މާލެއިން ރަށްރަށަށް ދާން ބޭނުންވާ މީހުން ކަރަންޓީން ނުވެ ރަށްރަށް ދެވޭނެ ހާލަތެއް އަދި ނެތްކަމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ ރާއްޖޭގައި ކޯވިޑް19 ގެ ނުރައްކާ އަދިވެސް ކުޑަނުވާކެމަށެވެ. މިއަދުގެ އަދަދުތައް މަދުކޮށް ފެނުނުކަމުގައި ވީނަމަވެސް މާދަމާ އަނެއްކާވެސް އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ނަޒްލާ ވިދާޅުވީ މާލެ ސަރަހައްދަކީ ބަލީގެ ނުރައްކާ އެންމެބޮޑަށް އޮތް ކޮމިއުނިޓީ ސްޕްރެޑެއް އޮތް ސިޓީއަކަށްވާއިރު މިސަރަހައްދުން އެއްވެސް ރަށަކަށް މީހަކު ދާނަމަ ކަރަންޓީން ނުވެ ދެވޭނެ ގޮތެއް އަދި ހަމަޖެއްސެން ނެތްކަމަށެވެ.
ކޯވިޑަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށްވާއިރު، އަތޮޅު ތެރެއަށް ބަލި ފެތުރެން އޮތް ގޮތްތައް ކުޑަކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ކުރެވޭނީ މިހާރުގެ ހާލަތު އޮތްގޮތުން މާލެއިން ރަށްރަށަށްދާ މީހުން ކަރަންޓީންކޮށް ގައިޑްލައިނާއި އެއްގޮތަށް އަމަލުކޮށްގެންކަމަށް ނަޒްލާ ވިދާޅުވިއެވެ.
ނަމަވެސް އެޗްޕީއޭއިންވަނީ އާއްމު ޚިދުމަތްތަކާއި ހިންގަމުންދާ މަޝްރޫޢުތަކުގެ މަސައްކަތްތަކަށް މާލެ އިން ރަށްރަށަށްދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް އުސޫލެއްވެސް ކަނޑައަޅާފައެވެ.
އެޗްޕީއޭއިން ނެރުނު އުސޫލުގައިވާ ގޮތުން މައިގަނޑު 7 ދާއިރާއަކުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ކޯވިޑް ފެތުރިފައިވާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރެވިދާނެއެވެ. އެހެންނަމަވެސް އެގޮތަށް ދަތުރުކުރެވޭނީ ހުއްދަ ހޯދައިގެންކަމަށާއި އެކަމުގެ މަޢުލޫމާތުވެސް ރަށު ކައުންސިލަށް އަންގަންޖެހޭނެކަމަށް އެޗްޕީއޭއިން އެކުލަވާލި އުޞޫލްގައިވެއެވެ.
ހުއްދަ ދިނުމަށް ނިންމާފައިވާ ދާއިރާތައް:
– ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ހިދުމަތްތައް.
– ބޭންކްގެ ހިދުމަތްތައް.
– ވޯޓަރ ސަޕްލައި، ކަރަންޓު ފަދަ ޔުޓިލިޓީ ޚިދުމަތްތައް.
– ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭން ޖެހޭ ޚިދުމަތްތައް.
– މެއިންޓަނެންސް މަސައްކަތްތައް.
– ސަރުކާރާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް.
-މި ނޫނަސް އާއްމު ޚިދުމަތްތަކާ ގުޅޭ އެހެނިހެން މަސައްކަތްތައް.
މި މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދިއުމަށް ހުއްދަ ދޭ ގޮތަށް ހެދި ނަމަވެސް އެގޮތަށް ކުރާ ދަތުރުތަކުގައި އަމަލުކުރަން ޖެހޭ މިންގަނޑުތަކެއްވެސް އެޗްޕީއޭގެ އުސޫލުގައި ކަނޑައަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ