ހަލުއި ކަމާއެކު ފެތުރެމުންދާ ކޯވިޑް19 ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 12 ގައުމަކުން އެގައުމަށް މީހުން އެތެރެވުން ޕާކިސްތާނުން މަނާ ކޮށްފިއެވެ.
މީގެތެރޭގައި ސައުތު އެފްރިކާ، ރުވާންޑާ އަދި ޓެންޒޭނިއާ ހިމެނެއެވެ.
މި ހަފްތާގެ އާދީއްތަ ދުވަހު ޕާކިސްތާނުގައި ވަނީ ރެކޯޑު އަދަދަކަށް ކޯވިޑް19 އަށް މީހުން ޕޮޒިޓިވް ވެފައެވެ. މިގޮތުން އާދީއްތަ ދުވަހު އެކަނިވެސް، ޕާކިސްތާނުގައި 3,667 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ، މިހާރު އަގައުމުގައި މިބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ، 626,802 އަށް އަރާފައެވެ.
އެންމެފަހުން، ބްރެޒިލުންނާއި އަދި ސައުތު އެފްރިކާއިން ކޯވިޑް19ގެ މުޅިން އާ ވޭރިއެންޓެއް ފެނިގެން ދިއުމާއި ގުޅިގެން ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (CAA)އިން ވަނީ، އެގައުމަށް ދަތުރު ނުކެރެވޭ ގިންތިތައް 3 ގިންތިއަކަށް ބަހާލާ، ކެޓަގަރީތައް A, B ،C ގެ ގޮތުގައި ކަނޑައަޅާފައެވެ. މީގެ ތެރެއިން 12 ގައުމެއްވަނީ ކެޓަގަރީ Cގައި ހިމަނާ، މިގައުމުތަކުން މީހުން ޕާކިސްތާނަށް އެތެރެވުން މިހާރުވަނީ މަނާ ކޮށްފައެވެ.
ޕާކިސްތާން ސަރުކާރުން ބުނެފައިވަނީ، މި 12 ގައުމުން އެގައުމަށް މީހުން އެތެރެވުން މަނާ ކުރެވިފައި އޮންނާނީ، މާރޗް 23 އިން ފެށިގެން އެޕްރިލް 5އާއި ހަމައަށް ކަމަށެވެ.
ކެޓަގަރީ Cގައި ހިމަނާ، ޕާކިސްތާނަށް މީހުން އެތެރެވުން މަނާ ކޮށްފައިވާ ގައުމުތަކަކީ، ބޮޓްސްވާނާ، ބްރެޒިލް، ކޮލަމްބިއާ، ކޮމޮރޮސް، ގާނާ، ކެންޔާ، މޮޒަމްބީކް، ޕެރޫ، ރުވާންޑާ، ސައުތު އެފްރިކާ، ޓެންޒޭނިއާ އަދި ޒެންބިއާއެވެ.
ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (CAA)އިން އާންމުކުރި ނޯޓިސްގައި ވަނީ، މީގެކުރިން ލުއި ދީފައިވާ ބައެއް ފިޔަވަޅުތައް އަލުން އިއާދަކޮށްފައެވެ. މިގޮތުން، މީގެކުރިން ޕާކިސްތާނު ޕާސްޕޯޓު ގެންގުޅޭ މީހުންނަށް އެގައުމަށް އެތެރެ ވެވޭގޮތަށް ކުރިން ލުއި ދީފައި އޮތްނަމަވެސް، މިހާރުވަނީ، އެފިޔަވަޅުވެސް އުވާލާފައެވެ.
އަދި މީގެ އިތުރުން، ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ވަނީ، ކެޓަގަރީ C އަލުން މުރާޖައާ ކުރިއިރު، އިގިރޭސި ވިލާތް މިގިންތިން އުނިކޮށް ގެޓަގަރީ Bގައި ހިމަނާފައެވެ. މި އޮތޯރިޓީން ބުނެފައިވާ ގޮތުގައި، ކެޓަގަރީ Aގައި ހިމެނޭ ގައުމުތަކުން މީހުން އެގައުމަށް ދަތުރުކުރުމުގައި ޕީސީއާރު ޓެސްޓްވެސް ހަދާކަށް ނުޖެހޭނެއެވެ.
މިގޮތުން ކެޓަގަރީ Aގައި ހިމަނާފައިވާ ގައުމުތަކަކީ، އޮސްޓްރޭލިއާ، ބޫޓާން، ޗައިނާ، ފިޖީ، ޖަޕާން، ކަޒަކިސްތާން، ލާއޮސް، މޮންގޯލިއާ، މޮރިޓާނިއާ، މޮރޮކޯ، މިޔަންމާ، ނޭޕާލް، ނިއޒިލޭންޑް، ސައުދި އަރަބިއާ، ސިންގަޕޯރ، ސައުތު ކޮރެއާ، ސްރީ ލަންކާ، ތަޖިކިސްތާން، ޓްރިނިޑޭޑް، ޓޮންގޯ އަދި ވިއެޓްނާމްއެވެ.
ކެޓަގަރީ Aގައި ނުހިމެނޭ ހުރިހާ ގައުމަކުންވެސް ޕާކިސްތާނަށް މީހުން އެތެރެވާއިރު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެއެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބުނެފައިވާ ގޮތުގައި، ކެޓަގަރީ A އަދި Cގައި ނުހިމެނޭ ހުރިހާ ގައުމަކީވެސް ކެޓަގަރީ Bގައި ހިމެނޭ ގައުމުތަކެވެ.
ކޮމެންޓު ފޮނުވާ