ޓެންޒޭނިއާގެ ތާރީޚުގައި އެގައުމުގެ ރައީސްކަމުގެ މަގާމަށް އިސްވެވަޑައިގަންވާ ފުރަތަމަ އަންހެން ބޭފުޅާގެ ގޮތުގައި، އެގައުމުގެ ނާއިބުރައީސް ސާމިއާ ސުލުހު ހަސަން، ރައީސް ކަމުގެ ހުވާ ކުރައްވައިފިއެވެ.
ސުލުހު ހަސަން ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސްކަމުގެ ހުވާ ކުރައްވާފައިމިވަނީ، ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލި، ކޯވިޑް ބަލީގައި އަވަހާރަވުމާއި ގުޅިގެންނެވެ.
"އަހުރެން، ސާމިއާ ސުލުހު ހަސަން، ޓެންޒޭނިއާގެ ގާނޫނު އަސާސީއަށް ފުރިހަމަޔަށް ބޯލަބާ އަދި އެގާނޫނު އަސާސީ ރައްކާތެރިކުރުމަށް ހުވާކުރަން،" ކަޅު ކުލައިގެ ކޯޓަކާއި ރަތްކުލައިގެ ބުރުގާއެއް ތުރުކުރައްވާ ހުންނަވައިގެން، ޓެންޒޭނިއާގެ ވެރިރަށް ދާރުއްސަލާމުގައި ބޭއްވުނު ރަސްމިއްޔާތުގައި ހުވާކުރައްވަމުން ހަސަން ވިދާޅުވެފައި ވެއެވެ.
ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު، ގައުމާ މުޚަތަބު ކުރައްވާ ދެއްވި ފުރަތަމަ ތަގުރީރުގައި އުމުރުން 61 އަހަރުގެ ސާމިއާ ވަނީ، އެގައުމުގެ ރައީސް މަގުފުލި އަވަހާރަ ވުމާއިގުޅިގެން 21 ދުވަސްވަންދެން ގައުމީ ހިތާމަ ފާޅުކުރުން ކުރިޔަށް ދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަވަހާރަވެފައިވާ ރައީސް މަގުފުލި ފަސްތާނުލުމުގެ ރަސްމިއްޔާތު ކުރިޔަށްދާ ދުވަސްތައް ކަމުގައިވާ މާރޗް 22 ވަނަ ދުވަފާއި އަދި މާރޗް 25 ވނަ ދުވަހަކީ ރަސްމީ ބަންދު ދުވަސްތައް ކަމުގައިވެސް ވަނީ ކަޑައަޅުއްވާފައެވެ.
"މިއީ އެކަކު އަނެކަކަށް އިގިލި ދިގުކުރުމުގެ ބަދަލުގައި، ރައީސް މަގުފިލި ދެކެވަޑައިގެންނެވި ފަދަ ޓެންޒޭނިއާއެއް ބިނާ ކުރުމަށްޓަކާ އެންމެން އަތާއަތް ގުޅާލަންވީ ވަގުތު،" އާ ރައީސް ހަސަން ވިދާޅިވިއެވެ.
"މިއަދަކީ، އަހަރެން ތިޔަ ބޭފުޅުންނާ މުޚާތަބުކޮށް ވާހަކަދައްކާ އުފާވެރި ދުުވަހެއް ނޫން، ސަބަބަކީ، އަހަރެންގެ ހިތުގައި އެތައް ކެކުޅުންތަކެއް ވާތީ،" ހަސަން ވިދާޅުވިއެވެ.
"މިއަދު އަހަރެން ހުވާ މިކުރީ، އަހަރެންގެ ހަޔާތުގައި މިހާތަނަށް ކުރި ހުރިހާ ހުވައަކާވެސް މުޅިން ތަފާތު ހުވައެއް، ސަބަބަކީ އެހެން ހުރިހާ ހުވައެއްވެސް އަހަރެން ކޮށްފައިވަނީ އުފާވެރި ކަމާއެކު. އެހެންނަމަވެސް، ޓެންޒޭނިއާގެ ރައީސްކަމާ އަހަރެން މިހަވާލުވަނީ ފުން ހިތާމެއްގައި ހުރެގެން،" ޓެންޒޭނިއާގެ ގަޑިން ހެނދުނު 10:00 ގައި ހުކުރު ދުވަހު ބޭއްވުނު ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވެފައި ވެއެވެ.
ސުހުލު ހަސަން ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސްކަމުގެ ހުވާ ކުރައްވާފައިވަނީ، އެގައުމުގެ ސަރުކާރުން ވިދާޅުވާ ގޮތުންނަމަ ހިތްޕުޅުގެ އާލާސްކަންފުޅުގައި، އެގައުމުގެ ރައީސް މަގުފިލި އަވަހާރަ ވުމާގުޅިގެންނެވެ. މަގުފުލި އަވަހާރަ ވެފައިވަނީ، އާންމުގެ ތެރެއިން ނުފެނި އެތައް ދުވަހެއް ވެފައިވަނިކޮށެވެ. ގިނަބަޔަކު ދެކޭގޮތުގައި އޭނާ އަވަހާރަވީ ކޯވިޑް19 އަށް ޕޮޒިޓިވް ވުމަށްފަހުއެވެ.
ޓެންޒޭނިއާގެ ގާނޫނު އަސާސީ ބުނާގޮތުން ރައީސް މަގުފުލި އަވަހާރަ ވުމާ ގުޅިގެން، އޭނާގެ ދައުރުގެ ބާކީ އޮތްތަނުގައި އެގައުމުގެ ރައީސްކަމުގެ މަގާމް އަދާކުރައްވާނީ، އުމުރުން 61 އަހަރުގެ ހަސަންއެވެ.

މަގުފުލި ޓެންޒޭނިއާގެ ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތީ ފާއިތުވެދިޔަ އަހަރު ބޭއްވުނު އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އޭނާ އިންތިޚާބުވެ ވަޑައިގެންފައިވަނީ ދެވަނަ ދައުރަށެވެ.
ކޯވިޑް19 އާއިގުޅޭގޮތުން ތަފާތު ގޮތްގޮތަށް އެތަކެއް ވާހަކަތަކެއް ދައްކަވަމުން ގެންދެވި މަގުފުލި އެންމެފަހުން އާންމުގެ ތެރެއިން ފެނިފައިވަނީ، ފާއިތުވެދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
އެއަށްފަހު އެގައުމުގެ އިސް އޮފިޝަލުން ގެންދެވީ އޭނާ އުޅުއްވަނީ އާލާސްކަންފުޅާކަމަށް ދެކެވެމުންދިޔަ ވާހަކަތައް ދޮގު ކުރައްވަމުންނެވެ. އެހެންނަމަވެސް، އޭނާ ވަރަށް ބޮޑަށް ބަލިވެ އުޅްވާކަމާއި، އަދި މަގާމް ޒިންމާ އަދާނުކުރެވޭ ވަރަށް ހާލުކޮޅު ދެރަވެފައިވާ ކަމުގެ ވާހަކަތައް ވަނީ އޮންލައިން މީޑިއާތަކުގައި ފެތުރިފައެވެ.
ޓެންޒޭނިއާގެ ރައީސް މަގުފުލި އަކީ ކޯވިޑް19 އަކީ ބިރުވެރި ބައްޔެއް ނޫންކަމުގައި ވިދާޅުވަމުން ގެންދެވި ލީޑަރެކެވެ. އަދި އޭނާ ގެންދެވީ، މިބަލިން ރައްކާތެރިވުމަށް ދުއާ ކުރުމަށާއި، ބައްޔާއި ދެކޮޅަށް، އެގައުމުގައި ބަލިތަކަށް ޒަމާނުއްސުރެއް ކުރަމުންއައި ފަރުވާތަކާއި، އާދަކާދަތަކުގެ ބޭނުންކުރުމަށް ގޮވާލައްވަމުންނެވެ.
ފާއިތުވެދިޔަ އަހަރުގެ ޖޫންމަހުން، މަގުފުލި ވަނީ، ކަލާގެ ވަންތަ ބާރަކުން، ޓޭންޒޭނިއާއިން ކޯވިޑްބަލި ނެތިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ އެއްމަސް ކުރިން، އެއަހަރުގެ އެޕްރިލް މަހުންފެށިގެން އެގައުމުގެ ސަރުކާރުންވަނީ، ކޯވިޑްބަލި ޖެހޭ މީހުންގެ އަދަދު އާންމުކުރުން ހުއްޓާލާފައެވެ.
މަގުފުލި ކުރިންވަނީ މާސްކު އެޅުމަށް ދެކޮޅު ހައްދަވާ، އަދި ލޮކޮޑައުންގެ އުސޫލުތައް އެގައުމުގައި ދެމެހެއްޓުމަށްވެސް ދެކޮޅު ހައްދަވާފައެވެ. އެހެންނަމަވެސް އޭނާ އާންމުންގެ ތެރެއިން ނުފެންނަން ފެށިތާ ހަފްތާތަކެއް ކުރިން، އަދި އަވައްޓެރި، ޒެންޒިބާރު ނާއިބު ރައީސް ކޯވިޑް ބަލީގައި އަވާރަވި ޚަބަރު ލިބިވަޑައިގަތުމާއެކު، މަގުފުލި ވަނީ، ޓޭންޒޭނިއާގަވެސް އަދިވެސް ކޯވިޑް19 ފެތުރެމުން ދާކަމަށް ވިދާޅުވެފައެވެ.
ވަނަމަކަށް “ބުލްޑޯޒަރ”ގެ ނަމުން މުޚާތަބްކުރެވޭ މަގުފުލި، 2015 ވަނަ އަހަރު އެންމެ ފުރަތަމަ ޓެންޒޭނިއާގެ ރައީސް ކަމަށް އިންތިޚާބު ވެވަޑައިގެންފައިވަނީ، ޓެންޒޭނިއާއިން ކޮރަޕްޝް ނެތިކޮށްލާނެ ކަމުގެ ވައުދުތަކާ އެކީގައެވެ. އަދި، އިންތިޚާބުގެ ސައްޙަކަމާމެެދު އެތަކެއް ސުވާލު އުފެދިގެން ގޮސްފައިވާ ދެވަނަ ދައުރަކަށް އޭނާ އިންތިޚާބުވެ ވަޑައިގަތީ ފާއިތުވެދިޔަ އަހަރުއެވެ.
އޭނާގެ ވެރިކަމުގައި، ޑިމޮކްރަސީ ނެތިގެންދާކަމާއި، މީޑިއާގެ މިނިވަން ނެތިކުރުމަށް އެނާގެ ސަރުކާރުން އަމަލުކޮށްފައިވާ ހަރުކަށިކަމުގެ ސަބަބުން، ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ ފާޑިކުއުން އޭނާއަށް ފާއިތުވެދިޔަތަނުގައި ވަނީ ވަރަށް ބޮޑަށް އަމާޒުވެގެން ގޮސްފައެވެ.
ފާޑުވިދާޅުވާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ކޯވިޑް19އަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ވިދާޅުވެ، އަދި ގައުމު ލޮކްޑައުން ކުރުމަށް ދެކޮޅު ހައްދަވާ، އޭނާ ގެންގުޅެމުންއައި ސިޔާސަތުގެ ސަބަބުން އެގައުމުގެ އެތައްބަޔަކު ވަނީ މިބަލީގައި މަރުވެގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ