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.