ރިޕަބްލިކް އޮފް ކޮންގޯގައި އެގައުމުގެ ރިޔާސީ އިންތިޚާބުގައި، އާދީއްތަ ދުވަހު ވޯޓު ތައްޔާރު ވެފައިވާއިރު، އިންތިޚާބު ކާމިޔާބު ކުރައްވާނޭކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، އެގައުމުގެ އިދިކޮޅި ކެނޑިޑޭޓް އޮންނެވީ، ކޯވިޑް19އަށް ޕޮޒިޓިވް، އަމިއްލަ ހަސްފަތާލެއްގައި އެދުމަތިކޮށް އޮކްސިޖަންގެ އެހީގައި ކަމުގައި، އޭނާގެ އާއިލާގެ މެމްބަރަކު ހާމަކޮށްފިއެވެ.
މި އިންތިޚާބުގައި ވާދަކުރަމުންދާ އިދިކޮޅު ކެނޑިޑޭޓު ބްރައިސްގެ ޕާރފެއިޓް ކޮލެލާސް، ކޯވިޑް އާލާސްކަންފުޅުގެ ކުރިންވެސް، މި އިންތިޚާބު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށް ޔަގީނާ ގާތަށް ވަނީ ބެލެވިގެން ގޮސްފައެވެ.
ރިޕަބްލިކް އޮފް ކޮންގޯގެ މިހާރުގެ ރައީސް ޑެނިސް ސަސޯ ގުއެއްސޯ އެގައުމުގައި ވެރިކަން ކުރައްވަމުން ގެންދަވާތާ 36 އަހަރު ވަނީ ވެގެން ގޮސްފައެވެ. އެންމެ ފަހުން، 2016 ވަނަ އަހަރު އެގައުމުގައި ބޭއްވުނު ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބު ކުރައްވާފައިވަނީ %60ގެ ބޮޑު އަޢުލަބިއްޔަތަކާ އެކީގައެވެ.
އެހެންނަމަވެސް، މެދުތެރޭ އެފްރިކާގެ ގައުމެއް ކަމުގައިވާ، ރިޕަބްލިކް އޮފް ކޮންގޯގެ ގާނޫނު އަސާސީ ބުނާ ގޮތުން، ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓަކު އާދަޔާ ޚިލާފަށް ބަލިވެއްޖެ ހާލަތުގައި، ނުވަތަ މަރުވެއްޖެ ހާލަތުގައި ރިޔާސީ އިންތިޚާބު ލަސްކުރުމުގެ ފުރުސަތު ވަނީ ލިބިދީފައެވެ.
ރިޕަބްލިކް އޮފް ކޮންގޯގެ މިހާރުގެ ރައީސް އެންމެ ބޮޑު ވާދަވެރިޔާ، ކޮލެލާސް ވަނީ އޭނާއަށް މެލޭރިއާ ޖެހިވަޑައިގެންފައިވާ ކަމަށް ރިޕޯޓަރުން ގާތުގެ ވިދާޅުވެފައެވެ. އަދި އޭނާއަށް ވަނީ ހުކުރު ދުވަހު ބޭއްވުނު އޭނާގެ އެންމެ ފަހުގެ ކެމްޕޭން އެއްވުމަށްވެސް ވަޑައި ނުގެންނެވިފައެވެ.
ހާލަތުގެ ނާޒުކު ކަމުން، ނަން ހާމަ ނުކުރުމަށް އެދި، އެސޯސިއޭޓް ޕްރެސްއަށް މައުލޫމާތު ދިން ކޮލެލާސްގެ އާއިލީ މެމްބަރަކު ވިދާޅުވެފައިވަނީ، އިތުރު ފަރުވާއަށް ކޮލެލާސް ގައުމުން ބޭރަށް ގެންދިއުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.
އުމުރުން 61 އަހަރުގެ ކޮލެލާސްއަކީ ހަކުރު ބަލި ހުންނަ މީހެކެވެ. މިއީ ކޯވިޑްއަށް ޕޮޒިޓިވް ވެއްޖެނަމަ، ހައި ރިސްކް ގެޓަގަރީގެ ހާލަތެކެވެ.
ހޮސްޕިޓަލުގައި އެދުމަތު ކުރެވި، އޮކްސިޖަން މާސްކެއް އަޅުއްވައިގެން، ލޭގެ ޕްރެޝަން ބަލާ އާލާތް އަތަށް ލައްވައިގެން، ކޮލެލާސް އޮންނަވާ މަންޒަރު ދައްކުވައިދޭ ވޯޑިއޯއެއް ހުކުރުދުވަހު ސޯޝަލް މީޑިއާގައި އާންމު ވެގެން ގޮސްފައެވެ.
"އަހަރެންގެ ގައުމުގެ ލޮބިވެތި ރައްޔިތުން، އަހަރެން މިވަނީ ވަރަށް ބޮޑު ގިލަންވެރި ކަމެއްގެ ތެރޭގައި. އަހަރެން މިދަނީ މަރާ ހަގުރާމަ ކުރަމުން،" މޫނުގައި ހަރުކުރެވެފިވައިވާ އޮކްސިޖަން މާސްކް ނައްޓާލުމާއެކު، ބަލިކަށި އަޑަކުން ވާހަކަ ދައްކަވަމުން އިދިކޮޅު ކެނޑިޑޭޓު ވިދާޅުވެފައި ވެއެވެ. "އެހެންނަމަވެސް އަހަރެންގެ އެދުމަކީ، ފަހަތަށް ނުޖެހި، ހުރިހާ ރައްޔިތުންވެސް، ބަދަލަކަށް ވޯޓު ދެއްވުން. އަހަރެން މި ހަގުރާމައަށް ނުކުތީ އެއްވެސް ސަބަބެއް ނެތި އެއްނޫން،" އޭނާ ވިދާޅު ވެފައި ވެއެވެ.
އާންމު ވެގެން ގޮސްފައިވާ މި ވީޑިއޯއަކީ ސައްހަ ވީޑިއޯއެއްކަން ކޮލެލާސްގެ ކެމްޕޭން ތަރުޖަމާން ވަނީ ޔަގީން ކޮށްދެއްވާފައެވެ. ހޮސްޕިޓަލުގައި، ކޮލެލާސްގެ ޓެސްޓްތަކުގެ ނަތީޖާތައް ފެނިގފައިވާ ދެ މީހަކު ހޮނިހިރު ދުވަހު މީޑިއާތަކަށް ޔަގީންކޮށްދީފައިވާ ގޮތުގައި ކޮލެލާސްވަނީ ކޯވިޑް19އަށް ޕޮޒިޓިވް ވެފައެވެ.
އާދީއްތަ ދުވަހަކީ ރިޕަބްލިކް އޮފް ކޮންގޯގައި ވޯޓުލާން ހަމަޖެހިފައިވާ ދުވަސްކަމުގައި ވިނަމަވެސް، ހޮނިހިރު ދުވަހުގެ އިރު އޮއްސުމާއި ހަމައަށްވެސް، ކޮލެލާސްގެ އާލާސް ކަންފުޅާއި ގުޅިގެން އެގައުމުގެ ސަރުކާރުގެ ފަރާތުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
2016 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައިވެސް ކޮލެލާސް މިހާރުގެ ރައީސް ޑެނިސް ސަސޯ ގުއެއްސޯއާއި ވާދަ ކުރައްވާފައި ވެއެވެ. އެހެންނަމަވެސް އިންތިޚާބުގައި %15 ގެ ތަފާތަކުން އޭނާ އަށް ލިބިވަޑައިގެންނެވީ 2 ވަނައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ކޮލެލާސްވަނީ މިހާރުގެ ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ، ރިޕަބްލިކް އޮފް ކޮންގޯއަކީ މިހާރު "ޕޮލިސް ސްޓޭޓަކަށް" ބަދަލު ވެފައި ވާކަމަށެވެ.
ރިޕަބްލިކް އޮފް ކޮންގޯގެ މިހާރުގެ ރައީސް ޑެނިސް ސަސޯ ގުއެއްސޯއަކީ 3 ވަނައަަށް އެންމެ ދިގު މުއްދަތަކަށް އެފްރިކާ ބައްރުގެ ގައުމެއްގެ ވެރިކަން ކުރައްވަމުން ގެންދަވާ ލީޑަރެވެ. އެންމެ ފުރަތަމަ އޭނާ ރިޕަޕްލިކް އޮފް ކޮންގޯގެ ވެރިކަން ކުރައްވާފައިވަނީ 1972-1992 އަށެވެ. އަދި އެއަށްފަހު، 1997 އިންފެށިގެން އޭނާ ގެންދަވަނީ އެގައުމުގައި ވެރިކަން ކުރައްވަމުންނެވެ.
ރިޕަބްލިކް އޮފް ކޮންގޯއަކީ، އެގައުމާއި އިންވެގެން އޮންނަ އަވައްޓެރި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ނުފޫޒު ވަރަށް ބޮޑަށް އޮންނަ ގައުމެކެވެ.
ރިޕަބްލިކް އޮފް ކޮންގޯގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ، 10،000 މަދު މީސްކޮޅެކެވެ. އަދި އެގައުމުގައި މިބަލީ މިހާތަނަށް މަރުވެފައިވަނީ 134 މީހުންނެވެ.
ކޮމެންޓު ފޮނުވާ