ވޯޓުލުން ބޭއްވިތާ 1 ދުވަސް ފަހުން، ކޯވިޑް ބަލީގައި ކޮންގޯގެ އިދިކޮޅު ކެނޑިޑޭޓް އަވަހާރަ ވެއްޖެ

ވޯޓުލުން ބޭއްވިތާ 1 ދުވަސް ފަހުން، ކޯވިޑް ބަލީގައި ކޮންގޯގެ އިދިކޮޅު ކެނޑިޑޭޓް އަވަހާރަ ވެއްޖެ

Author
ހުސެއިން
22 މާރޗް 2021 02:51
0

ރިޕްބްލިމް އޮފް ކޮންކޯގެ ރިޔާސީ އިންތިޚާބުގައި، އެގައުމުގެ މިހާރުގެ ރައީސް ޑެނިސް ސަސޯ ގުއެއްސޯއާއި އެންމެ ކައިރިން ވަދަ ކުރައްވަމުން ގެންދެވި އިދިކޮޅު ކެނޑިޑޭޓް ބްރައިސްގެ ޕާރފެއިޓް ކޮލެލާސް، ކޯވިޑް ބަލީގައި އަވަހާރަ ވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ އެއްދުވަސް ކުރިން ހޮސްޕިޓަކުގައި ޢެޑްމިޓް ކުރިން ކޮލެލާސްގެ ކެމްޕޭން ޑިރެކްޓަރ ކްރިސްޓިއަން ސައިރު ރޯޑްރިގު މަޔަންޑާ ވިދާޅުވި ގޮތުގައި، ކޯވިޑް19އަށް ޕޮޒިޓިވް ވެގެން އޭނާ އަވަހާރަ ވެފައިވަނީ ފަރުވާ ދިނުމަށްޓަކާ ފްރާންސަށް ގެންދިއުމުގެ މަގުމަތީގައި ކަމަށެވެ.

"ކޮލެލާސް އަވަހާރަ ވެފައިވަނީ، އޭނާ ފަރުވާއަށް ފްރާންސަށް ގެންދިއުމަށްޓަކާ ބްރަޒަވިއްލޭއިން އައި މެޑިކަލް އެއަރކްރާފްޓުގައި ފަރާންސަށް ދަތުރު ކުރަމުން ދަނިކޮށް ފްލައިޓް މަތީގައި،" ކެމްޕޭން ޑައިރެކްޓަރ މަޔަންޑާ ވިދާޅު ވެފައި ވެއެވެ.

މި ފަހްތާގެ ހޮނިހިރު ދުވަހު، ކޮލެލާސްގެ އާއިލާގެ މެމްބަރަކު ބުނެފައިވަނީ، ކޯވިޑް19އަށް ޕޮޒިޓިވް ވުމުގެ ސަބަބުން، ރިޕަބްލިކް އޮފް ކޮންގޯގެ ވެރިރަށް ބްރަޒަވިއްލޭގައި ހުރި ޕްރައިވެޓް ހޮސްޕިޓަލެއްގައި، ކޮލެލާސްއަށް ފަރުވާ ދެވެމުންދާ ކަމަށެވެ.

ރިޕަބްލިކް އޮފް ކޮންގޯގެ މިހާރުގެ ރައީސްގެ އެންމެ ބޮޑު ވާދަވެރިޔާ، ކޮލެލާސް ވަނީ އޭނާއަށް މެލޭރިއާ ޖެހިވަޑައިގެންފައިވާ ކަމަށް ރިޕޯޓަރުން ގާތުގައި، އިންތިޚާބުގެ އެންމެ ފަހު ދުވަސްކޮޅު ވިދާޅުވެފައެވެ. އަދި އޭނާއަށް ވަނީ ހުކުރު ދުވަހު ބޭއްވުނު އޭނާގެ އެންމެ ފަހުގެ ކެމްޕޭން އެއްވުމަށްވެސް ވަޑައި ނުގެންނެވިފައެވެ.

ހާލަތުގެ ނާޒުކު ކަމުން، ނަން ހާމަ ނުކުރުމަށް އެދި، އެސޯސިއޭޓް ޕްރެސްއަށް މައުލޫމާތު ދިން ކޮލެލާސްގެ އާއިލީ މެމްބަރަކު ވިދާޅުވީ، އިތުރު ފަރުވާއަށް ކޮލެލާސް ގައުމުން ބޭރަށް ގެންދިއުމުގެ މަސައްކަތްތައް އޭރު ކުރަމުންދާ ކަމުގައެވެ.

އުމުރުން 61 އަހަރުގެ ކޮލެލާސްއަކީ ހަކުރު ބަލި ހުންނަ މީހެކެވެ. މިއީ ކޯވިޑްއަށް ޕޮޒިޓިވް ވެއްޖެނަމަ، ހައި ރިސްކް ގެޓަގަރީގެ ހާލަތެކެވެ.

ހޮސްޕިޓަލުގައި އެދުމަތި ކުރެވި، އޮކްސިޖަން މާސްކެއް އަޅުއްވައިގެން، ލޭގެ ޕްރެޝަން ބަލާ އާލާތް އަތަށް ލައްވައިގެން، ކޮލެލާސް އޮންނަވާ މަންޒަރު ދައްކުވައިދޭ ވޯޑިއޯއެއްވެސް ހުކުރުދުވަހު ސޯޝަލް މީޑިއާގައި އާންމު ވެގެން ގޮސްފައެވެ.

“އަހަރެންގެ ގައުމުގެ ލޮބިވެތި ރައްޔިތުން، އަހަރެން މިވަނީ ވަރަށް ބޮޑު ގިލަންވެރި ކަމެއްގެ ތެރޭގައި. އަހަރެން މިދަނީ މަރާ ހަގުރާމަ ކުރަމުން،” މޫނުގައި ހަރުކުރެވެފިވައިވާ އޮކްސިޖަން މާސްކް ނައްޓާލުމާއެކު، ބަލިކަށި އަޑަކުން ވާހަކަ ދައްކަވަމުން އިދިކޮޅު ކެނޑިޑޭޓު ވިދާޅުވެފައި ވެއެވެ. “އެހެންނަމަވެސް އަހަރެންގެ އެދުމަކީ، ފަހަތަށް ނުޖެހި، ހުރިހާ ރައްޔިތުންވެސް، ބަދަލަކަށް ވޯޓު ދެއްވުން. އަހަރެން މި ހަގުރާމައަށް ނުކުތީ އެއްވެސް ސަބަބެއް ނެތި އެއްނޫން،” އޭނާ ވިދާޅު ވެފައި ވެއެވެ.

އާންމު ވެގެން ގޮސްފައިވާ މި ވީޑިއޯއަކީ ސައްހަ ވީޑިއޯއެއްކަން ކޮލެލާސްގެ ކެމްޕޭން ތަރުޖަމާން ވަނީ ޔަގީން ކޮށްދެއްވާފައެވެ. ހޮސްޕިޓަލުގައި، ކޮލެލާސްގެ ޓެސްޓްތަކުގެ ނަތީޖާތައް ފެނިގފައިވާ ދެ މީހަކު ހޮނިހިރު ދުވަހު މީޑިއާތަކަށް ޔަގީންކޮށްދީފައިވާ ގޮތުގައި ކޮލެލާސްވަނީ ކޯވިޑް19އަށް ޕޮޒިޓިވް ވެފައެވެ.

2016 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައިވެސް ކޮލެލާސް މިހާރުގެ ރައީސް ޑެނިސް ސަސޯ ގުއެއްސޯއާއި ވާދަ ކުރައްވާފައި ވެއެވެ. އެހެންނަމަވެސް އިންތިޚާބުގައި %15 ގެ ތަފާތަކުން އޭނާ އަށް ލިބިވަޑައިގެންނެވީ 2 ވަނައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ކޮލެލާސްވަނީ މިހާރުގެ ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ، ރިޕަބްލިކް އޮފް ކޮންގޯއަކީ މިހާރު “ޕޮލިސް ސްޓޭޓަކަށް” ބަދަލު ވެފައި ވާކަމަށެވެ.

ރިޕަބްލިކް އޮފް ކޮންގޯގެ މިހާރުގެ ރައީސް ޑެނިސް ސަސޯ ގުއެއްސޯ އެގައުމުގައި ވެރިކަން ކުރައްވަމުން ގެންދަވާތާ 36 އަހަރު ވަނީ ވެގެން ގޮސްފައެވެ. އެންމެ ފަހުން، 2016 ވަނަ އަހަރު އެގައުމުގައި ބޭއްވުނު ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބު ކުރައްވާފައިވަނީ %60ގެ ބޮޑު އަޢުލަބިއްޔަތަކާ އެކީގައެވެ.

ރިޕަބްލިކް އޮފް ކޮންގޯގެ މިހާރުގެ ރައީސް ޑެނިސް ސަސޯ ގުއެއްސޯއަކީ 3 ވަނައަަށް އެންމެ ދިގު މުއްދަތަކަށް އެފްރިކާ ބައްރުގެ ގައުމެއްގެ ވެރިކަން ކުރައްވަމުން ގެންދަވާ ލީޑަރެވެ. އެންމެ ފުރަތަމަ އޭނާ ރިޕަޕްލިކް އޮފް ކޮންގޯގެ ވެރިކަން ކުރައްވާފައިވަނީ 1972-1992 އަށެވެ. އަދި އެއަށްފަހު، 1997 އިންފެށިގެން އޭނާ ގެންދަވަނީ އެގައުމުގައި ވެރިކަން ކުރައްވަމުންނެވެ.

ރިޕަބްލިކް އޮފް ކޮންގޯއަކީ، އެގައުމާއި އިންވެގެން އޮންނަ އަވައްޓެރި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ނުފޫޒު ވަރަށް ބޮޑަށް އޮންނަ ގައުމެކެވެ.

ރިޕަބްލިކް އޮފް ކޮންގޯގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ، 10،000 މަދު މީސްކޮޅެކެވެ. އަދި އެގައުމުގައި މިބަލީ މިހާތަނަށް މަރުވެފައިވަނީ 134 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.