ކޯވިޑާއި ގުޅިގެން ނިމިދިޔަ އަހަރު 3.8 ބިލިޔަން ރުފިޔާ އިތުރަށް ޗާޕްކުރި

ކޯވިޑާއި ގުޅިގެން ނިމިދިޔަ އަހަރު 3.8 ބިލިޔަން ރުފިޔާ އިތުރަށް ޗާޕްކުރި

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2021 09:31
0

ކޯވިޑް-19 އާއި ގުޅިގެން އެއް އަހަރުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ނުވަތަ އިތުރަށް ޗާޕްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ދީފައިވާ މުއްދަތު އިތުރު އެއް އަހަރަށް އެކްސްޓެންޑް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދުމާ ގުޅިގެން މަޖިލީހުގެ ހާއްސަ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އޯވާޑްރޯ އެއް އަހަރަށް އިތުރު ކުރި ނަމަވެސް 4.4 ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ފައިސާ ނުނެގޭނެ ކަމަށެވެ. މި ވަގުތު 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ކުރި ނަމަވެސް ކޮންމެ ދުވަހަކު ވެސް ޕަބްލިކް އެކައުންޓަށް ފައިސާ ވަންނަ ވަރަކުން އެ އަދަދު އަންނާނީ ސެޓްލްވެ ބަދަލުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިައށް އޮތް އަހަރުގައި އެމިންވަރަށް ފައިސާ ޗާޕްކުރަން ނުވިސްނާކަމަށެވެ. ނަމަވެސް ދައުލަތުގެ ޚަރަދުތައް މަޑު މަޑުން ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށް އޯވަޑްރޯ ކުރުން އެއްފަރާ ހުއްޓާލައިފިނަމަ ދައުލަރުގެ ޚަރަދުތައް ހަމަޖެއްސުމަކީ ދަތިކަމެއްކަމަށެވެ.

އޭނާ ވިދާޅުވީ އަމާޒަކީ އަންނަ އަހަރު އެއްވެސް ގޮތަކަށް ފައިސާ ޗާޕް ނުކޮށް ޚަރަދު ހަމަޖެއްސުންކަމަށެވެ. އަދި މިއަހަރު ނިމެންވާއިރަށް އޯވަޑްރޯ ސުމެއްގައި ހުރުން ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އޯވާޑްރޯ ފެސިލިޓީ ފަހުން ބޮންޑަކަށް ބަދަލުވެދާނެތޯ މެންބަރަކު އެއްސެވުމުން މިނިސްޓަރު ވިދާޅުވީ، ނޯމަލް ހާލަތަށް ދާ އިރު އޯވާޑްރޯ އަށް ފައިސާ ނުދެއްކި ސެކިއުރިޓައިޒް ނުވަތަ ބޮންޑަކަށް ބަދަލު ކުރަން ޕަބްލިކް އެކައުންޓުގައި ފައިސާ ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަބަބަކީ ކޮންމެ ދުވަހަކު ވެސް ދައުލަތަށް ވަންނަ ފައިސާ އިން ޕަބްލިކް އެކައުންޓް ސެޓުލްވުމެވެ.

ސަރުކާރުން އަމާޒު ކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ނުވަތަ މެދުޖެހުމުގެ ކުރިން ދައުލަތުގެ ޚަރަދުތައް އެއްވަރަކަށް ހިފަހައްޓައި، ޕަބްލިކް އެކައުންޓް ބެލެންސް ކުރުންކަމަށެވެ. އަދި މިމަގަށް މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު ރާއްޖޭގެ އިޤްތިޞާދުން ފެންނަ ކަމަށާއި، މިހާރު މިދާގޮތަށް ދާނަމަ އެކަން ހާސިލް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އަމީރު ުވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.